Roadha Mihaaru
ގާޒާއިން ޝަހީދުވި އަދަދު 100 އިން މައްޗަށް

ގާޒާގައި ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް، ހަމަލާތައް އެއްގަމުން

14 މެއި 2021

އެތައް އަހަރެއް ކުރިން ފެށިގެން އިޒްރޭލުން ހިސާރުކޮށްފައިވާ ގާޒާ އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް، އެއްގަމު މަގުން ވެސް ހަމަލާދޭން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެތައް އަހަރެއް ކުރިން ފެށިގެން އިޒްރޭލުން ހިސާރުކޮށްފައިވާ ގާޒާ އަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް، އެއްގަމު މަގުން ވެސް ހަމަލާދޭން ފަށައިފި އެވެ.

ގާޒާއަށް އެތައް ދުވަހެއް ވަންދެން ބޮން އެޅުމަށް ފަހު، އެއްގަމު މަގުން ވެސް ހަމަލާދޭން ފަށާފައިވާއިރު، އެ ހަމަލާތަކުގައި މިހައިތަނަށް ޝަހީދުވި މީހުންގެ އަދަދަކީ 119 އެވެ. އޭގެ ތެރޭގައި 31 ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 800 އަށް ވުރެ އިތުރުވެފަ އެވެ.

އިޒްރޭލުން މިހާރު ވަނީ ގާޒާއަށް އަށް އަރައިގަތުމަށް ޓަަކައި ޓޭންކްތަކާއިި އެހެން ބަރު ހަތިޔާރުތައް ސަރަހައްދީ ރޮނގުގެ ކައިިރިއަށް ޖަމާކޮށްފަ އެވެ.

އެތައް ފަހަރެއްގެ މަތިން އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން މިހާރުވެސް ވަރަށް ބޮޑަށް ވީރާނާވެފައިވާ ގާސާއަށް ވަރުގަދަ ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތައް ހުއްޓައިލަން ގޮވައިލުން ފިޔަވައި އެއްވެސް ކަމެއް ބައިނަލް އަގުވާމީ މުޖުތަމައަކުން އަދި ނުކުރެ އެވެ. ހަމަލާތައް ހުއްޓައިލަން އދ. އިން ގޮވައިލުމުން އިޒްރޭލު ސަރުކާރުން ބުނީ ކުރިން ޖަވާބުދޭހެން، އެއީ ދިފާއުގައި ކުރާ ކަމެއް ކަމަށެވެ.

އިޒްރޭލުން މިފަހަރު ގާސާއަށް ހަމަލާދޭން ފެށީ، އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާހް ނަމަކަށް ކިޔާ ސަރަަހައްދުގައިވާ ފަލަސްތީނުމީހުންގެ ގެތަކުން، އެމީހުން ނެރޭތީ، ގާާޒާ ކޮންޓްރޯލް ކުރާ ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. ހަމާސް އިޒްރޭލަށް ރޮކެޓްހަމަލާދޭން ފެށީ ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުން ހުއްޓައިލަން މުހުލަތެއް ދިނުމަށް ފަހު އެ މުހުލަތު ހަމަވުމުންނެވެ.

އިޒްރޭލުގެ ކޯޓުތަކުން އަމުރުތަކެއް ނެރެގެން ޝައިޚު ޖައްރާހުގެ އެތައް ގެއަކުން ފަލަސްތީނު މީހުން ނެރެ، އެތަންތަނަށް ޔަހޫދީން ވެއްދުމުގެ ޖަރީމާއަށް ދެކޮޅަށް ފަލަސްތީނު މީހުން ދަނީ މުޒާހަރާތަައް ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅުމުގެ ނަމުގައި އިޒްރޭލުން ދަނީ އިތުރު ޖަރީމާތައް ހިންގަމުންނެެވެ. އެގޮތުން ރޯދަމަހުގެ ފަހު ދިހައިގައި އަލް އަގުސާ މިސްކިތަށް ހަތިޔާރާ އެކު ސިފައިން ވަައްދައި، އަޅުކަން ކުރަން ތިބި މީހުންނަށާއި މިސްކިތަށް ވެސް ބޮޑެތި ގެއްލުންތައް ދިނެވެ.

ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު އިޒްރޭލު އުފައްދައި، އދ. އިން އެއީ ގައުމެއް ކަމަށް ކަނޑަައެޅި އިރު، ގުދުސަކީ އެ އުފެއްދި ދައުލަތުގެ ތަނެއް ނޫނެވެ. އޭގެ ފަހުން އިޒްރޭލުން ގުދުސަށް ވެރިވެގަތުމުން، އެތަނުގައި ޔަހޫދީން އާބާދުކުރުން، އދ. އިން ވެސް ވަނީ މަނާކޮށްފަ އެވެ. އެކަމަކު އޭރުން ފެށިގެން ވެސް އިޒްރޭލުން ގުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން ހުއްޓައެއް ނުލައެވެ. އެކަން ހުއްޓުވަން، ގަރާރުތައް ފާސްކުރުން ފިޔަވާ އިތުރު ފިޔަވަަޅެއް އދ. އަކުން ނާޅަ އެވެ.