Roadha Mihaaru
ބިލިއާޑް މުބާރާތަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަށް

ބިލިއާޑް މުބާރާތަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަތުވެއްޖެ

21 އެޕްރީލް 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް "މޯލްޑިވްސް އޯޕަން" 10 ބޯލް ޗެމްޕިއަންޝިޕް މާދަމާ ރޭ ފެށުމަށް ތައްޔާރުވަމުން އަންނައިރު، މުބާރާތުގައި ވާދަކުރާ ބައިނަލްއަގުވާމީ ކުޅުންތެރިން މިރޭ ރާއްޖެ އަތުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް "މޯލްޑިވްސް އޯޕަން" 10 ބޯލް ޗެމްޕިއަންޝިޕް މާދަމާ ރޭ ފެށުމަށް ތައްޔާރުވަމުން އަންނައިރު، މުބާރާތުގައި ވާދަކުރާ ބައިނަލްއަގުވާމީ ކުޅުންތެރިން މިރޭ ރާއްޖެ އަތުވެއްޖެ އެވެ.

މި މުބާރާތަކީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ގެ އެންޑޯޒްމަންޓާ އެކު އޭޕްރީލް 22-26 އަށް މާލޭގެ ގައުމީ ބިލިއާޑް ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ މި އަހަރުގެ "އޭޝިއަން ޓެން ބޯލް ޓުއާ" ސީރީޒްގެ ފުރަތަމަ މުބާރާތެވެ.

މޯލްޑިވްސް އޯޕަންގެ މުބާރާތުގެ ޑިރެކްޓަރަކަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަނީ ޑަބްލިއުޕީއޭގެ ބޯޑު މެންބަރެއް ކަމަށްވާ މެލޭޝިއާގެ ޗިއާ ސީ އޫން (މެލްވިން) އެވެ. ޑަބްލިއުޕީއޭގެ ބޯޑު މެންބަރެއްގެ އިތުރުން މެލްވިން އަކީ އޭސީބީއެސްގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް އެވެ. އަދި އޭނާ އަކީ މެލޭޝިއާހެ އޮލިމްޕިކް ކައުންސިލްގައި ވެސް ހިމެނޭ މެމްބަރެކެވެ.

ބިލިއާޑް އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި ދުނިޔޭގެ ފެޑެރޭޝަން، ޑަބްލިއުޕީއޭގެ ރައީސް އޮސްޓްރޭލިއާގެ އިއާން އެންޑަސަން، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ލިސްޓު.

މުޅިއެކު 64 ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 16 ބިލިއާޑް ކުޅުންތެރިން ވާދަ ކުރާނެ އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނަކީ ގައުމީ ބިލިއާޑް ރޭންކިންގެ އެންމެ މަތިން ރޭންކް ކުރެވިފައިވާ އަށް ކުޅުންތެރިންނެވެ. އަދި ބާކީ އަށް ކުޅުންތެރިން ހޮވީ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ސިލެކްޝަން ޓްރިއަލްއެއްގެ ތެރެއިންނެވެ.

މުބާރާތުގައި ވާދަކުރާ ބޭރުގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑް ޕޫލް މާސްޓާސް ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަންގެ ޖޯޝުއާ ފިލާ އާއި ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑް ކަޕް އޮފް ޕޫލް ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދާފައިވާ އޮސްޓްރޭލިއާގެ އަލްބިން އޮއޫޝާން ގެ އިތުރުން 9 ބޯލް އާއި 10 ބޯލް އަދި ވޯލްޑް ކަޕް އޮފް ޕޫލްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓައިވާނުގެ ކޯ ޕިން ޔީ ހިމެނެ އެވެ.

މުބާރާތުގައި ވާދަކުރާ 64 ކުޅުންތެރިން ވަނީ 16 ގުރޫޕަކަށް ބަހާލައިފަ އެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދާ ގުރޫޕް ސްޓޭޖުގެ މެޗުތައް އޭޕްރީލް 22 އަދި 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، މެޗުތައް ކުޅޭނީ ހަތް ފްރޭމަށެވެ.

