Roadha Mihaaru
އިތުރު ވަގުތުގައި ބުރު ބަލިކޮށް އީގަލްސް ފައިނަލަށް

އިތުރު ވަގުތުގައި ބުރު ބަލިކޮށް އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް

27 އެޕްރީލް 2023

އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލުން 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލުން 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރެއަށް ތާވަލް ކޮށްފައިވާ މުބާރާތުގެ ފައިނަލް މެޗުގައި އީގަލްސް ވާދަ ކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހު އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ކާމިޔާބާ އެކު އީގަލްސް މިވަނީ ތިންވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ތިން ފަހަރު ވެސް އީގަލްސްގެ ބެންޗުގައި އެޓީމަށް އިރުޝާދު ދޭން ހުރީ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އެވެ.

އެޓީމު ކުޅުނު ފުރަތަމަ ފައިނަލްގައި 2014 ވަނަ އަހަރު ނިއު ރޭޑީއަންޓް އަތުން ބަލިވި ނަމަވެސް، އެންމެ ފަހުން 2016 ވަނަ އަހަރު ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ އަހަރު ފައިނަލްގައި އިދިކޮޅުން ވާދަކުރި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރީ މިއަދު ބުރު ޓީމަށް އިރުޝާދުދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އީގަލްސް އިން ފުރަތަމަ ޑިވިޝަންގެ ކެރިއަރު ފަށައިގެން ގައުމީ ޓީމަށް ވެސް ކުޅުމަށް ފަހު، މިދިޔަ ސީޒަން އަނިޔާގައި ހުންނަން ޖެހުނު ޒުވާން ފޯވާޑް މުހައްމަދު ނާއިމް މި ސީޒަނުގައި ކުޅެމުން އަންނަނީ، އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ބުރު ސްޕޯޓްސް ކްލަބަށެވެ. ބުރުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ 11 ގައި ހިމެނުނު ނަމަވެސް މިއަދުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ނާއިމް އެވެ. ހަމަ އެއާ އެކު މި ސީޒަންގައި ބުރުގެ ގޯލު ބަލަހައްޓަމުން އަންނަ ޒުވާން ގޯލްކީޕަރު ޝައިހާން އަލީ އަކީ މިދިޔަ އަހަރު އީގަލްސްގެ 19 އަހަރުން ދަށުގެ ޓީމުން ފާހަގަވި އުންމީދީ ކީޕަރެކެވެ.

އީގަލްސް އާއި ބުރު ސްޕޯޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އާއި ބުރު ސްޕޯޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެޓީމަށް ލީޑު ނަގައިދިން ލަނޑު 26 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ މި ލަނޑު ޖެހީ ބްރެޒިލްފެ ސްޓްރައިކަރު އިވާން ކާލޯސް ނަގައިދިން ހުރަހެއް ބޮލުން ގޯލާ އަމާޒު ކޮށްލައިގެންނެވެ.

ނާއިމް އާއި ބުރުގެ ކަނާތް ފަރާތު އަރިމަތިން ފަހަތަށް ކުޅޭ އިބްރާހިމް އުސާމާ ހަސަން މަޖީދު ވަނީ، ދެ ކުޅުންތެރިން އެކުވެގެން މި ހާފުގައި އެޓީމަށް ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޕާސް ގިނަ ވުމުގެ ސަބަބުން އީގަލްސްގެ ބިދޭސީ ޑިފެންޑަރު އަސްކާބެކް ސަލިއޭވް ވަނީ ދެ ކުޅުންތެރިން އުފައްދަން އުޅުނު އެޓޭކަށް ހުރަސް އަޅައިފަ އެވެ. މީގެ އިތުރުން ނާއިމް އަށް ވެސް ވަނީ ގޯލު ޖަހަން ފުރުސަތު ލިބި ނާކާމިޔާބު ވެފަ އެވެ.

ބުރުން ދެވަނަ ހާފު ފެށީ ކުރީ ހާފަށް ވުރެ ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. މި ހާފުގެ ވަރަށް ކުރީކޮޅު ނާއިމަށް ނަތީޖާ އެއްވަރު ކުރަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އެޓީމުން ނަތީޖާ އެއްވަރުކުރީ 82 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން، މުހައްމަދު ތަޝްމީން (ތައްތި) އެވެ. ތައްތި އަކީ ކުރިން އީގަލްސް އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. މި ޕެނަލްޓީއަކީ އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)، ބުރުގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.

ނަތީޖާ އެއްވަރު ކުރުމުގެ ކުރިން ވެސް ތައްތި ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭނާ ފޮނުވާލި ހަމަލާ މަތަކުރީ އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މި ހާފުގައި އީގަލްސްގެ ކާލޯސް އާއި ރިޒޭ ފޮނުވާލި ހަމަލާތަކެއް ބުރުގެ ކީޕަރު ޝައިހާން ވެސް ދިފާއު ކުރި އެވެ.

އީގަލްސް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޒައިން ޒަފަރު ކާމިޔާބު ކޮށްދިން ގޯލުންނެވެ. ޒައިން މި ލަނޑު ޖެހީ އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އޭރިއާބޭރުން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ގޯލު ކުރިމަތީ ހުސްކޮށް ހުރެ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.