Roadha Mihaaru
މާލޭގައި މިއަދު ކަރަންޓު ބޭނުންކުރީ ރެކޯޑް މިންވަރަކަށް

މާލޭގައި މިއަދު ކަރަންޓު ބޭނުންކުރީ ރެކޯޑް މިންވަރަކަށް

24 އެޕްރީލް 2023

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް އަރައި، މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަހަކަށް މިއަދު ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް އަރައި، މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަހަކަށް މިއަދު ވެއްޖެ އެވެ.

ސްޓެލްކޯގެ ނޫސްބަޔާނެއްގައި ބުނީ މިއަދު މެންދުރު ފަހު 2:10 ގައި ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރައި، މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖު ޕަވަ ޔޫސޭޖު ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށެވެ.

"މިއާއެކު، ހުރިހާ ފަރާތްތަކުން ވެސް ކަރަންޓް އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، ކޮންމެ ދުވަހަކު އެންމެ ހޫނުގަދަވާނެ ގަޑިއަކީ ވެސް މެންދުރުފަހު 2:00 ގަ އެވެ.

ސްޓެލްކޯ އިން ބުނީ، އާންމުކޮށް ގޭބިސީތަކުގެ ކަރަންޓް ބިލްގެ 40 ޕަސެންޓް ހިއްސާކުރަނީ ފިނިކުރުމަށް ބޭނުންކުރާ އެއާކޮންޑިޝަން ފަދަ އަލާތްތަކުން ކަމަށެވެ. އެހެންވެ، އޭސީ 25 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް އެ ކުންފުނިން ބުންޏެވެ.

މި މަހު 11 ވަނަ ދުވަހު ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރީ ވަރު ރެކޯޑް ވަރަކަށް އިތުރުވި އެވެ. އެ ދުވަހު ކަރަންޓު ބޭނުންކުރި ވަރު 92.5 މެގަވޮޓަށް ވުރެ މައްޗެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ހޫނުމިން އިއްޔެ ވަނީ 44 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފަ އެވެ.