Roadha Mihaaru
މޮޅު ކުޅުމަކާ އެކު ނަޑާލް ކުއާޓާ އަށް

މޮޅު ކުޅުމަކާ އެކު ނަޑާލް ކުއާޓާ އަށް

24 ޖެނުއަރީ 2017

މެލްބަން (ޖެނުއަރީ 24) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ރަފައެލް ނަޑާލް މޮޅު ކުޅުމަކާ އެކު ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެލްބަން (ޖެނުއަރީ 24) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ރަފައެލް ނަޑާލް މޮޅު ކުޅުމަކާ އެކު ޖާގަ ހޯދައިފި އެވެ.

ނަޑާލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ އިއްޔެ މުބާރާތުގެ ހަތަރު ވަނަ ބުރުގައި 6-3 6-3 4-6 6-4 އިން ފްރާންސްގެ ގައެލް މޮންފިލްސް ބަލިކުރުމަށް ފަހު އެވެ. އުމުރުން 30 އަހަރުގެ ނަޑާލް މި މުބާރާތަށް ނުވަ ވަނަ އަށް ސީޑްކުރެވިފައިވާއިރު، އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކުއާޓާ ފައިނަލުގައި ނަޑާލް ނުކުންނާނީ ކެނެޑާގެ މިލޮސް ރައޮނިޗާ ދެކޮޅަށެވެ. ރައޮނިޗަކީ މި ވަގުތު މި މުބާރާތުގައި ވާދަކުރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ސީޑްކުރެވިފައިވާ ކުޅުންތެރިޔާ އެވެ. އޭނާ އަށް ވުރެ މަތިން ރޭންކްކުރެވިފައިވާ ދުނިޔޭގެ އެއް ވަނަ އެންޑީ މަރޭ އާއި ދެ ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ވަނީ ކުއާޓާއިން ޖާގަ ނުލިބި ކަޓައިފަ އެވެ.

ފާއިތުވި ދެ އަހަރު އަނިޔާގެ ސަބަބުން ނަޑާލްގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ނަޑާލް އައީ މަޑުމަޑުން ކުރީގެ ފޯމަށް އެޅެމުންނެވެ. ނަޑާލް އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ. އޭނާ އެ ފަހަރު އުފުލާލީ ފްރެންޗް އޯޕަން އެވެ.

"އަނިޔާގެ ސަބަބުން އަހަރެންގެ ކެރިއަރުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ. ކޮންމެ މެޗެއްގައި މި ނިކުންނަނީ ކުރިން މެޗަށް ވުރެ މޮޅަށް ކުޅުމުގެ އަޒުމުގައި. އެގޮތަށް ވިސްނުން ހުރީ ވެސް،" ނަޑާލް ބުންޏެވެ.

ނަޑާލް ވަނީ އޭނާގެ ކެރިއަރުގައި 14 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި 2009 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ހިމެނެ އެވެ.