Roadha Mihaaru
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ

ވެމްކޯއިން ބުރާސްފަތި ދުވަހުން ފެށިގެން ޑަސްބިން ކޮތަޅު ވިއްކަން ފަށަނީ

23 އެޕްރީލް 2023

ކުނި އެޅުމަށް ހާއްސަ ކޮތަޅު ވެމްކޯއިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުނި އެޅުމަށް ހާއްސަ ކޮތަޅު ވެމްކޯއިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ނިންމައިފި އެވެ.

އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ވާ ގޮތަށް، ކުނި އެޅުމަށް ހާއްސަ "ބިންލައިނާ" ވިއްކަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ކޮތަޅުތައް ވިއްކާނެ އަގުތައް މި ހަފުތާގައި ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފަށައިފަ އެވެ. ނަމަވެސް، އެއާއެކު، އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ކުނި އަޅަން ބޭނުންކުރާ ކޮންމެ ކޮތަޅަކަށް 2ރ. ދައްކަން ޖެހޭތީ އެވެ.

އެކަމަކު، ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ. ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަލުން ވެސް ދޫކުރާ ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.

ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުން ވިއްކާނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. އެއީ، 17*11, 27*18, 48*36 އިންޗީގެ ކޮތަޅެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކޮށް، އެހެނިހެން ކުނިތައް ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކުންފުނިން އެދެ އެވެ.

އެ ކޮތަޅުތައް ވެމްކޯގެ ފްރަންޓް އޮފީހާއި އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން ލިބޭނެ އެވެ.

ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކުމަށް ބޭނުންކުރަން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.