Roadha Mihaaru
ހެކިންނަށް ހިމާޔަތެއް ނެތް: ހެކިބަސް ދޭން މަޖުބޫރު!

ހެކިވެރިންނަށް ހިމާޔަތެއް ނެތް: އެކަމަކު ހެކިބަސް ދޭން މަޖުބޫރު!

26 އެޕްރީލް 2023

ކުރިން ސިއްރިއްޔާތުގައި ކުރަމުން އައި ކުށްތައް ޖެހިލުމެއް ނެތި މިހާރު އެ ކުރަނީ އެންމެންނަށް ފެންނަ ގޮތަށް ދުވާލު މަގުމަތީގަ އެވެ. މާރާމާރީތަކުގައި ހަތިޔާރު ހިފައިގެން ގޮސް މީހުން އެ މަރަނީ އެންމެން ބަލަން ތިއްބަ އެވެ. އެކަމަކު ކޯޓެއްގައި ހެކިބަސް ދޭން ގިނަ މީހުން މިހާތަނަށް ދެކޮޅު ހެދީ ފުރާނައިގެ ރައްކަލަށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރިން ސިއްރިއްޔާތުގައި ކުރަމުން އައި ކުށްތައް ޖެހިލުމެއް ނެތި މިހާރު އެ ކުރަނީ އެންމެންނަށް ފެންނަ ގޮތަށް ދުވާލު މަގުމަތީގަ އެވެ. މާރާމާރީތަކުގައި ހަތިޔާރު ހިފައިގެން ގޮސް މީހުން އެ މަރަނީ އެންމެން ބަލަން ތިއްބަ އެވެ. އެކަމަކު ކޯޓެއްގައި ހެކިބަސް ދޭން ގިނަ މީހުން މިހާތަނަށް ދެކޮޅު ހެދީ ފުރާނައިގެ ރައްކަލަށެވެ.

އެހެން ނަމަވެސް ހެކިބަސް ދިނުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް އައީ އެވެ. ހެއްކާބެހޭ އާ ގާނޫނު އޮތްގޮތުން މަޖުބޫރުކޮށްގެން ވެސް މިހާރު ކޯޓުގައި ހެކިބަސް ހޯދޭނެ އެވެ. އަދި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ވަގުތުން ޖަލަށްލާން ހުކުމް ކުރުމުގެ ބާރު ކޯޓަށް އޮވެ އެވެ.

ހެއްކާބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހެދި ގަވާއިދު އޮތްގޮތުން ޖިނާއީ މައްސަލަތަކުގައި ކޯޓުގެ އަމުރާ އެއްގޮތަށް ހެކިބަސް ނުދީފިނަމަ، ގިނަވެގެން ތިން މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރުން ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރެވެ އެވެ.

ހެކިންނަށް ރައްކާތެރިކަމެއް ނެތް

ކުރިން ހެކިބަސް ދޭން ބޭނުންނުވާ މީހާ ކޯޓަށް އެއްބާރުލުން ނުދީފިނަމަ ކުރެވޭނެ ކަމެއް ނެތަސް، އާ ގަވާއިދު އޮތްގޮތުން ހެކިވެރިން ބަންދުގައި ބައިތިއްބައިގެން ވެސް ކޯޓަށް ހާޒިރު ކުރެވޭނެ އެވެ. ކުރުކޮށް، ބުނާ ނަމަ، މިހާރު ހެކިވެރިން ލައްވައި ގަދަކަމުން ވެސް ހެކިބަސް ހޯދޭނެ އެވެ.

"ހެކިބަސް ދިނުމުގައި ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ. އަދި މުޖްތަމައުގެ މަސްލަހަތު ވެސް މަތީ ދަރަޖައަކަށް ހިމެނޭ." ޕީޖީ ޝަމީމް

މިއީ ރާއްޖޭގައި ހެކިވެރިންނަށް އަދަބު ކަނޑައަޅަން ފެށި ފުރަތަމަ ފަހަރެވެ. އެކަމަކު މިހާ ހަރުކަށިކޮށް އުސޫލުތަކެއް ހެކިވެރިންގެ މައްޗަށް ހިންގާއިރު، އެ މީހުން ސަލާމަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށް ދެވޭނެތޯ އެއީ މިހާރު އޮތް އެންމެ ބޮޑު ސުވާލެވެ.

