Roadha Mihaaru
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"

އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ

25 އެޕްރީލް 2023

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލަ އިންޑިއާގެ އެފްކޮންސް ކުންފުނިން އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލަ އިންޑިއާގެ އެފްކޮންސް ކުންފުނިން އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއަށް ބޭނުން ކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރިތާ 12 ދުވަސް ފަހުން ނެގިއިރު ވިލިމާލެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ މައްސަލާގައި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 69.4 މިލިއަން ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. ނަމަވެސް އެ އަދަބު ތަންފީޒު ނުކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނިން ވަނީ މިނިސްޓަރަށް އެ މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.

އެ ހާދިސާ ހިނގިތާ އަށް މަސްވި އިރު ވެސް ޖޫރިމަނާ ނުކޮށް ލަސްކުރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމުން ޝައުނާ ވަނީ އެފްކޮންސް އަށް މާފު ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ --ފޮޓޯ: މަޖިލިސް

"މި ޖޫރިމަނާ މާފް ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން." ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްކޮންސް އިން ޖޫރިމަނާ ކުރި މައްސަލައިގެ ލީގަލް ރިވިއުއެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި ޓެކްނިކަލް ރިވިއުއެއް ހެދުމަށް މިހާރު ލަފާ ދީފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މި ޖޫރިމަނާ މާފް ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން -- ޝައުނާ

ޝައުނާ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ތިމާވެއްޓާ ބެހޭ 40 މައްސަލައެއްގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އޭގެ ތިންބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.

"މިއީ ދިވެހި ސަރުކާރުގެ ތާރީހުގައި ވެސް ޖޫރިމަނާ ކޮށްގެން ސަރުކާރަށް ހޯދުނު އެންމެ ގިނަ ފައިސާ." އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 އިގައި ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި މި ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާ ކޮށްފަ އެވެ.

އެކަމަކު، އެ މައްސަލާގެ އިސްތިއުނާފް މަރުހަލާ ނިމުމަށް ފަހު ވެސް އެ ކުންފުނިން ވަނީ ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލާގައި ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.