ގުރޫޕް ސްޓޭޖުގެ މެޗް ޝެޑިއުލް.

ގުރޫޕް ސްޓޭޖުގެ މެޗުތައް މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައި ވާއިރު، ގުރޫޕް އޭ ގައި ރާއްޖޭގެ ހަސަން ޝަފްރާޒް ވާދަކުރާނީ ވިއެޓްނާމްގެ އެންގާޔެން އަން ޓުއާން އާ ދެކޮޅަށެވެ. ގުރޫޕް ބީ ގައި ހިމެނޭ ރާއްޖޭގެ ރޭންކިންގެ ތިން ވަނަ ހުސެއިން ފަޔާސް ކުޅޭނީ ޖަރުމަންގެ ނިކޮލާއޯސް މަލާއީ އާ ދެކޮޅަށެވެ. ގުރޫޕް ސީ ގައި އައްބާސް ސައީޑު ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ޓަޓް ޑައީ ކިއެން އާ ދެކޮޅަށެވެ. ގުރޫޕް ޑީ ގައި ހަސަން އުސްވަތުﷲ، ޓައިވާނުގެ ކޯ ޕިން ހާން އާ ދެކޮޅަށް ނުކުންނައިރު ގުރޫޕް އީ އިން ޝަޒީން އަބްދުއްސަމަދު ނުކުންނާނީ ޖަރުމަންގެ މޮރިޓްޒް ނެއުހޯސެން އާ ދެކޮޅަށެވެ.

ރާއްޖޭގެ ދެ ވަނަ، މުހައްމަދު ޝަރީފް (ކުޑަ ޝަރީ) ނުކުންނާނީ ގުރޫޕް އެފް އިން ވިއެޓްނާމްގެ އެންގާޔޭ ހޮންގް ޕޮންގާ ދެކޮޅަށެވެ. ގުރޫޕް ޖީ އިން އަހުމަދު ޝާހިދު ފިލިޕީންސްގެ ޔޯހާން ޗުއާ އާ ދެކޮޅަށް ނުކުންނަ ގޮތަށް ހަމަޖެހިފައި ވާއިރު، ގުރޫޕް އެޗް އިން މުހައްމަދު ޝާހިލް ނުކުންނާނީ ޑޯ ހޯންގް ގުއާން އާ ދެކޮޅަށެވެ.

އާދިއްތަ ދުވަހު ކުޅޭ ގުރޫޕް އައިގައި އިސްމާއިލް ޖީހާން ނުކުންނާނީ މެލޭޝިއާގެ ޑެރީލް ޗިއާ އާ ދެކޮޅަށެވެ. ގުރޫޕް ޖޭ އިން އަލީ ފަޔާޒް، ޖަޕާންގެ މަސާޓޯ ޔޮޝިއޯކާ އާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު (އާދު) ގުރޫޕް ކޭ ގައި ނުކުންނާނީ ބަންގްލަދޭޝްގެ ނާޒިމުއްދީން އަހުމަދާ ދެކޮޅަށެވެ.

ގުރޫޕް އެލް ގައި ހިމެނޭ މުހައްމަދު ދުންޔާޒް ކުޅޭނީ އިރާނުގެ އަލީރިޒާ ވައްހާބާ ދެކޮޅަށެވެ. ގުރޫޕް އެމްގެ އަހުސަން ހާޝިމް އިރާނުގެ މަހުދީ ރަޝޭކީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ގުރޫޕް އެން އިން ހުސެއިން ސަނީފް ނުކުންނާނީ ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ސަންޖިން ޕެހްލިވަނޮވިޗާ ދެކޮޅަށެވެ. އަދި އިސްމާއިލް ސުވެއިދު ގުރޫޕް އޯގައި އިންޑޮނޭޝިއާގެ އަންޑްރީ އާ ދެކޮޅަށް ނުކުންނައިރު ގުރޫޕް ޕީ ގައި ހިމެނޭ މުހައްމަދު އަކްސަމް ނުކުންނާނީ އިރާނުގެ ސޯ ޝޯ އާ ދެކޮޅަށެވެ.