މިިއުނިކް (އޭޕްރީލް 20) - ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބެޔާން މިއުނިކުން މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރު ކުރިއަސް ސިޓީ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
20 އެޕްރީލް 2023
މިިއުނިކް (އޭޕްރީލް 20) - ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބެޔާން މިއުނިކުން މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރު ކުރިއަސް ސިޓީ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ބެޔާން ވަނީ ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 3-0 އިން ބަލިވެފަ އެވެ. މިއާ އެކު ސިޓީ ކުރި ހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ނަތީޖާ އެއްވަރުވެފައި ވަނިކޮށް މެޗުގެ 86 ވަނަ މިނިޓުގައި ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. ސިޓީގެ އައިމެރިކް ލަޕޯޓް، ބެޔާންގެ ކިންގްސްލީ ކޯމަން އަށް ފައުލް ކުރުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުން މެޗަށް އިންސާފުކުރި ފްރާންސްގެ ރެފްރީ ކްލެމެންޓް ޓާޕިން ވަނީ ޓުޗެލް އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ދެ މިނިޓު ކުރިން ޓުޗެލް އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި އެވެ.
ބެޔާންގެ ކޯޗު ޓުޗެލް އަށް ރަތް ކާޑު ދެއްކުމުން އޭނާ މެޗުގެ ބާކީ ބައި ބެލީ ސަޕޯޓަރުންނާ އެކު. -- ފޮޓޯ: އޭއެފްޕީ
ބެޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީ އިން ފުރަތަމަ ލީޑު ނެގީ 57 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުސަތަކުން އާލިން ބްރައުޓް ހާލަންޑެވެ. މިއީ ހާލަންޑް މި ސީޒަންގައި ޖެހި 48 ވަނަ ގޯލެވެ. އަދި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ސިޓީއަށް ކާމިޔާބު ކޮށްދިން 12 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ވެސް ހާލަންޑަށް ސިޓީއަށް ލީޑު ނަގައިދޭން ފުރުސަތު ލިބުނެވެ. އިލްކާއި ގުންޑޮއާން ފޮނުވާލި ހަމަލާއެއް ބެޔާންގެ ޑަޔޮޓް އުޕަމެކާނޯ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ހާލަންޑް ފޮނުވާލި ނަމަވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ. އޭގެ ކުރިން ރެފްރީ ވަނީ ހާލަންޑް ހުސްކޮށް ބޯޅަ ހިފައިގެން ކުރިއަށް އަރަނިކޮށް ފައުލް ކޮށްގެން އުޕަމެކާނޯ އަށް ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. ނަމަވެސް ނިންމުން ބަދަލު ކުރީ ހާލަންޑް ބޯޅަ ހޯދީ އޮފްސައިޑް މަގާމަކުން ކަމަށް ވީއޭއާރުން ނިންމުމުންނެވެ.
ބެޔާނުން ނަތީޖާ އެއްވަރު ކުރީ 83 ވަނަ މިނިޓުގައި ޔޯޝުއާ ކިމިކް ވައްދާލި ޕެނަލްޓީއިންނެވެ. މިއީ ދެ ވަނަ ހާފުގައި ލީރޮއީ ސާނޭގެ ބަދަލުގައި އެރި ސަޑިއޯ މާނޭ ހުރަސް ކޮށްލި ބޯޅައެއް މެނުއަލް އަކަންޖީ އަތުގައި ޖެހުމުން ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.
މިދިޔަ ދެ ސީޒަނުގައި ވެސް ސިޓީ ވަނީ ކޯޗު ޕެޕް ގާޑިއޯލާ އާއެކު ސެމީއާ ހަމައަށް ދަތުރު ކޮށްފަ އެވެ. އަންނަ މެއި މަހު ކުޅެން ތާވަލް ކުރެވިފައިވާ މި ސީޒަންގެ ސެމީ ފައިނަލްގައި ބެޔާން ނުކުންނާނީ ރެކޯޑް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅުމަށް ފަހު ދެވަނަ ލެގު ކުޅޭނީ ސިޓީގެ ދަނޑުގަ އެވެ.
"އަހަރެމެން ނަސީބު ރަނގަޅީ [ހާލަންޑް ޖެހި] ޕެނަލްޓީ ނާކާމިޔާބު ވުމުގެ ކުރިން، އެމީހުން ދެ ފުރުސަތެއް ހޯދި ކޮންމެ ގޮތެއް ވެސް ހަދާލީސް. އެކަމަކު އަހަރެމެން ރަނގަޅަށް ޑިފެންސް ކުރިން. ހާލަންޑްގެ ފަރާތުން [ދެވަނަ ހާފުގައި] ފެނުނީ މޮޅު ނިންމާލުމެއް. އޭނާ އަކީ ޒުވާން ކުޅުންތެރިއެއް، ހުރިހާ ކުޅުންތެރިން ވެސް މޮޅަށް ކުޅެން ބޭނުންވޭ. ފަހު ހާފުގައި ފުރަތަމަ މިނިޓުން ފެށިގެން އަހަރެމެން ރަނގަޅަށް ކުލުނިން،" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
"އަހަރެމެން ވަރުބަލި ވެއްޖެ. އަހަރެންނަކަށް ނޭނގޭ [އެފްއޭ ކަޕް ސެމީ ފައިނަލުގައި] ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެންވާއިރަށް ރިކަވާ ވާނެ ގޮތެއް. ހޮނިހިރު ދުވަހުގެ މެޗު ކުޅެން އުނދަގޫ ވަގުތެއް މިއީ."
މި ނަތީޖާއާ އެކު ގާޑިއޯލާ މިވަނީ 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އޭނާ ވަނީ ބެޔާން ގޮވައިގެން ތިން ފަހަރު އަދި އޭގެ ކުރިން ބާސެލޯނާ ގޮވައިގެން ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ވަނީ ބާސެލޯނާ އާއެކު އެވެ. އެ ޓީމާ އެކު ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި
ސިޓީގެ ކާމިޔާބީގެ ސިއްރަކީ ޝެއިހް މަންސޫރު: ގާޑިއޯލާ