Roadha Mihaaru
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި

ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި

07 ޖެނުއަރީ 2020

ޓިއުރިން (ޖެނުއަރީ 7) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ކަލިއާރީ އަތުން 4-0 އިން މޮޅުވެ ޔުވެންޓަސް އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އިއްޔެ ހަވީރު އެރި ނަމަވެސް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ނަޕޯލީ 3-1 އިން ބަލިކޮށް އިންޓަ މިލާން ރޭ އަލުން އެއް ވަނަ އަށް އަރައިފި އެވެ.

އިންޓަ އާއި ޔުވެންޓަސް އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އިންޓަ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ރޭގެ މޮޅާ އެކު މި ދެ ޓީމު ވެސް ވަނީ ތިން ވަނައިގައި 39 ޕޮއިންޓާ އެކު އޮތް ލާޒިއޯއާ ފަރަގު ބޮޑުކޮށްލައިފަ އެވެ. އެކަމަކު ލާޒިއޯ އަށް އިތުރު މެޗެއް އޮތުމުން ތަފާތު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

ލުކާކޫ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ލުކާކޫ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ވައްދާލީ ޕެނަލްޓީއަކުންނެވެ. މިއީ މިދިޔަ ސީޒަނުގައި އިޓަލީ އަށް ބަދަލުވި ފޯވާޑް އެ ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ. އަނެއް ލަނޑު ޖެހީ ގޮންޒާލޯ ހިގުއައިން އެވެ.

ފޯމުން ކަޓާފައިވާ ނަޕޯލީ ކޮޅަށް ރޭ އިންޓަގެ ފުރަތަމަ ދެ ލަނޑު ލުކާކޫ ޖެހީ ފުރަތަމަ ހާފުގަ އެވެ. ކުރީގެ މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ މިހާރު ކޯޗުކޮށްދޭ ނަޕޯލީން ހާފު ނިމުމުގެ ކުރިން އަރެކް މިލިޗްގެ ލަނޑުން ތަފާތު ކުޑަކުރި އެވެ. އިންޓަގެ ފަހު ލަނޑު ދެ ވަނަ ހާފުގައި ޖެހީ ލޮޓާރޯ މާޓިނޭޒެވެ.

ރޭގެ މެޗަށް ފަހު އިބްރަހިމޮވިޗް (ކ) މިލާނުގެ ޒުވާން ފޯވާޑް ރަފައެލް ލީއޯ އަށް ހިތްވަރުދެނީ. --ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު އިބްރަހިމޮވިޗް (ކ) މިލާނުގެ ޒުވާން ފޯވާޑް ރަފައެލް ލީއޯ އަށް ހިތްވަރުދެނީ. --ފޮޓޯ: އޭއެފްޕީ

އޭސީ މިލާނާ އަލުން ގުޅުނު ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ވަނީ ރޭ މިލާނާއި ސަމްޕްޑޯރިއާ 0-0 އިން އެއްވަރުވި މެޗުގެ ދެ ވަނަ ހާފުގައި ކުޅެފަ އެވެ. އުމުރުން 38 އަހަރުގެ ފޯވާޑް އަރައި މިލާނުގެ އެޓޭކްތައް ބަދަލުކޮށް ނުރައްކާތެރި ދެ ތިން ބޯޅަ ވެސް ފޮނުވާލި އެވެ. އެކަމަކު 60،000 ސަޕޯޓަރުންގެ ހޫނު މަރުހަބާއެއް ލިބުނު އިބްރަހިމޮވިޗަށް ސަޕޯޓަރުންނާ އެކު އުފާފާޅުކޮށްލެވޭނެ ގޮތެއް ނުވި އެވެ. މި ނަތީޖާއާ އެކު މިލާން އޮތީ 22 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.