Roadha Mihaaru
ހަމަލާއާ އެކު ފަލަސްތީނު މީހުންނަށް ދަތިކޮށްފި

ހަމަލާއާ އެކު ފަލަސްތީނު މީހުންނަށް އިޒްރޭލުން ދަތިކޮށްފި

09 ޖޫން 2016

ގުދުސް (ޖޫން 9) - ތެލް އަވީވުގައި ހަމަލާދީ ހަތަރު މީހަކު މަރާލުމާ ގުޅިގެން ފަލަސްތީނުގެ 83،000 މީހަކަށް އިޒްރޭލުން ދަތިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖޫން 9) - ތެލް އަވީވުގައި ހަމަލާދީ ހަތަރު މީހަކު މަރާލުމާ ގުޅިގެން ފަލަސްތީނުގެ 83،000 މީހަކަށް އިޒްރޭލުން ދަތިކޮށްފި އެވެ.

އޮފިޝަލުން ބުނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެ މީހަކު ބަޑިން ހަމަލާ ދިނުމުން އުމުރުން 32 އަހަރާއި 58 އަހަރާ ދެމެދުގެ ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ. އަދި 16 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހަމަލާ ދިން ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާ އަށް ފަހު އިޒްރޭލުގެ އިމަޖެންސީ ސާވިސްގެ މެންބަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ އަށް ފަހު އިޒްރޭލުގެ އިމަޖެންސީ ސާވިސްގެ މެންބަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ހަމާސް ޖަމާއަތުން ވަނީ ހަމަލާ އަށް ތައުރީފްކޮށްފަ އެވެ. އަދި އެއީ ބަތަލުންނާ އެއްވަރުގެ ބައެއް ކަމަށް ވަނީ ބުނެފަ އެވެ. ހަމާސް އިން ވަނީ ރޯދަ މަހު މި ބާވަތުގެ އިތުރު ހަމަލާތަކާ އިޒްރޭލަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މި ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީން އަދި ވަކި އެއްޗެއް ނުވެ އެވެ.

ތެލް އަވީވުގައި އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ތެލް އަވީވުގައި އިޒްރޭލް ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފަލަސްތީނާއި އިޒްރޭލާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. މި މުއްދަތުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު އިޒްރޭލުގެ 33 މީހުން ވެސް މަރުވެފައިވެ އެވެ.

ހަމަލާ ދިން ތަނަށް ވަޑައިގެންނެވި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ ޓެރަރިޒަމުގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލް ސިފައިން ފަލަސްތީނުގެ ބަޔަކު ބަލާ ފާސް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާއާ ގުޅިގެން އިޒްރޭލް ސިފައިން ފަލަސްތީނުގެ ބަޔަކު ބަލާ ފާސް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ އަށް ފަހު އިޒްރޭލުން ވަނީ ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕުގައި ދިރިއުޅޭ ފަލަސްތީނު މީހުން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ތަންތަނަށް ޒިޔާރަތް ކުރުމުގެ ހުއްދަ ބާތިލްކޮށްފަ އެވެ. މީގެ ތެރޭގައި ރޯދަ މަހު އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމާއި ތެލް އަވީވް އެއާޕޯޓަށް ފުރަން ދިއުން ވަނީ މަނާކޮށްފަ އެވެ. ހަމަލާ ދިން ދެ މީހުންގެ އާއިލާގެ 204 މީހަކު ވެސް އިޒްރޭލުގެ އެކި ތަންތަނަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފަ އެވެ. ހަމަލާ އަށް ފަހު ތެލް އަވީވުގެ އެކި ހިސާބުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