Roadha Mihaaru
ދައްކާ ވާހަކަތަކުން މަސްވެރިކަމަށް ގެއްލުންލިބޭނެ:ޝައިނީ

ދައްކާ ދޮގު ވާހަކަތަކުން މަސްވެރިކަމަށް ގެއްލުން ލިބޭ: ޝައިނީ

19 ސެޕްޓެމްބަރ 2018

މަސްވެރިކަމާ ބެހޭގޮތުން ދައްކާ ދޮގު ވާހަކަތަކުން މަސްވެރިކަމުގެ ދާއިރާ އަށް ގެއްލުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްވެރިކަމާ ބެހޭގޮތުން ދައްކާ ދޮގު ވާހަކަތަކުން މަސްވެރިކަމުގެ ދާއިރާ އަށް ގެއްލުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުން ރަނގަޅު ނަފާއެއް ލިބޭ ކަމަށެވެ. އެކަން ވެގެންދަނީ ސާފު، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޒިންމާދާރުކަމާ އެކު ވާހަކަދައްކަން ޖެހޭ ސިޔާސީ ބޭފުޅުންގެ ވާހަކަތަކުން ސުވާލުތައް އެބަ އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ އެގޮތަށް އެ ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ކެމްޕެއިނަށް މިދިޔަ މަހުގެ ފަހުކޮޅު ގދ. ތިނަދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ލައިސަންސް ލިބިގެން ސާޅީހަކަށް ބޭރު ބޯޓު ރާއްޖޭގެ ކަނޑުތަކުގައި ދާ އަޅަމުންދާ އިރު، ލައިސަންސް ނެތި 100 އަށް ވުރެ ގިނަ ބޯޓު ރާއްޖޭގެ ކަނޑުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މަސް ކަނޑުތައް ރައްކާތެރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝައިނީ ވިދާޅުވީ ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ 2000ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ކުރިން ހުއްދަ ދިން ފަރާތްތަކުގެ ލައިސަންސް ބާތިލްވަންދެން މަސްވެރިކަން ކުރަމުން ދިޔަ ކަން ފާހަގަކުރެއްވި އެވެ. މި ސަރުކާރުން ވެރިކަމަށް އައި އިރު އެފަދަ ލައިސަންސެއް ބޭރުގެ އެއްވެސް ފަރާތެއްގެ އަތުގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ބޭރުގެ އުޅަނދުފަހަރުން ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

އިބޫ އެ އިޝާރާތްކުރެއްވި ބޭރުގެ ބޯޓުތަކަކީ، ޝައިނީ ވިދާޅުވި ގޮތުގައި، 100 ޕަސެންޓް ދިވެހިން ހިއްސާވާ އުޅަނދުފަހަރެވެ.

"މަސްވެރިކަން ކުރަން ބޭރުގެ ބޯޓު ފަހަރަށް ހުއްދަ ދެވޭނެ ގޮޮތް ކުރިން އޮތް ލޯކަލައިޒްކޮށްގެން. ނަމަވެސް 100 ޕަސެންޓް ދިވެހިންނަށް ފުރުސަތު ދިނުމަށްޓަކައި ގަވާއިދެއް ހަދާފައި މަޖުބޫރުކުރީ އެ އުޅަނދުފަހަރު ޖެހޭނީ އެ ލައިސަންސް ކުރި ތަނަކުން ޑީލައިސަންސް ކޮށްގެން ގެނެސްފައި 100 ޕަސެންޓް އޯނަޝިޕްގައި ގަނެގެން ގެނެސް ރާއްޖޭގައި ޑިއުޓީ ވެސް ދައްކާފައި ރާއްޖޭގައި ޖެހޭނީ އެ މީހެއްގެ އަމިއްލަ ބޯޓެއްގެ ގޮތުގައި އެކަން ކުރަން. އެހެންވީމަ މިހާރު މި ކުރެވެނީ އޭގެ ހަގީގީ ގޮތުގައި. ބޭރުގެ އެއްވެސް ފަރާތަކަށް ހުއްދަ ނުދެވޭ ގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށްފައި ގަވާއިދުތައް ހަދާފައި ހުރީ ހަމައެކަނި މި ސަރުކާރުން،" ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަމަ ދިވެހިންތަކެއް ކުރާ ވިޔަފާރިތަކަށް ނިސްބަތްކޮށްފައި އެގޮތަށް ދޮގު މައުލޫމާތު ފެތުރީމަ، ނޫނީ ނޭނގި ނަމަވެސް އެކަހަލަ ވާހަކަތައް ދެއްކީމަ ރާއްޖޭގެ މަސްވެރިކަމަށް ގެއްލުން ވެގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.

އިންޑިޔާ ކަނޑުގައި ދިވެހިން މަސްވެރިކަން ކުރަމުން އަންނަނީ އެތައް ބަޔަކާ ވާދަކޮށް ވަރަށް ނާޒުކު މާކެޓެއްގައި ކަމަަށް ޝައިނީ ވިދާޅުވި އެވެ. އެ މާކެޓަށް އަންނަ ލޮޅުމަކާ ހެދި މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ މަސްވެރިކަމާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.