Roadha Mihaaru
ދެ ބާވަތެއްގެ ނޫޑްލްސް އިން ކެންސަރު ޖައްސާ މާއްދާއެއް ފެނިއްޖެ

ދެ ބާވަތެއްގެ ނޫޑްލްސް އިން ކެންސަރު ޖައްސާ މާއްދާއެއް ފެނިއްޖެ

27 އެޕްރީލް 2023

މެލޭޝިޔާގައި އުފައްދާ ނޫޑްލްސްގެ ބާވަތަކާއި އިންޑޮނީޝިޔާގައި އުފައްދާ ނޫޑްލްސްގެ ޕެކެޓްތަކަކުން، ކެންސަރު ޖައްސާ ކެމިކަލް މާއްދާއެއް ފެނުމާ ގުޅިގެން، އެ ދެ ބާވަތުގެ ނޫޑްލްސް މެލޭޝިޔާގެ ފިހާރަތަކުން ނެގުމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އިން އަންގައިފި އެވެ.

މެލޭޝިޔާގައި އުފައްދާ ނޫޑްލްސްގެ ބާވަތަކާއި އިންޑޮނީޝިޔާގައި އުފައްދާ ނޫޑްލްސްގެ ޕެކެޓްތަކަކުން، ކެންސަރު ޖައްސާ ކެމިކަލް މާއްދާއެއް ފެނުމާ ގުޅިގެން، އެ ދެ ބާވަތުގެ ނޫޑްލްސް މެލޭޝިޔާގެ ފިހާރަތަކުން ނެގުމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ އިން އަންގައިފި އެވެ.

މެލޭޝިޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ކެންސަރު ޖައްސާ މާއްދާއެއް ފެނިފައިވަނީ، މެލޭޝިޔާގައި އުފައްދާ ނޫޑްލްސްގެ ބާވަތެއްގެ ކަމަށްވާ، އަހް ލާއި ވައިޓް ކަރީ ނޫޑްލްސް އާއި އިންޑޮނީޝިޔާގައި އުފައްދާ އިންޑޮމީ ސްޕެޝަލް ޗިކަން ފްލޭވާގެ ޕެކެޓްތަކަކުންނެވެ. އެހެންކަމުން، އެ ދެ ބާވަތުގެ ނޫޑްލްސް ޕެކެޓްތަކުގެ ތެރެއިން، މި އަހަރުގެ އޮގަސްޓް 23 ގައި މުއްދަތު ހަމަވާ ބެޗްގެ ޕެކެޓްތައް، ހުރިހާ ފިހާރަތަކުން ނެގުމަށް މިހާރު ވަނީ އަންގައިފަ އެވެ.

އިންޑޮނީޝިޔާގައި އުފައްދާ އިންޑޮމީ ސްޕެޝަލް ޗިކަން ފްލޭވާގެ ނޫޑްލްސް ޕެކެޓެއް

އިންޑޮނީޝިޔާގައި އުފައްދާ އިންޑޮމީ ސްޕެޝަލް ޗިކަން ފްލޭވާގެ ނޫޑްލްސް ޕެކެޓެއް

އޭގެ އިތުރުން، އިންޑޮނީޝިޔާ އިން އެތެރެ ކުރާ އިންޑޮމީ ސްޕެޝަލް ޗިކަން ފްލޭވާގެ ހުރިހާ ޕެކެޓްތަކެއް މެލޭޝިޔާގެ ކަސްޓަމްސް އިދާރާތަކުން ހިފަހައްޓައި، ކަމާ ބެހޭ ލެބޯޓެރީތަކުން ޓެސްޓު ކުރުމަށް ފަހު، އެ އުފެއްދުންތަކުގައި ކެންސަރު ޖައްސާ މާއްދާ ނުހިމެނޭކަން ކަށަވަރު ކޮށްފައި ނޫނީ، އެތެރެ ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

މެލޭޝިޔާގެ ހެލްތު ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ރާޒީ އަބޫ ހަސަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މެލޭޝިޔާގެ އަހް ލާއި ވައިޓް ކަރީ ނޫޑްލްސް އާއި އިންޑޮނީޝިޔާގެ އިންޑޮމީ ސްޕެޝަލް ޗިކަން ފްލޭވާ ނޫޑްލްސްގެ ޕެކެޓްތަކަކުން ފެނިފައިވަނީ އިތެލީން އޮކްސައިޑް ކިޔާ މާއްދާއެކެވެ. އެ ދެ ބާވަތުގެ ނޫޑްލްސް ޕެކެޓްތަކުގައި އިތެލީން އޮކްސައިޑް ހިމެނޭކަން ދެނެގެންފައިވަނީ ތައިލޭންޑްގެ ޑިޕާޓްމަންޓް އޮފް ހެލްތުން ކުރި ތަހުލީލުތަކުންނެވެ.

އިތެލީން އޮކްސައިޑް އަކީ ދަނޑުބިންތަކުގައި އުފެދޭ ފަނިފަކުސަ އާއި ސޫފިތައް ނައްތައިލުމަށް ބޭހެއްގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ގޭހެކެވެ. އޭގެ އިތުރުން އަންނައުނުގައި ހުންނަ ދަލާއި ލައް ފިލުވުމުގެ ގޮތުން، ދޮންނަ ކުނޑީގައި ވެސް ބޭނުންކުރާ، ވަރަށް ބާރުގަދަ ކެމިކަލްއަކަށް ވާތީ، ކާބޯތަކެތި އަޅާ ތެލި ތަށި ފަދަ ތަކެތީގައި، މި ބާވަތުގެ ކެމިކަލް ބޭނުން ނުކުރުމަށް ސިއްހީ ތަޖުރިބާކާރުން އިންޒާރު ކުރައްވަ އެވެ.

މެލޭޝިޔާ އާއި އިންޑޮނީޝިޔާގައި އުފައްދާ ބައެއް ބާވަތުގެ ނޫޑްލްސްގެ ޕެކެޓްތަކުން، ނުރައްކާތެރި ކެމިކަލް މާއްދާތައް ފެނުން، 2022 ވަނަ އަހަރުން ފެށިގެން ދަނީ އިތުރުވަމުންނެވެ. އިންޑޮނީޝިޔާގައި އުފައްދައި 2022 ވަނަ އަހަރު މެލޭޝިޔާއަށް އެތެރެކުރި "މީ ސެޑާޕް" ކިޔާ ނޫޑްސްލްގެ ޕެކެޓްތަކެއްގައި އިތެލީން އޮކްސައިޑް ހުރިކަން އެނގުމުން، އެ ޕެކެޓައް ވިއްކުން ވެސް މަނާކުރި އެވެ.

އެ މައްސަލަ ކުރިމަތިވުމާ ގުޅިގެން މިއަދާ ހަމައަށް މެލޭޝިޔާގެ ފިހާރަތަކުން ނޫޑްލްސް އެކި ބާވަތްތަކުގެ 36 ސާމްޕަލް ނަގައިގެން ތަހުލީލުކުރި އިރު، މީ ސެޑާޕް ނޫޑްލްސްގެ 11 ސާމްޕަލަކުން އިތެލީން އޮކްސައިޑް ފެނިފައިވެ އެވެ.