Roadha Mihaaru
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް

އާސެނަލް ވެއްޓިއްޖެ، ފުރިހަމަ ބާރާ އެކު ސިޓީ އެއްވަނަ އަށް

30 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 30) - ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި މިރޭ 2-1 އިން ފުލަމް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް އާސެނަލް ދެވަނައަށް ވައްޓާލައި އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 30) - ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި މިރޭ 2-1 އިން ފުލަމް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް އާސެނަލް ދެވަނައަށް ވައްޓާލައި އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.

ސިޓީ އެއްވަނައިގައި އޮތީ އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ސިޓީ އަށް 32 މެޗުން 76 ޕޮއިންޓް ލިބިފައި ވާއިރު އާސެނަލް މިހާތަނަށް ކުޅުނު 33 މެޗުން ވަނީ 75 ޕޮއިންޓް ހޯދައިފަ އެވެ.

މެޗުގައި ފެނުނު ތިން ގޯލު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. ފުލަމްގެ ޑިފެންޑަރު ޓިމް ރީމް އޭރިއާ ތެރެއިން ހޫލިއަން އަލްވަރޭޒް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ ތިްނވަނަ މިނިޓުގައި ސިޓީ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ.

މިއީ، މި ސީޒަންގައި ސިޓީއަށް ބަދަލުވި ހާލަންޑް އެޓީމަށް ޖަހައިދިން 50 ވަނަ ގޯލެވެ. އަދި މިއީ 1931 ވަނަ އަހަރު އެސްޓަން ވިލާ އަށް ކުޅުނު ޓޮމް ޕޮންގޯ ވާނިން އަށް ފަހު އިނގިރޭސި އެއްވަނަ ޑިވިޝަންގެ ކުޅުންތެރިއަކު އެއް ސީޒަންގައި 50 ގޯލު ހަމަކުރި ފުރަތަމަ ފަހަރެވެ.

ހާލަންޑް މި ސީޒަންގައި އޭނާގެ 50 ވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ހާލަންޑް މި ސީޒަންގައި އޭނާގެ 50 ވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ހަމަ އެއާ އެކު ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި 34 ގޯލު ހަމަކޮށް، ޕްރިމިއާ ލީގު ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ އެންޑީ ކޯލް އާއި އެލަން ޝިއެރާގެ ރެކޯޑާ ވެސް އެއްވަރު ކޮށްފަ އެވެ. އެންޑީ ކޯލް ވަނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން 1993/1994 ސީޒަންގައި އެ އަދަދަށް ގޯލު ޖަހައިފަ އެވެ. އަދި ޝީއެރާ އެ ރެކޯޑާ ހަމަކުރީ ޖެހިގެން އައި ސީޒަންގައި ބްލެކްބާން ރޯވާސް އަށް ކުޅެމުންނެވެ.

ފުލަމް އިން ވަނީ މެޗުގެ 15 ވަނަ މިނިޓުގައި ކާލޯސް ވިނީޝިއަސް ޖަހައިދިން ގޯލަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ރިޔާދު މަހްރޭޒްގެ ޕާހެއް ހޯދައި އަލްވަރޭޒް ވަނީ 36 ވަނަ މިނިޓުގައި ރީތި ގޯލެއް ޖަހައި ސިޓީއަށް އަލުން ލީޑު ނަގައިދީފަ އެވެ.

ގާޑިއޯލާގެ ސިޓީ މިދިޔަ ފެބްރުއަރީ މަހު ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވި ފަހުން ލީގުގައި އެޓީމު ބައްޔެއް ވެފައެއް ނުވެ އެވެ. ސިޓީއަށް ލީގުގައި ބާކީ ހަ މެޗު އޮތްއިރު އާސެނަލް އަށް އޮތީ ފަސް މެޗެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ފުރަތަމަ ލެގު ކުޅުމުގެ ކުރިން ލީގުގައި ސިޓީއަށް އޮތީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އާސެނަލް ލީގުގައި ދެން އެންމެ އަވަހަށް ކުޅޭނީ ޗެލްސީއާ ދެކޮޅަށެވެ.

ފެނާންޑޭޒް ގޯލު ޖަހައި ލީޑު ނަގައިދީ ޓީމާއެކު އުފާފާޅު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފެނާންޑޭޒް ގޯލު ޖަހައި ލީޑު ނަގައިދީ ޓީމާއެކު އުފާފާޅު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ މިރޭ އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ގޯލުން 1-0 އިން މޮޅުވެފަ އެވެ.

ނިއުކާސަލް ޔުނައިޓެޑް ވަނީ ފަހަތުން އަރައި 3-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ސްޓުއާޓް އާމްސްޓްރޯންގް ފުރަތަމަ ހާފު ނިމެނިކޮށް ސައުތެމްތަނަށް ލީޑު ހޯދައިދީފައި ވަނިކޮށް ދެވަނަ ހާފުގައި ނިއުކާސަލް އަށް އެއްވަރު ކޮށްދިނީ ކެލަމް ވިލްސަން އެވެ. މެޗުގެ 79 ވަނަ މިނިޓުގައި ތިއޯ ވޮލްކޮޓް އަތުން ބައިކޮޅަށް ވަން ގޯލަކުން ނިއުކާސަލް އަށް ލީޑު ލިބުނު އިރު ދެ މިނިޓު ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ ވެސް އެއްވަރު ކޮށްދިން ގޯލު ޖަހައިދިން ވިލްސަން އެވެ.

މި ނަތީޖާއާ އެކު ނިއުކާސަލް ތިންވަނައިގައި އޮތީ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނިއުކާސަލް އަށް 33 މެޗުން 65 ޕޮއިންޓް ލިބިފައި ވާއިރު ހަތަރުވަނައިގައި އޮތް ޔުނައިތެޑަށް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ބޯންމަތުން ވަނީ 4-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މިއާ އެކު ބޯންމަތަށް ވަނީ ޗެލްސީއާ އެއްވަރަށް ލީގުގައި 39 ޕޮއިންޓް ލިބިފަ އެވެ. ބޯންމަތު މިވަގުތު 13 ވަނައިގައި އޮތީ 34 މެޗު ކުޅެގެންނެވެ. ޗެލްސީ އޮތީ 32 މެޗު ކުޅެގެން 12 ވަނައިގަ އެވެ.