ހެކިވެރިންނަށް ހިމާޔަތް ދެވޭ ގޮތަށް، އަޑު ބަދަލުކޮށްގެން އަދި ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެވޭނެ ނިޒާމެއް އޮތީ ނަމެއްގަ އެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނަށް ބަޔާން ދިނުމަށްފަހު ކޯޓުގައި ހެކިބަސް ދޭން ވާއިރަށް، ކޮންމެވެސް އެ ހިސާބަކުން އެ މީހުންގެ މައުލޫމާތު އެނގެ އެވެ.

ކްރައިމް ސީނެއްގައި ފުލުހުން --- ފޮޓޯ/މިހާރު

ކްރައިމް ސީނެއްގައި ފުލުހުން --- ފޮޓޯ/މިހާރު

ކޯޓާ ހިސާބަށް މައްސަލަ ދާއިރު ހެކިވެރިންނަށް ނުފޫޒުތަކާއި އިންޒާރުތައް ކުރިމަތިވާތީ، ފުރާނައިގެ ރައްކަލަށްޓަކައި ގިނަ ބަޔަކު ހެކިބަސް ދޭން ދެކޮޅު ހަދަ އެވެ. އަނެއް ބަޔަކު ތަހުގީގު ބަޔާނާ ހިލާފަށް، ކޯޓުގައި ހެކިބަސް ބަދަލު ކުރަނީ އެ ނޫން ގޮތެއް ނެތިގެންނެވެ.

އަނެއްކޮޅުން ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ހެކިވެރިން މައުލޫމާތު ލީކު ނުވާނެ ކަމުގެ ޔަގީން ކަމެއް އެއްވެސް އިރަކު އާންމުންނަކަށް ނެތެވެ. އެހެންވެ، ގަދަކަމުން ހޯދާ ހެކިބަހަށްފަހު ދެން ކުރިމަތިވާނެ ނުރައްކަލުން އެ މީހުން ސަލާމަތްވާނެ ކަމުގެ ޔަގީން ކަމެއް އެއްވެސް މީހަކަށް ނެެތެވެ.

ގަދަކަމުން ހެކިބަސް ހޯދާއިރު، އޮތީ ކޮން ޔަގީން ކަމެއް؟

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުންނަށް އަދަބު ކަނޑައެޅުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

"ކޯޓުގައި ހިނގާތާ މާ ގިނަ ދުވަސްވީމަ ހެކިބަސް ދޭން ގިނަ މީހުން ބޭނުން ނުވަނީ"

ޝަމީމް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވުމާއި ނުވުން ބިނާވަނީ ހެކިވެރިންގެ ހެކިބަހުގެ މައްޗަށް ކަމަށް ވާއިރު ހެކިބަސް ދިނުމަކީ އިސްލާމްދީނުގައި ވެސް ވާޖިބެއް ކަމަށެވެ. އެހެންވެ، މުޖްތަމައުގެ ހައްގުގައި މިގޮތަށް ހެކިބަސް ދޭން ލާޒިމް ކުރުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެކިބަސް ދިނުމުގައި ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ. އަދި މުޖްތަމައުގެ މަސްލަހަތު ވެސް މަތީ ދަރަޖައަކަށް ހިމެނޭ. އެހެންކަމުން ހެކިބަސް ދިނުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި އޮތުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ކޮންމެހެން ބޭނުންތެރި ކަމެއް." ޝަމީމް ވިދާޅުވި އެވެ.

