Roadha Mihaaru
ފުއްގިރި މައްސަލައަށް ސަން އިންވެސްޓްމަންޓުން އިންކާރު

ފުއްގިރި މައްސަލަ: ސަން އިންވެސްޓްމަންޓުން ދައުވާ އަށް އިންކާރު

25 އެޕްރީލް 2023

ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އަށް އެ ކުންފުނިން ކްރިމިނަލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އަށް އެ ކުންފުނިން ކްރިމިނަލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެހެން ފަރާތަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރެއްވި އެއް މިލިއަން ޑޮލަރު ސަން އިންވެސްޓްމަންޓް ކުންފުނިން ލޯންޑާ ކޮށްދިން ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިފުތިތާހީ ބަޔާން ހުށަހަޅަމުން ސަން އިންވެސްޓްމަންޓްގެ ވަކީލް ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް އެ މައްސަލާގައި ފުރިހަމަ ނުވާ ކަމަށާއި ސަން އިންވެސްޓްމަންޓުން ކުރި އަމަލާއި މަނީ ލޯންޑްރިންގެ ކުށަކާ ގުޅުވޭނެ ގޮތެއް ނެތް ކަމަށެވެ.

އެހެންވެ، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް އެ ކުންފުނިން އިންކާރުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ވަކީލް އެދިވަޑައިގަތެވެ.

ސަބަބެއްގެ ގޮތުގައި ވަކީލް ވިދާޅުވީ އޭގެ ތެރެއިން ބައެއް ހެކިތައް ހުށަހެޅީ ދައުވާ ކޯޓަށް ހުށަހެޅި ފަހުން ކަމަށް ވާތީ އެވެ. ފަހުން ހެއްކެއް ހުށަހަޅާ ނަމަ ދައުވާ ލިބޭ ފަރާތަށް ދައުލަތުން އެކަން އަންގަން ގާނޫނު ލާޒިމް ކުރާއިރު، އާ ހެކި ހުށަހެޅިކަން ދައުލަތުން އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ކޯޓަށް މައްސަލަ ހުށަހަޅާ ފަހުން އާ ހެއްކެއް ލިބިއްޖެ ނަމަ އެފަދަ ހެކި ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އާ ހެކި ލިބުނުކަން ކޯޓާ ހިއްސާ ކުރަނީ ދައުވާ ލިބޭ ފަރާތްތަކަށް ވެސް އެކަން ހިއްސާ ކުރެވޭނެ ގޮތަށް ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ދެން އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެ މައްސަލާގެ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވި އެވެ.

އެ މައްސަލާގައި ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެކަމަކު އެ ބޭފުޅުންގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމާ އެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މިވަގުތު ވަނީ ގެއްލިފަ އެވެ.