Roadha Mihaaru
ދެ ހަފުތާ ތެރޭ ދެ މިލިއަން ކޮތަޅު ލިބޭނެ: ވެމްކޯ

އަގު ހެޔޮކޮށް ވިއްކަން ދެ ހަފުތާ ތެރޭ ދެ މިލިއަން ކޮތަޅު ލިބޭނެ: ވެމްކޯ

24 އެޕްރީލް 2023

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން ކޮތަޅުގެ އަގު ބޮޑުވެ، ކުނި އުކާލަން ވެސް ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭ މައްސަލަ ހައްލުކުރުމަށް ދެ މިލިއަން ކޮތަޅު ގަނެ އާންމުންނަށް އަގު ހެޔޮކޮށް، ވިއްކަން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން ކޮތަޅުގެ އަގު ބޮޑުވެ، ކުނި އުކާލަން ވެސް ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭ މައްސަލަ ހައްލުކުރުމަށް ދެ މިލިއަން ކޮތަޅު ގަނެ އާންމުންނަށް އަގު ހެޔޮކޮށް، ވިއްކަން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ވެމްކޯ އިން ކޮތަޅު ގަންނާނީ ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު އުފައްދާ ހަމައެކަނި ކުންފުނި ލީސާ މޯލްޑިވްސް އިންނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން ކޮތަޅު ވިއްކާ އަގުތައް މިއަދުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފުތާ އަށް ވެމްކޯގެ ބޭނުމަކަށް ދެ މިލިއަން ކޮތަޅު އުފައްދާނެ ކަމަށާއި ނަމަވެސް ކުރިމަގުގައި އިތުރު ކޮތަޅު ބޭނުންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވެމްކޯއިން މިވަގުތަށް ކޮތަޅު ވިއްކާނީ ވެމްކޯގެ ފްރަންޓް އޮފީހާއި އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަ ފްރަންޓް އޮފީސްތަކުންނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ރީޓެއިލް އަދި ހޯލްސޭލް ފިހާރަތަކުން ވެސް ޑަސްބިން ކޮތަޅުތައް ވިއްކާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށައިފަ އެވެ. މި ބަދަލާ އެކު އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ކުނި އަޅަން ޖެހެނީ ޕްލާސްޓިކް ކޮތަޅަށް ކަމަށް ވާއިރު މި ފީގެ ސަބަބުން ކޮތަޅުގެ އަގު އެތައް ގުނައެއް އުފުލިގެން ދިއުމެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނާ އިން ފީ ދައްކާކަށް ނުޖެހޭނެ އެވެ. ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.

ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. އެއީ، 17x11, 27x18, 48x36 އިންޗީގެ ކޮތަޅެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކޮށް، އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކުންފުނިން އެދެ އެވެ.