Roadha Mihaaru
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު

ކޭޕާކްގެ މައްސަލާގައި މަންޑޭ އަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ހިނގައްޖެ

02 މެއި 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ހިނގައްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮވެ އެވެ. އަދި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާ އެވެ.

މި މައްސަލާގައި ރާއްޖޭގެ ހަންބޯ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް އެޕާޓްމަންޓެއްގެ ބެލްކަނީ: ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނައީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ވަނީ ހުށަހަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޖައިޝަން އަކީ ކޭޕާކުގެ މަސައްކަތްކުރާ ލޯކަލް އެހެން ކުންފުންޏެއް ކަމަށްވާ، ކޯދި އިންވެސްޓްމަންޓްސްގެ އެއް ހިއްސާދާރެވެ. އަނެއް ހިއްސާދާރަކީ މަންޑޭ އެވެ.

ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަންކަން

• ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވޭ.

• ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދު.

• ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާއިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް.

• އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު، އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން.

• ބޭންކް އޮފް މޯލްޑިވްސްގެ ސަމާލުކަމަށް މި މައްސަލަ ގެނައި އިރު، އެ އެކައުންޓް ހުރި ފައިސާ ވަނީ ނަގައިފައި.

• ކުންފުނީގެ އެމްޑީގެ ސަމާލުކަމަށް މި މައްސަލަ އައުމުން މަންޑޭއާ މުއާމަލާތްކުރަން މަސައްކަތް ކުރިޔަސް، އެއްބާރުލުން ނުލިބުނު.

• އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވޭ.

• އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވޭ.

• އަމިއްލަ ބޭނުމަށް ކަސްޓަމަރުންނަށް ގުޅައިގެން ދަރަންޏަށް ފައިސާ ހޯދަން މަސައްކަތްކޮށްފައިވޭ.

• އެހެން ކުންފުނިތަކެއް ބޭނުންކޮށްގެން ހަންބޯގެ ނަމުގައި މުއާމަލާތްކޮށްފައިވޭ. އެއީ މަންޑޭ އާއި ޖައިޝަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޯދީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި ހަންބޯ ކުންފުނީގެ ސެކްރެޓަރީ އައިޝަތު ދިފްލީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝީޖިއާ ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް.

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް އެޕާޓްމަންޓެއްގެ އެތެރެ: ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނައީ ތަހުގީގުކުރަން މައި ހިއްސާދާރު ޕޮލިހަށް ވަނީ ހުށަހަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަންބޯ ކުންފުނީގެ ބަޔާނުގައި ބުނީ މި މައްސަލަ އާބަންކޯގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ފައިސާ ބަލައިގަތް ކަމުގެ ލިޔުން ދޭން މަންޑޭ ދެކޮޅު ހަދާފައިވާތީ އެ މައްސަލަ ވެސް އާބަންކޯގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މަންޑޭއަށް ކުރާ މި ސީރިއަސް ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން ގުޅުމުން ފޯނެއް އަދި ނުނަގަ އެވެ.

މީގެ އަށް އަހަރު ކުރިން، 14 ބުރިއަށް ހަދަން ފެށި ކޭޕާކު ރެސިޑެންސް އަދިވެސް ނުނިމެ އެވެ. ސަތޭކަ ދިހަ އެޕާޓް ހިމެނޭ އެ އެ އިމާރާތުން އެޕާޓްމަންޓެއް ވިއްކީ 3-6 މިލިއަން ރުފިޔާ އަށެވެ.