Roadha Mihaaru
އިންޑިއާގެ އާބާދީ، މިއަހަރު ޗައިނާއަށް ވުރެ އިތުރުވަނީ

އިންޑިއާގެ އާބާދީ މިއަހަރުގެ ތެރޭގައި ޗައިނާއަށް ވުރެ އިތުރުވަނީ

19 އެޕްރީލް 2023

ޗައިނާގެ އާބާދީގެ މައްޗަށް މިއަހަރުގެ މެދު ތެރޭގައި އިންޑިއާ ކުރި ހޯދައި، ދުނިޔޭގެ އާބާދީ އެންމެ ބޮޑު ގައުމަށް މިއަހަރުގެ ތެރޭގައި އިންޑިއާ ވާނެ ކަމަށް، އދ. މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޗައިނާގެ އާބާދީގެ މައްޗަށް މިއަހަރުގެ މެދު ތެރޭގައި އިންޑިއާ ކުރި ހޯދައި، ދުނިޔޭގެ އާބާދީ އެންމެ ބޮޑު ގައުމަށް މިއަހަރުގެ ތެރޭގައި އިންޑިއާ ވާނެ ކަމަށް، އދ. މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އދ.ގެ އާބާދީއާ ބެހޭ އިދާރާ، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މެދުތެރޭގައި އިންޑިއާގެ އާބާދީގައި، ޗައިނާގެ އާބާދީއަށް ވުރެ ތިން މިލިއަން މީހުން އިތުރުވާނެ އެވެ. އެހިސާބުތަކުގައި ބުނެފައިވާ ގޮތުން، މިއަހަރު ދެބައި ވާއިރު، ޗައިނާގެ އާބާދީގައި 1.4257 މިލިއަން މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ އިރު، އިންޑިއާގެ އާބާދީ 1.4286 ބިލިއަނަށް އިތުރުވެގެން ދާނެ އެވެ.

ޔޫއެންއެފްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާގެ އާބާދީ އިތުރުވަމުން ދާ މިންވަރާއި ވިހާ މަރުވާގެ ނިސްބަތުގައި ހުރި ތަފާތަށް ބަލާއިރު، 1950 ވަނަ އަހަރުން ފެށިގެން ޗައިނާގެ އާބާދީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ނަމަވެސް އަހަރުން އަހަރަށް އާބާދީ އިތުރުވާ ނިސްބަތް 1990ގެ އަހަރުތަކުން ފެށިގެން ވަނީ ދަށް ވާން ފަށައިފަ އެވެ. އަދި މިއަހަރުގެ މެދަކާ ހަމައިން ފެށިގެން 2050 ވަނަ އަހަރާ ހަމައަށް ވެސް ޗައިނާގެ އާބާދީ ދާނީ އަހަރުން އަހަރަށް ދަށަށެވެ.

އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން، 1950 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އާބާދީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އަދި 1970ގެ އަހަރުތަކުން ފެށިގެން އަހަރުން އަހަރަށް އިންޑިއާގެ އާބާދީ އިތުރުވާ ނިސްބަތް ވެސް ދިޔައީ މަތިވަމުންނެވެ. އަދި މިއަހަރުގެ މެދަކާ ހަމައިން ފެށިގެން، ޗައިނާގެ މައްޗަށް ކުރި ހޯދުމަށް ފަހު، 2050 ވަނަ އަހަރާ ހަމައަށް ދާއިރު، އިންޑިއާގެ އާބާދީގައި 1.6 ބިލިއަން މީހުން ތިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މުސްކުޅިންގެ އަދަދު އިތުރުވާ ނިސްބަތް މަތިވަމުންދާތީ، ގިނަ ދަރިން ހޯދުމަށް ޗައިނާ ސަރުކާރުން ގޮވައިލަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް، 2021 ވަނަ އަހަރު ވެސް، އެ ގައުމުގެ އާބާދީ އިތުރުވާ ނިސްބަތް ދިޔައީ ދަށަށެވެ.

ހިސާބުތަކަށް ބަލާއިރު ޗައިނާގައި 2021 ވަނަ އަހަރު ކުދިން އުފަންވި ނިސްބަތަކީ 0.752 ޕަސެންޓެވެ. އަދި އެ އަހަރު މީހުން މަރުވި ނިސްބަތަކީ، 0.718 ޕަސެންޓެވެ. އުފަންވި ކުދިންގެ އަދަދުން މަރުވި މީހުންގެ އަދަދު ކެނޑުމުން، އާބާދީ އިތުރުވި ނިސްބަތަކީ، 0.034 ޕަސެންޓް ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާ އިން ބުނެ އެވެ.

މިއީ ކޮމިޔުނިސްޓް ޗައިނާގެ ބާނީ މާއޮ ޒީޑޮންގްގެ އިގްތިސާދީ އަދި އިޖްތިމާއީ އިސްލާހީ އެޖެންޑާ 1960 ވަނަ އަހަރު އިއުލާންކުރި ފަހުން، އެ ގައުމުގެ އާބާދީ މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އުފަންވާ ކުދިންގެ އަދަދުން މަރުވާ މީހުންގެ ނިސްބަތް ކެނޑުމުން، އާބާދީ އިތުރުވާ ނިސްބަތް، 1998 ވަނަ އަހަރުން ފެށިގެން ޗައިނާގައި ހުރީ އެއް ޕަސެންޓަށް ވުރެ ދަށުގަ އެވެ. އަދި 2020 ވަނަ އަހަރު އެ ނިސްބަތް ހުރީ 0.145 ޕަސެންޓްގަ އެވެ.