Roadha Mihaaru
ރެކޯޑް ކާމިޔާބީ ހޯދަން ނަޑާލަށް އިތުރު އިންތިޒާރެއް

ރެކޯޑް ކާމިޔާބީ ހޯދަން ނަޑާލަށް އިތުރު އިންތިޒާރެއް

30 ޖެނުއަރީ 2020

މެލްބަން (ޖެނުއަރީ 30) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ކެޓުމުން ސްޕެއިނުގެ ރަފައެލް ނަޑާލް ރެކޯޑް ކާމިޔާބީ އަށް ކުރާ އިންތިޒާރު ދިގުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެލްބަން (ޖެނުއަރީ 30) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ކެޓުމުން ސްޕެއިނުގެ ރަފައެލް ނަޑާލް ރެކޯޑް ކާމިޔާބީ އަށް ކުރާ އިންތިޒާރު ދިގުވެއްޖެ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އުމުރުން 33 އަހަރުގެ ނަޑާލް ކެޓީ ކުއާޓާގައި އިއްޔެ ކުޅުނު މެޗުން އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަތުން ބަލިވުމުންނެވެ. ރޭންކިންގެ ހަތަރެއްގައި އޮތް ތިއެމްއާ ދެކޮޅަށް ނަޑާލަށް ގިނަ ގޯސްތަކެއް ހެދުނު މި މެޗުގެ ސެޓުތައް ދިޔައީ 7-6 (7/3), 7-6 (7/4), 4-6, 7-6 (8/6) އެވެ.

މި ނާކާމިޔާބީއާ އެކު ނަޑާލަށް ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހޯދައިގެން މަޝްހޫރު ތަރި ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ ހަމަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ނަޑާލަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރެވެނީ 2009 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިއަދު ފެޑެރާ ނުކުންނާނީ ނޮވަކް ޖޮކޮވިޗާ ދެކޮޅަށެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ނުކުތްއިރު ނަޑާލްގެ ސިކުނޑީގައި އޮތް އަނެއް އަމާޒަކީ މި މުބާރާތުގެ ތަށި އުފުލާލައި އޯޕަން އިރާގައި (ހަމައެކަނި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ގްރޭންޑް ސްލޭމްގައި ކުޅެވެން ފެށި ފަހުން) ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކުރުމުވެ. ކޮންމެ ގްރޭންޑް ސްލޭމެއް ދެ ފަހަރު ކާމިޔާބު ކުރުމުގެ ރެކޯޑް މި ވަގުތު އޮތީ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޯއީ އެމެސަން އާއި ރޯޑް ލޭވާ އެވެ.

ނަޑާލް ބުނީ ރެކޯޑާ ހަމަކުރުމަށް ވުރެން އޭނާ އަށް އޮތް ކަންބޮޑުވުމަކީ ގްރޭންޑް ސްލޭމެއްގެ ސެމީން ފުރުސަތު ނުލިބި ކެޓުން ކަމަށެވެ.

"މިއީ ހިތާމައެއް. ގްރޭންޑް ސްލޭމެއްގެ ސެމީގައި ވެސް ނުކުޅެ ވަކިވާން ޖެހުމަކީ މާޔޫސްކަމެއް އަންނާނެ ކަމެއް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އަަހަރެން ބަލިވީ ވަރަށް މޮޅަށް ކުޅުނު ކުޅުންތެރިޔެއް އަތުން. މިއީ އޭނާ (ތިއެމް) އަށް ހައްގު މޮޅެއް،" މެޗަށް ފަހު ނަޑާލް ބުންޏެވެ.

މާދަމާ ކުޅޭ ދެ ވަަނަ ސެމީގައި ތިއެމް ނުކުންނާނީ ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށެވެ. ޒްވެރެވް ގްރޭންޑް ސްލޭމެއްގެ ސެމީން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދީ ކުއާޓާގައި ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ ބަލިކުރުމަށް ފަހު އެވެ.