Roadha Mihaaru
އީގަލްސް ކާމިޔާބީ ތަކުރާރުކުރަން މާޒިޔާއާ ދެކޮޅަށް

އީގަލްސް 2016ގެ ކާމިޔާބީ ތަކުރާރު ކުރަން މާޒިޔާއާ ދެކޮޅަށް

02 މެއި 2023

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް މިރޭ ކްލަބް އީގަލްސް ނުކުންނައިރު، މިއީ 2011 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އެއްވަނަ ޑިވިޝަންގައި ވާދަކުރަމުން އީގަލްސް އެއްވަނަ ޑިވިޝަންގައި މިހާތަނަށް ކާމިޔާބު ކޮށްފައިވާ ހަމައެކަނި މުބާރާތެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް މިރޭ ކްލަބް އީގަލްސް ނުކުންނައިރު، މިއީ 2011 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އެއްވަނަ ޑިވިޝަންގައި ވާދަކުރަމުން އީގަލްސް އެއްވަނަ ޑިވިޝަންގައި މިހާތަނަށް ކާމިޔާބު ކޮށްފައިވާ ހަމައެކަނި މުބާރާތެވެ.

މިއީ އެޓީމުން މި މުބާރާތުގެ ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވާދަކުރީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ވަރުގަދަ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ ބަލިވީ އިތުރު ވަގުތުގެ ފަހު ހާފުގައި ވަން ގޯލުންނެވެ.

ނަމަވެސް ދެވަނަ ފަހަރަށް 2016 ވަނަ އަހަރު ފައިނަލްގައި ވާދަކޮށް މުބާރާތް ކާމިޔާބުކުރި އެވެ. އެ އަހަރުގެ ފައިނަލްގައި ވެސް ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު އެ ފައިނަލުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ، މި ސީޒަންގައި އެ ޓީމުގެ ކެޕްޓަންކަން ހަވާލުކޮށްފައިވާ އިތުބާރު ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފައްދަމުން ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުން އަންނަ އީގަލްސް އަކީ މި އަހަރުގެ ސީޒަނަށް ދުރާލާ ތައްޔާރުވި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އަނެއް ޓިމަކީ އިދިކޮޅުން ނުކުންނަ މާޒިޔާ އެވެ.

މި އަހަރުގެ ސެމީ ފައިނަލް މެޗުގައި ބުރު ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރިޒޭ (މ)، އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރުގެ ސެމީ ފައިނަލް މެޗުގައި ބުރު ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރިޒޭ (މ)، އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް އީގަލްސް އާއި މާޒިޔާ ވާދަ ކުރި އެވެ. ނަމަވެސް އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި މި ދެޓީމު ވާދަކުރަން ޖެހިފައި ވާއިރު މާޒިޔާގެ ކޯޗު، ބަލްގޭރިއާގެ އިވާން ކޮލޭވް ވެސް ވަނީ އީގަލްސްއާ ދެކޮޅަށް ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ. އީގަލްސް އަކީ ވަރަށް ސީރިއަސްކޮށް އާ ސީޒަނަށް ތައްޔާރު ވެފައިވާ ޓީމެއްކަން ފުރަތަމަ މެޗުން ވެސް ފާހަގަވިކަން އޭނާ ފާހަގަކުރި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅޭ ފައިނަލް މެޗަށް އީގަލްސް ނުކުންނައިރު، އެ ޓީމަށް އިރުޝާދު ދޭނީ 2016 ވަނަ އަހަރު ވެސް އެޓީމަށް ކާމިޔާބު ހޯދައިދިން ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އެވެ. ސާންތި އަކީ އީގަލްސް، އީގަލްސްގެ ގޮތުގައި ޓީމު ކޮޅަށް ޖެހުމުގައި ފެށުނީއްސުރެން ވެސް އެންމެ އިސް ދައުރެއް އަދާކުރި އެކަކެވެ.

އީގަލްސްގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު 2017 ގައި ސާންތި ޓީމުން އިސްތިއުފާ ދިނީ އެ އަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި، ދިވެހި ޕްރިމިއާ ލީގަށް ޓީމު ކޮލިފައިކޮށް ނުދެވުމުންނެވެ. ނަމަވެސް ހަ އަހަރު ފަހުން މި ސީޒަންގައި އޭނާ ވަނީ އެނބުރި އީގަލްސްއާ ހަވާލުވެފަ އެވެ. ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އީގަލްސް އާ ހަވާލުވެ، ސާންތި ވަނީ ކޯޗެއްގެ ގޮތުގައި އޭނާ މީހަކަށް ހަދައި ދިނީ އީގަލްސްކަން ފާހަގަކޮށް، ކޯޗިން ކެރިއާ ނިންމާލަން ބޭނުން ވަނީ ވެސް އީގަލްސްގައި ކަމަށް ބުނެފަ އެވެ.

އީގަލްސްގެ ކުޅުންތެރިން 2016ގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު ކޯޗު ސާންތީ އުފުލާލައިގެން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ކުޅުންތެރިން 2016ގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ފަހު ކޯޗު ސާންތީ އުފުލާލައިގެން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ސެމީ ފައިނަލްގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބުރަކީ ގުރޫޕް ސްޓޭޖުގައި މާޒިޔާ ބަލިކޮށްފައި ސެމީ އިން ފުރުސަތު ހޯދި ކްލަބެކެވެ. ގުރޫޕް ސްޓޭޖުގެއި އީގަލްސް ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ވެލެންސިއާ ވެސް ބަލިކޮށްފަ އެވެ.

ފައިނަލް މެޗަށް ނުކުތުމުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް ކޯޗު ސާންތިގެ ބަދަލުގައި ބައިވެރިވީ މެނޭޖަރު މުހައްމަދު އިނާން އަލީ އެވެ. އިނާން ބުނީ ކޯޗުގެ ބަލި ހާލަތު ހުރި ގޮތުން ޕްރެސްގައި ބައިވެރި ވެވޭގޮތް ނުވީ ކަމަށެވެ.

ފައިނަލް މެޗާ ގުޅޭގޮތުން އިނާން ބުނީ، އީގަލްސްގެ މުޅި ޓީމު ވެސް ތިބީ 2016ގެ ކާމިޔާބީ ތަކުރާރުކުރުމުގެ އުންމީދުގައި ކަމަށެވެ.

"ވަރަށް އުންމީދުގައި މިތިބީ ފައިނަލް މެޗާ ދޭތެރޭގައި. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. މިއީ ތިންވަނަ ފަހަރު ފައިނަލަށް ދިޔަ، 2016ގެ ކާމިޔާބީ ތަކުރާރު ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" އީގަލްސްގެ މެނޭޖަރު އިނާން ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވި އީގަލްސްގެ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ)، އަނިޔާއިން ސަލާމަތްވެ ޕްރެކްޓިސްގައި ބައިވެރިވާން ފަށާފައި ވާތީ އެއީ އީގަލްސް އަށް އޮތް ހިތްހަމަޖެހުމެކެވެ. ރިޒޭ އަށް ވެސް ވަނީ އެ މެޗުގައި އަނިޔާ ވެފަ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް ރިޒޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޓީމުގައި ތަފާތު ދައްކައިފަ އެވެ. އަދި ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ރިޒޭ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން 120 މިނިޓު ފުރިހަމަކޮށްފަ އެވެ.

އީގަލްސް އަށް އޮތް ނުތަނަވަސް ކަމަކީ ފޯވާޑް ލައިންގައި މުހިއްމު ދައުރެއް އަދާކުރާ އެ ޓީމުގެ އިސްމާއިލް އީސަ (މެސީ) އަށް އަނިޔާގެ މައްސަލަ ދިމާވެފައި ވުމެވެ. މީގެ އިތުރުން ސެމީ ފައިނަލް މެޗުގައި ބިދޭސީ ޑިފެންޑަރު އަސްކާބެކް ސަލިއޭވް އަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. މެނޭޖަރު އިނާން ބުނީ ކުޅުންތެރިން ފައިނަލް މެޗުގައި ބޭނުން ކުރުމުގައި ކޯޗު ސާންތި ގޮތެއް ނިންމާނީ އެންމެ ފަހުގެ ޕްރެކްޓިސް އަށް ފަހު ކަމަށެވެ.

އީގަލްސް އާއި މާޒިޔާ މިރޭ ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 9 ޖަހާއިރެވެ.