Roadha Mihaaru
އިބްރަހިމޮވިޗް އެނބުރި މިލާނަށް؟

އިބްރަހިމޮވިޗް އެނބުރި މިލާނަށް؟

21 ނޮވެމްބަރ 2019

މިލާން (ނޮވެމްބަރު 21) – އޭސީ މިލާނުން ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ގެނައުމަށް އޭނާގެ އޭޖެންޓާ އެކު މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިލާން (ނޮވެމްބަރު 21) – އޭސީ މިލާނުން ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ގެނައުމަށް އޭނާގެ އޭޖެންޓާ އެކު މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިލާނުން އެންމެ ފަހުން އިޓާލިއަން ލީގު ކާމިޔާބުކުރި އިރު، 2011 ގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި އިބްރަހިމޮވިޗުގެ އުމުރުން 38 އަހަރުވެފައިވީ ނަމަވެސް އަދި ވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. އެމެރިކާގެ މޭޖާ ލީގުގައި އެލްއޭ ގެލެކްސީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު ހަމަވުމާ އެކު ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އޭނާ އަށް ޔޫރަޕުގެ ޓީމަކާ ގުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުން އޭނާ އަށް ހުށަހަޅަނީ ފުރަތަމަ ހަ މަސް ދުވަހަށް އޭގެ ފަހުން އެއް އަހަރަށް އިތުރުކުރެވޭނެ ކޮންޓްރެކްޓެވެ. އެކަމުގެ މަޝްވަރާ އަށް މިލާނުގެ ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ބައްދަލުކުރީ އިބްރަހިމޮވިޗްގެ އޭޖެންޓް މިނޯ ރައިއޯލާއާ އެވެ.

މިލާނުން ގަދަ ގަތަރެއްގައި ހިމެނި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބަލިކަށިކޮށް ފެންނަނީ ފޯވާޑް ލައިނެވެ. ޖެނޯއާ އިން ޑިސެމްބަރުގައި ގެނައި ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކާއި ލިލް އިން ގެނައި ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ރަފައެލް ލީއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.

މިލާނުގެ އިތުރުން އިބްރަހިމޮވިޗް ގުޅިދާނެ ކަމަށް ބެލެވޭ ކްލަބްތަކުގެ ތެރޭގައި އިޓަލީގެ ނަޕޯލީ އާއި ޖެނޯއާގެ އިތުރުން އޭނާ ކުރިން ކުޅުނު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ.

މިލާނަށް 2010-2012 އަށް 85 މެޗުން 56 ގޯލް ޖަހައިދީފައިވާ އިބްރަހިމޮވިޗް ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނަށް ވެސް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކުޅެފައިވެ އެވެ. އެކަމަކު އަބަދުވެސް އެންމެ ގަޔާވާ ކްލަބަކީ މިލާން ކަމަށް ބުނެ އެވެ.

ނަތީޖާތައް ދަށްވުމުން ކޯޗު މާކޯ ޖިއަމްޕައޮލޯ ވަކިކޮށް ސްޓެފާނޯ ޕިއޮލީ ގެނެސްފައިވާ މިލާނުން އަންނަނީ ޖެނުއަރީ އަށް އިތުރު ކުޅުންތެރިން ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި ޔުވެންޓަސްގެ މިޑްފީލްޑަރު އެމްރޭ ޗޭން އަދި ޑިފެންޑަރު މެރިހް ޑެމިރަލް ހިމެނެ އެވެ. ވިއްކާލަން ގަސްދުކޮށްފައިވަނީ އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ.