Roadha Mihaaru
ޔަހޫދީން ފަލަސްތީނުގެ ގެތަކެއް އަންދާލައިފި

ޔަހޫދީން ފަލަސްތީނުގެ ގެތަކެއް އަންދާލައިފި

27 ފެބުރުއަރީ 2023

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގެ ދެކުނުން އޮންނަ ހިވާރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެތަކުގައި، ޔަހޫދީ ވަޒަންވެރިން ރޭ އިރާކޮޅު ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގެ ދެކުނުން އޮންނަ ހިވާރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެތަކުގައި، ޔަހޫދީ ވަޒަންވެރިން ރޭ އިރާކޮޅު ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން، ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖެހީ، ހިވާރާ އަވަށުގައި ކާރެއްގައި ދަތުރު ކުރި ޔަހޫދީ ދެ ޒުވާނެއްގެ ގަޔަށް، ފަލަސްތީނުގެ ޒުވާނަކު ބަޑި ޖަހައި އެ ދެ ޒުވާނުން މަރައިލުމުން، އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ފަލަސްތީނުގެ ހަނގުރާމަވެރިން ބުނި ގޮތުގައި ހިވާރާގައި، ޔަހޫދީ ދެ ޒުވާނުންގެ ގަޔަށް ބަޑިޖަހައި މަރައިލީ، މިދިޔަ ބުދަ ދުވަހު އިޒްރޭލު ސިފައިން ނާބުލްސްގައި ބަޑިޖަހައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލާފައިވާތީ، އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

ފެބްރުއަރީ 26، 2023؛ ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހިވާރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖަހައި އެންދުމުގެ ތެރޭގައި ރޯކޮށް އަންދާލާފައިވާ ކާރުތަކެއް. --އޭއެފްޕީ

ފެބްރުއަރީ 26، 2023؛ ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހިވާރާ އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖަހައި އެންދުމުގެ ތެރޭގައި ރޯކޮށް އަންދާލާފައިވާ ކާރުތަކެއް. --އޭއެފްޕީ

ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި ހިވާރާ އަވަށުގައި ފަލަސްތީނު މީހުން ދިރިއުޅޭ ސަރަހައްދަށް، ޔަހޫދީ ވަޒަންވެރިން ރޭ އިރާކޮޅު ވަދެގަތީ، އިޒްރޭލު ސިފައިންގެ ފުރިހަމަ ހިމާޔަތާ އެކުގަ އެވެ. ހަތިޔާރު އަޅައިގެން ތިބި ޔަހޫދީ ވަޒަންވެރިން އެ ސަރަހައްދަށް ވަދެގަނެ، ފަލަސްތީނު މީހުންގެ 30 ގެ އާއި ބައެއް ފިހާރަތަކުގެ އިތުރުން، ފަލަސްތީނު މީހުންގެ ބައެއް ކާރުތަކުގައި ވެސް ހުޅުޖެހި އެވެ.

ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖެހުމުން، އެ ތަންތަން ނިއްވުމަށް ފަލަސްތީނު ސަރުކާރުގެ އަލިފާން ނިއްވާ މީހުން އެ ސަރަހައްދަށް ދިއުމުން، އިޒްރޭލު ސިފައިން ވަނީ މަގު ބަންދުކޮށް، އަލިފާން ނިއްވުމަށް ހުރަސްއަޅައިފަ އެވެ. ގެތަކުގައި ރޯވެ އަނދަން ފެށުމުން، އެ ގެތަކުގެ މީހުން ރައްކާތެރިކަން ހޯދުމަށް ބޭރަށް ނުކުމެ އުޅެން ފެށުމުން، އިޒްރޭލު ސިފައިން ވަނީ އެމީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފަ އެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ، އަމިއްލަ އަށް ގާނޫނު ތަންފީޒުކުރަން ނުއުޅެ، ސަރުކާރުން އެކަންކަމާ ކުރިމަތިލުމުގެ ފުރުސަތު ދިނުމަށެވެ. އަދި ޔަހޫދީ ވަޒަންވެރިން އަމިއްލަ އަށް ގާނޫނު ތަންފީޒުކުރަން އުޅުމުން، ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް ދަތިވާ ކަމަށް ވެސް އިޒްރޭލު ސަރުކާރުން ބުނެ އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނި ގޮތުގައި ހިވާރާ އަވަށުގައި ޔަހޫދީ ދެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރައިލުމަކީ، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލޭއޮހޮރުވުންތަކުގެ ބަދަލު ހިފުމުގެ ގޮތުން، ހިނގުން އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އިޒްރޭލު ސިފައިން ފަލަސްތީނުގެ ކުށެއް ނެތް މީހުން މަރަމުން ދާއިރު، ފަލަސްތީނު ރައްޔިތުން ވެސް ދެ އަތް އުރާލައިގެން ތިބޭނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ.

އިޒްރޭލު ސަރުކާރުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި، މިއަހަރަކީ ލޭއޮހޮރުވުން އެންމެ ބޮޑު އެއް އަހަރަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއަހަރުގެ މިއަދާ ހަމައަށް 53 ފާއިތުވެފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި މިއަހަރު ޝަހީދު ކޮށްލި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 63 އަށް އަރައިފަ އެވެ.

އަދި މި މުއްދަތުގެ ތެރޭގައި، ފަލަސްތީނު މީހުންގެ ތަފާތު ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ. އޭގެ އިތުރުން އިޒްރޭލަށް ޒިޔާރަތްކޮށްގެން އުޅުނު ޔޫކްރޭންގެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.

އދ.ގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ލޭއޮހޮރުވުން އެންމެ ބޮޑު އަހަރެވެ. އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ އަހަރު ހުޅަނގު އައްސޭރިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 171 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެ އެވެ.