Roadha Mihaaru
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި

ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

07 މެއި 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.

އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.

ޔާމީންގެ ފަރާތުން އެފަދަ ވަގުތީ އަމުރަކަށް އެދުމުން ދައުލަތުން ބުނީ، އެކަމަކު ޝަރީއަތް އަވަސް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ގެއްލޭނެ ހައްގެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޔާމީން ވިދާޅުވީ، މައްސަލަ އަވަސް ކުރަން ދަށު ކޯޓުން އުޅޭ ގޮތުން ތައްޔާރު ނުވެވޭ ކަމަށެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވާއިރު، ވަކީލުންނާ މަޝްވަރާ ކުރައްވަން އެކަށީގެންވާ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތެއް،" ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ލިޔުމުން އެކަން އަންގަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.