ހެކިވެރިންނަށް ރައްކާތެރިކަން ދިނުމުގެ އެންމެ އެކަށީގެންވާ ނިޒާމެއް މިވަގުތު ނެތް ކަމަށް ޝަމީމް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް މިހާރު ދެވެން ހުރި ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށާއި އަދި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަމަށް ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު --- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓު --- ފޮޓޯ/މިހާރު

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މީހުން ކޯޓުގައި ހެކިބަސް ދޭން ޖެހިލުންވާ މައިގަނޑު ސަބަބަކީ ޝަރީއަތްތައް ކޯޓުތަކުގައި ލަސްވުމެވެ. އޭނާ ވިދާޅުވީ ކުށުގެ އަމަލު ހިނގާ ވަގުތު މީހުން ހެކިބަސް ދޭން ބޭނުންވިޔަސް، ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ފަހުން ގިނަ މީހުންގެ ހިޔާލު ބަދަލުވަނީ ކަމަށެވެ.

"އަވަހަށް ހިނގާ މައްސަލަތަކުގައި ހެކިބަސް ދޭން މީހުން ހާޒިރުވާން ބޭނުންވޭ. އަދި ހާޒިރުވެ، ހެކިބަސް ވެސް ދޭ. ކޯޓުގައި ހިނގާތާ މާ ގިނަ ދުވަސްވީމަ ހެކިބަސް ދޭން ގިނަ މީހުން ބޭނުން ނުވަނީ." ޝަމީމް ވިދާޅުވި އެވެ.

ކުށް ރިޕޯޓްކުރާ މީހުން މަދުވެދާނެ ކަމުގެ ބިރު

މި ބަދަލާ އެކު ދެން އޮތީ ކުށްތައް ރިޕޯޓް ކުރާ މީހުންގެ އަދަދު މަދުވުމުގެ ބިރެވެ. އަދި މަޖުބޫރުން ހެކިބަސް ދޭން ޖެހިދާނެ ކަމުގެ ބިރަށް، އެއްވެސް ކަމެއް ނުފެންނަ ކަމަށް ހެދިގެން ތިބޭ މީހުންގެ އަދަދު އިތުރުވެދާނެ އެވެ. އޭރުން ނަތީޖާއަކަށް ވާނީ ތަހުގީގުތަކަށް ކުރިއެރުން ނުލިބި، ތަހުގީގު ދިގުލައިގެން ދިއުމެވެ.

"ގޮންޖެހުން އޮންނާނީ ގޭންގް ކުށްތަކާ ގުޅޭ ކަންކަމުގައި."

އެހެން ނަމަވެސް ޝަމީމް ވިދާޅުވީ ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހެކިވެރިންގެ އެއްބާރުލުން މުއައްސަސާތަކަށް ކަމަށެވެ. މިހާރު ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ހެކިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ގޭންގް ކުށްތަކާއި މާރާމާރީ އާއި މީހުން މެރުމުގެ ކުށްތަކުގައި މި މައްސަލަ ދިމާވުމާއި ނުވުން އޮންނާނީ މައްސަލަތައް ހިނގާ ސްޕީޑެއްގެ މައްޗަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި ޝަރީއަތްތައް އަވަހަށް ހިނގާ ނަމަ ހެކި ގެއްލުމުގެ ފުރުސަތު ކުޑަވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ގޮންޖެހުން އޮންނާނީ ގޭންގް ކުށްތަކާ ގުޅޭ ކަންކަމުގައި. އެފަދަ މައްސަލަތައް ވެސް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކޯޓުން ނިންމޭ ނަމަ ހެކިވެރިންގެ އެއްބާރުލުން ލިބުމުގައި ދަތިވާނެ ކަމަކަށް ތަަސައްވުރެއް ނުކުރެވޭ." އޭނާ ވިދާޅުވި އެވެ.

ހެކިބަސް ދިނުން ލާޒިމް ކުރުވޭނެ ނިޒާމެއް ރާއްޖެއަށް ތައާރަފްވުމަކީ އެއްގޮތަކުން ލިބުނު ކުރިއެރުމެކެވެ. އެހެން ނަމަވެސް މިފަދަ ބަދަލެއް ގެންނައިރު އޭގެ އަނެއްކޮޅުން، ހެކިވެރިންނަށް ދައުލަތުގެ ރައްކާތެރިކަން ފޯރުކޮށް ދެވޭނެތޯ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލަ އެކެވެ.