ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިމަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
25 ނޮވެމްބަރ 2025
ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިމަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށެވެ.
ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރީ 38 މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ކޯޓަށް ހާޒިރުކުރީ ކުށުގެ ރެކޯޑާއި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދަށް ބަލާފައި ކަމަށެވެ. އަދި އެ މީހުންގެ އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގައި ވެސް ކޯޓަށް ހާޒިރުކޮށް ބަންދު ޖަހަން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ފަރާތްތަކާއި މުޖުތަމައުގެ ސަލާމަތަށް ބަންދުގައި ބައިތިއްބާފައި ތިބި މީހުން އެއީ،" ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް ބައެއް މީހުން ދޫކޮށްލާފައިވާ ސަބަބާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ގދ. އަތޮޅާއި ގއ. އަތޮޅުންނެވެ. އެގޮތުން 16 މީހަކު އެ ދެ އަތޮޅުން ހައްޔަރުކުރީ ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ވެސް މި އޮޕަރޭޝަން ކުރިއަށް އެބަދެ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ވަންވޭ ފަޅާފައި ދުއްވަނިކޮށް ހުއްޓުވިއިރު ފެނުނީ ޑްރަގް
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
ގަންނަ މީހާއަށް އުމުރު ދުވަސް، ވެރިންނަށް 1 ދުވަސް!