Roadha Mihaaru
މައުލޫމާތު ހޯދުމުގެ ހައްގު ކަށަވަރުކޮށްދޭނަން: ރައީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭނަން: ރައީސް

03 މެއި 2023

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބޭކަން ސަރުކާރުން އަބަދުވެސް ކަށަވަރުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބޭކަން ސަރުކާރުން އަބަދުވެސް ކަށަވަރުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހި ނޫސްވެރިކަމުގެ ފަސްމަގުން ލިބުނު އިބުރަތްތަކުގެ އަލީގައި ކުރިމަގު މިހާރަށް ވުރެ އުޖާލާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ އަދި ކޮންމެ ނޫސް އިދާރާއެއްގެ ވެސް ޒިންމާއެއް ކަމަށެވެ. ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"...ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެ އެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާ އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ހައްގަކީ ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ލުއިފަސޭހަކަމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމުގެ ދާއިރާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މައުލޫމާތު ހޯދުމާއި މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ވެސް އެތައް ގުނައެއް އިތުރުވެ، ފުރިހަމަ ތެދު މައުލޫމާތަށްޓަކައި ރައްޔިތުން ގޮވާ ގޮވުމުގެ އަޑުތައް ވެސް ކުރިއަށް ވުރެ އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު، އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަން ޖެހެނީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރެވެ. އިޖުތިމާއީ ގޮތުން ގައުމަށް އަންނަ ބަދަލުތަކާއި ސިޔާސީ ގޮތުން ގައުމަށް ކުރިމަތިވާ ފުރޮޅުންތަކާ އަދި އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ބަދަލެއްގެ މިސްރާބު ސީދާކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑެވެ.

"މިނިވަން ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމުގައި މާނަކުރެވެނީ މި ސަބަބަށްޓަކަ އެވެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ވިދާޅުވީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް، އެ ހައްގުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި، ނޫސްވެރިކަމުގެ ޒަރީއާއިން އުފެދިގެން ދިޔަ ހޭލުންތެރިކަން ކަމަށެވެ.

ހަމަ އެފަދައިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން، އެ ހައްގުތަކަށް އެދި ރައްޔިތުން އުފުލަން ފެށި އަޑުތަކަކީ ވެސް ޑިިމޮކްރަސީގައި ރާއްޖެ ކުރިއަރާފައިވާ މިންވަރު ފެންނަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގަ އެވެ. މިއީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ދުވަހެއް ފާހަގަކުރުމަށް އދ. މަޖިލީހުގެ ތައުލީމާއި ސައެންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ)ގެ ފަރާތުން ކަނޑައެޅިތާ 30 އަހަރު ފުރޭ އަހަރެވެ.