Roadha Mihaaru
ޑެންގީ ކޮންޓްރޯލެއް ނުވޭ، މިދިޔަ ހަފުތާގައި 38 މީހުންނަށް ޖެހުނު

ޑެންގީ ހުން ކޮންޓްރޯލެއް ނުވޭ، މިދިޔަ ހަފުތާގައި 38 މީހުންނަށް ޖެހުނު

09 ޖޫން 2016

ޑެންގީ ހުން ޖެހިގެން، މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން 38 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށާއި ކުރީ ދެ ހަފުތާގައި 90 މީހަކަށް ޑެންގީ ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑެންގީ ހުން ޖެހިގެން، މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން 38 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށާއި ކުރީ ދެ ހަފުތާގައި 90 މީހަކަށް ޑެންގީ ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ތަސްލީމާ އުސްމާން ވިދާޅުވީ ކ.ކާށިދޫ އާއި ފ. ނިލަންދޫ އާއި ނ.މަނަދޫ ޑެންގީގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ހުޅުމާލެ އާއި މާލެ އާއި ނިލަންދޫން ވެސް ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީ ދެ ހަފުތާގައި ވަރަށް ބޮޑު ޕީކެއް އައިސްފައި މިއިނީ. ޕީކަކަށް ފަހު މިދިޔަ ހަފުތާގައި އެ އިނީ މަދުވެފައި،" ތަސްލީމާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑެންގީ ހުން ޖެހިގެން ހާހަކަށްވުރެ ގިނަ މީހުން ރިޕޯޓްކޮށްފައި ވާއިރު އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ވަނީ ޑެންގީ ޖެހިގެން ގާތްގަނޑަކަށް 500 މީހުން ރިޕޯޓްކޮށްފަ އެވެ.

ޑެންގީ ޖެހިގެން މަރުވި ކަމަށް ބެލެވޭ ތިން ކޭސް އެއް މި އަހަރުގެ މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ތަސްލީމާ ވިދާޅުވީ ޑެންގީ ކޮންޓްރޯލްކުރުމަށްޓަކައި އަމިއްލަ ޒިންމާ ނަގައި ދާއިމީ ގޮތެއްގައި ތަންތަން ސާފުކޮށް ބޭއްވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. މަދިރި މަދުކުރުމަށް މިނިސްޓްރީން ވެސް ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑެންގީ އަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑެންގީ ޖައްސަނީ އެއިޑިސް މަދިރި އެވެ. ސާފު ފެނަށް ބިސް އަޅައި އާލާވާ މި މަދިރިން ސަލާމަތް ވުމަކީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. މަދިރި އާލާވިޔަ ނުދިނުމަށް، ފެން ހަރުލާ ގޮތަށް އެއްޗެހި އުކާލާފައި ނުބެހެއްޓުން މުހިންމެވެ.