Roadha Mihaaru
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ

ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ

16 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ ވެސް ކުކުނު މެޗުން ބަލި ވެއްޖެ އެވެ.

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ ވެސް ކުކުނު މެޗުން ބަލި ވެއްޖެ އެވެ.

ނިިއުކާސަލް ރަށުން ބޭރުގައި ބަލިވީ އެސްޓަން ވިލާއާ ވާދަކޮށް 3-0 އިންނެވެ. ޗެލްސީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން އަތްދަށުވިއިރު ޓޮޓެންހަމް އަމިއްލަ ދަނޑުގައި ބޯންމަތު އަތުން ބަލިވީ 3-2 އިންނެވެ.

އުނެއި އެމެރީގެ އެސްޓަން ވިލާ ވަނީ ފުރަތަމަ ހާފުގައި ޖޭކޮބް ރަމްސޭގެ ގޯލުން ލީޑު ނަގައިފަ އެވެ. ފަހު ހާފުގައި ދެ ގޯލު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ.

އެސްޓަން ވިލާ އިން ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހުަމށް ފަހު.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާ އިން ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހުަމށް ފަހު.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު އެސްޓަން ވިލާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް، ހަތް މެޗުން މޮޅުވެ، ގަދަ ހަތަރަކާ ހަ ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. އެޓީމް މިވަގުތު އޮތީ 31 މެޗުން 50 ޕޮއިންޓް ހޯދައިގެން ލީގުގެ ހަވަނައިގަ އެވެ.

ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް 56 ޕޮއިންޓް ލިބިފައި ވާއިރު ނިއުކާސަލް ތިންވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ޔުނައިޓެޑް އޮތީ ހަތަރުވަނައިގަ އެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 31 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ.

ބޯންމަތު ކޮޅަށް މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމްގެ ސޮން ހެއުން މިން ގޯލެއް ޖަހައިފައި ވަނިކޮށް، އެއްވަރުވީ މަޓިއަސް ވީނާ ޖެހި ގޯލުންނެވެ. އަދި ދެވަނަ ހާފުގައި ޑޮމިނިކް ސޮލަންކޭ ވަނީ ބޯންމަތަށް ލީޑު ވެސް ނަގައިދީފަ އެވެ. ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް އާނައުޓް ޑަންޖޫމާ ޓޮޓެންހަމަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ބޯންމަތުން ތިން ޕޮއިންޓް ކަށަވަރު ކުރީ މެޗުގެ އިތުރު ވަގުތުގައި ޑަންގޯ އޮއާޓަރާ ޖަހައިދިން ގޯލުންނެވެ.

ބޯންމަތުން ޓޮޓެންހަމް ބަލިކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބޯންމަތުން ޓޮޓެންހަމް ބަލިކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ވަގުތީ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވެ އެޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. ބްރައިޓަން އިން ޗެލްސީ ބަލިކުރީ ފަހަތުން އަރައެވެ.

މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޗެލްސީ އަށް ލަނޑެއް ޖެހިފައި ނުވާއިރު، ކޮނޯ ގަލަގާ ވަނީ ޗެލްސީއަށް މެޗުގެ ކުރީކޮޅު ގޯލެއް ޖަހައިދީ ލީޑު ނަގައިދީފަ އެވެ. ނަމަވެސް ބްރައިޓަން އިން ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޑެނީ ވެލްބެކް ޖަހައިދިން ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ބްރައިޓަން މޮޅުވި ލަނޑު 69 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ޖަހައިދިނީ ހޫލިއޯ އެންސީސޯ އެވެ.

މި ނަތީޖާއާ އެކު ބްރައިޓަން އޮތީ ކުޅުނު 29 މެޗުން 49 ޕޮއިންޓް ހޯދައިގެން ހަތްވަނައިގަ އެވެ. މިހާތަނަށް 31 މެޗު ކުޅެގެން 39 ޕޮއިންޓް ލިބިފައިވާ ޗެލްސީ އޮތީ 11 ވަނައިގަ އެވެ.

ލީގު ތާވަލްގައި ޗެލްސީގެ ފަހަތުން 12 ވަނައިގައި އޮތީ ރޭ 2-0 އިން ސައުތެމްޓަން ބަލިކުރި ކްރިސްޓަލް ޕެލަސް އެވެ. އަދި 13 ވަނައިގައި އޮތް ވުލްވްސް ވަނީ، 2-0 އިން ނުވަވަނައިގައި އޮތް ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ލީގުގެ 10 ވަނައިގައި އޮތް ފުލަމް ވަނީ 3-1 އިން އެވަޓަން ބަލިކޮށްފަ އެވެ.

ޕެނަލްޓީއަކުން ހާލަންޑް ރޭގެ މެޗުގައި ސިޓީއަށް ގޯލު ޖަހައިދެނީ.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީއަކުން ހާލަންޑް ރޭގެ މެޗުގައި ސިޓީއަށް ގޯލު ޖަހައިދެނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ ރޭ 3-1 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޖޯން ސްޓޯންސް ލަނޑެއް ޖަހައިދިން އިރު އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. ހާލަންޑްގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ލެސްޓާގެ ހަމައެކަނި ލަނޑު ފަހު ހާފުގައި ޖަހައިދިނީ ކެލެޗީ އިހެނާޗޯ އެވެ.

މި ނަތީޖާއާ އެކު ލީގުގެ ދެވަނައިގައި އޮތް ސިޓީ ވަނީ 30 މެޗުން 70 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް ވަނީ 30 މެޗުން 73 ޕޮއިންޓް ހޯދައިފަ އެވެ.

ހާލަންޑްގެ ދެ ގޯލާ އެކު އޭނާ ވަނީ ލީގުގައި 32 ގޯލު ހަމަކޮށްފަ އެވެ. އަދި މުޅި ސީޒަންގައި އޭނާ ވަނީ ސިޓީއަށް މިހާތަނަށް 47 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ސިޓީ އާއި އާސެނަލް، ސިޓީގެ ދަނޑުގައި ބައްދަލުކުރާނެ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެއީ ފައިނަލް މެޗެއް ގޮތުގައި ސިފަކޮށްފަ އެވެ.

"މި މެޗުން މޮޅުވެގެން [އާސެނަލް] މެޗަށް ކުރިމަތިލުން ވަރަށް މުހިންމު ކަމެއް. މިއީ ސިޓީ އަށް ހަމަ ފައިނަލެއް،" ގާޑިއޯލާ ބުންޏެވެ.

"މި މެޗު ގެއްލިއްޖެނަމަ ސިޓީ އަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލޭނެ. އެކަމަކު މި މެޗަށް ކުރިމަތިލާން ޖެހޭނީ އާސެނަލްއާ ގާތުގައި އޮވެގެން."

އާސެނަލް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ސިޓީން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ެޔާން މިއުނިކާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އެފްއޭ ކަޕް ސެމީ ފައިނަލްގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ވެސް އެބަ އޮތެވެ.