Roadha Mihaaru
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި

ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާގެ މައްސަލަ އެފްކޮންސް އިން އިސްތިއުނާފުކޮށްފި

11 ޑިސެމްބަރ 2022

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމި ނިންމުން އެ ކުންފުނިން ތިމާވެއްޓާ މިނިސްޓަރަށް އިސްތިއުނާފުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމި ނިންމުން އެ ކުންފުނިން ތިމާވެއްޓާ މިނިސްޓަރަށް އިސްތިއުނާފުކޮށްފި އެވެ.

އެފްކޮންސް ކުންފުނިން ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 އިގަ އެވެ. އެކަމަކު މޫސުން ގޯސްވެގެން ކަމަށް ބުނެ، އެ ޕްލެޓްފޯމު ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފުން ވަޅުގަނޑުތަކެއް އެ ތަނުގައި ހެދި، ލިބުނު ބޮޑު ގެއްލުމަށް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމިޔަސް، އެ ތަނަށް ލިބުނު ގެއްލުމުގެ ރިޕޯޓް ގަބޫލުކުރުމަށް އެ ކުންފުނިން ދެކޮޅު ހަދަ އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި. މި ޕްލެޓްފޯމް އެތަނުން ނެގުނީ 12 ދުވަސް ފަހުން.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިފައި. މި ޕްލެޓްފޯމް އެތަނުން ނެގުނީ 12 ދުވަސް ފަހުން.

އެހެންވެ، އެފްކޮންސް އިން އަމިއްލަ އަށް ސާވޭ ހެދުމުގެ ފުރުސަތު ވެސް އީޕީއޭ އިން ދިނެވެ. އެ ރިޕޯޓާ ގުޅޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް، އެކަމުގައި ދެ ފަރާތުން މަޝްވަރާކުރާނެ ކަމަށް އެ އެޖެންސީން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް މިހާތަނަށް ނުދެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްކޮންސް ކުންފުނިން މިހާރު ވަނީ ޖޫރިމަނާކުރަން ނިންމި މައްސަލަ އެންވަޔަރުމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އަރިހަށް އިސްތިއުނާފުކޮށްފަ އެވެ. އެއީ އީޕީއޭގެ ޖޫރިމަނާގެ އަދަދު ލުއިކޮށްދޭން ނުވަތަ މުރާޖައާ ކޮށްދޭން އެދި ހުށަހަޅާ ހުށަހެޅުމެކެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭ އިން ނިންމާ ނިންމުންތައް ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އަރިހަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެ އެވެ.

އިސްތިއުނާފު ކުރުމުން އެ މައްސަލާގައި ޖޫރިމަނާކުރުމާ މެދު ނުވަތަ ލުޔެއް ދިނުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ.

ތިމާވެއްޓަށް ލިބިފައިވާ މިފަދަ އެކި ގެއްލުންތަކާ ގުޅިގެން އެކި ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުން، މައްސަލަ އިސްތިއުނާފުކޮށް، ޖޫރިމަނާއަށް ލުޔެއް ހޯދަން މީގެ ކުރިން މަސައްކަތް ކޮށްފައިވެ އެވެ. މިދިޔަ މާޗު ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލާގައި 100 މިލިއަން ރުފިޔާ ދެއްކުމަށް ލުޔެއް ނުދީ އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަން އަންގައިފަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި އެހާ ބޮޑު ގެއްލުންތަކެއް ލިބުމުނުތާ ތިން މަސްވީއިރު ވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިޔުން ވަނީ ކުރިމަތިވެފަ އެވެ.