Roadha Mihaaru
ފިޝަރީޒްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ޗިކާ

ޗިކާ އަށް ފިޝަރީޒްގެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަން

04 މެއި 2023

ކުށުގެ ތަފާތު އެކި ތުހުމަތުތައް ކުރިން ކޮށްފައިވާ އަދި ކަނޑި ގެންގުޅުމުގެ ކުށް ކުރިން ސާބިތުވި، އިބްރާހިމް ނާފިޒު (ޗިކާ) އަށް ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވައިފި އެވެ.

ކުށުގެ ތަފާތު އެކި ތުހުމަތުތައް ކުރިން ކޮށްފައިވާ އަދި ކަނޑި ގެންގުޅުމުގެ ކުށް ކުރިން ސާބިތުވި، އިބްރާހިމް ނާފިޒު (ޗިކާ) އަށް ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވައިފި އެވެ.

އެމްޑީޕީގެ މަޑަވެލި ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ގދ. ނަޑެއްލާ، އަތަމާގޭ، ޗިކާ އަށް އެ މަގާމު ދެއްވިކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ރައީސް އޮފީހުން އިއްޔެ ފޮނުވި ސިޓީގައިވާ ގޮތުން މަގާމު ދެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު ޗިކާއަކީ މީގެ ކުރިން މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުުހުމަތު ކުރި މީހެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ ޖެނުއަރީ 19، 2020 ގައި ދަމަހައްޓައިފި އެވެ.

ޗިކާގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން، ވިޔަފާރީގެ ބޭނުމަށްޓަކައި މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ދައުވާ ދައުލަތުން ކުރީ މާޗް 2008 ގައި އޭނާ ދިރިއުޅުނު ކޮޓަރި ފުލުހުން ފާސް ކުރިއިރު އެތަނުގެ އަލަމާރި މަތިން ފެނުނު ސިޓީ އުރައަކުން 56 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ. އޭރުގެ ޖިނާއީ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ ޗިކާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މަސްތުވާތަކެތި ފެނުނު ކޮޓަރި އަކީ އެހެން މީހުން ވެސް ވަދެ ނުކުމެ ހަދާ ތަނަކަށް ވާތީ، އެ ތަނުގައި އެފަދަ އެއްޗެއް ބޭއްވުމުގެ ފުރުސަތު އެހެން މީހަކަށް އޮތްއިރު، ޗިކާއާ އެ ތަކެއްޗާ ގުޅުވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން އޭރު ނިންމި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ޖެނުއަރީ 2020 ގައި ކުރި ހުކުމުގައި ވަނީ އެ ކޮޓަރިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ބުނުމެއް ފިޔަވައި ޗިކާއާ އެ ތަކެއްޗާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް އައި އިރު ވެސް އޭނާ ގެންދަވަނީ އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ކުރިން ގާތްގުޅުމެއް ބާއްވަމުން ގެންދެވި ޗިކާ، އެ ޕާޓީގެ އެތެރޭގެ ކޯޅުމުގެ ތެރެއިން ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅި އެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ރައީސްގެ ކެމްޕެއިންތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގެ އިތުރުން މާލޭގައި ކަނޑި ގެންގުޅުމާއި މާރާމާރީގެ ތަފާތު މައްސަލަތަކުގެ ތުހުމަތަށް ވެސް ޗިކާ އެކި ފަހަރު މަތިން ކުރިން ހައްޔަރުކޮށްފައި ވެ އެވެ. ކަނޑި ގެންގުޅުނު މައްސަލައެއް ޖުލައި 7، 2008 ގައި ކްރިމިނަލް ކޯޓުން ސާބިތުވެ، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އައިސްފައި ވެ އެވެ. އޭނާ އެ މައްސަލާގައި ޖަލުން މިނިވަން ވީ ފެބްރުއަރީ 14، 2011 އިގަ އެވެ. ޗިކާ ޖަލުން ދޫކުރީ ޕެރޯލް ބޯޑުންނެވެ.

ކަނޑި ގެންގުޅުނު މައްސަލާގައި ޗިކާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ "ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ" ކުށް ސާބިތުވެގެންނެވެ. ޖިނާއީ ކޯޓުން ޗިކާގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ބުނެފައިވާ ގޮތުން އޭނާ ވަނީ ކަނޑި ގެންގުޅުނު ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ

މީޑިއާގެ ބައެއް މީހުންގެ ގައިގައި ތަޅައި ގަތް މައްސަލައެއްގައި މާޗް 2010 ގައި ވެސް ޗިކާ ހައްޔަރުކުރި އެވެ. އެ ފަހަރު ހައްޔަރުކުރި ގުރޫޕްގެ ތެރޭގައި ޗިކާ ހިމެނުނީ ކަނޑިއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ގޭ ބަންދަށް އޭނާ ދޫކުރި ވާހަކަ ދިޓީވީން ރިޕޯޓް ކުރުމުން އެ މީޑިއާގެ ބައެއްގެ ގައިގައި ތަޅައިގަތް ކަމުގެ މައްސަލައިގަ އެވެ. އެ ހޫނުގަނޑު ތެރޭގައި އޭރުގެ "ހަވީރު" ގެ މުވައްޒަގެއްގެ ގަޔަށް ބަޔަކު މީހުން ވަޅި ވެސް ހެރި އެވެ.