Roadha Mihaaru
ސަލްމާން ރަސްގެފާނުގެ ދައުވަތެއް އީރާންގެ ރައީސަށް

ސަލްމާން ރަސްގެފާނުގެ ދައުވަތެއް އީރާންގެ ރައީސަށް

20 މާޗް 2023

އީރާންގެ ރައީސް އިބްރާހީމް ރައީސީ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް ޒިޔާރަތްކުރެއްވުމަށް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދައުވަތު ދެއްވައިފި އެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް ޒިޔާރަތްކުރެއްވުމަށް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދައުވަތު ދެއްވައިފި އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ގައުމުން އަލުން ސިޔާސީ ގުޅުން ގާއިމުކުރިތާ 10 ދުވަހުގެ ތެރޭގައި، އީރާންގެ ރައީސަށް، ސައުދީ ރަސްގެފާނުގެ ޚާއްސަ ދައުވަތެއް ފޮނުއްވީ ރަސްގެފާނުގެ ފަރާތްޕުޅުން ފޮނުއްވި ޝާހީ ފަތްކޮޅެއްގަ އެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރި ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ހައްލުކުރަންޖެހިފައިވާ ގިނަ މައްސަލަތަކެއް އަދިވެސް އެބަހުއްޓެވެ.

އީރާން ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ޖަމްޝީދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސައުދީ ރަސްގެފާނުގެ ދައުވަތަށް އީރާންގެ ރައީސް އިބްރާހީމް ރައީސީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސައޫދީއާ އެކުގައި ގުޅުން ބަދަހިކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާގެ ޓުވީޓްގައިވެ އެވެ.

އޭގެ އިތުރުން އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު ވިދާޅުވި ގޮތުގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި އެ ބައްދަލުވުން ބޭއްވިދާނެ ތިން ތަނެއް އީރާނުން ސައޫދީ އަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ގުޅުން އަލުން އިއާދަކުރުމަށް ފަހު، އީރާނާއި ސައޫދީން ވެސް ވަނީ، ކުރިއަށް އޮތް ދެ މަސް ތެރޭގައި ދެ ގައުމުގެ އެމްބަސީ ހުޅުވައި، ވިޔަފާރީގެ ރޮނގުންނާއި ސަލާމަތީ ދާއިރާ އިން އިތުރަށް ގުޅުން ބަދަހިކުރަން އެއްބަސްވެފަ އެވެ.

އީރާނާއި ސައޫދީއާ ދެމެދުގައި މިހާރު ހައްލުކުރަން ޖެހިފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ޔަމަން ހަނގުރާމައިގައި ދެ ގައުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ މައްސަލަ އެވެ. ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރު ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެދެމުން އަންނަނީ ސައޫދީ އަރަބިއްޔާ އިންނެވެ.

އަދި ޔަމަންގެ ހޫތީ ހަނގުރާމަވެރިންނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އީރާނުންނެވެ. އީރާނުން ހޫތީންނަށް ދޭ ހަތިޔާރު ބޭނުންކޮށްގެން، ހޫތީން ދަނީ ސައޫދީ އަރަބިއްޔާގެ ތެރެއަށް ވެސް ހަމަލާތައް ދެމުންނެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ނަމަވެސް ޗައިނާ ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކޮށް، އީރާނާއި ސައޫދީއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރީ، މާޗް 10، 2023 ގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދެ ގައުމުން އެކަން އިއުލާން ކުރީ، ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީގެ ދެފަރާތުގައި، ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ ތިއްބަވައިގެން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހު އެވެ.