Roadha Mihaaru
ވަކި ބަޔަކަށް އެއްވެސް ރަށެެއް ދޭކަށް ނާންގަން: ޔާމީން

ވަކި ބަޔަކަށް އެއްވެސް ރަށެެއް ދޭކަށް ނާންގަން: ޔާމީން

07 މެއި 2023

އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ވަކި ރަށެއް ކުއްޔަށް ދޭން އަންގަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ވަކި ރަށެއް ކުއްޔަށް ދޭން އަންގަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރ. ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން އެ ނިންމުންތަކަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވައިފަ އެވެ.

ބައެއް ލިޔުންތައް ދޭން ނުޖެހޭނެ ކަމަށް ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ލިޔުންތައް ހޯދަން އެދުނީ ރަށްތައް ދިނުމާ ބެހޭގޮތުން ރައީސް އޮފީހުން ވަކި އެންގުމެއް އަންގާފައި ނެތްކަން ސާބިތުކޮށް ދެއްވުމަށް ކަމަށެވެ. އަދި ވަކި ބަޔަކަށް ވަކި ރަށެއް ދޭން އެމަނިކުފާނު އަންގާފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ އިނގޭ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން ޓޫރިޒަމްގެ އެއްވެސް ރަށެއް ވަކި ފަރާތަކަށް ދޭކަށެއް ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުރެގެން އެއްވެސް ފަރާތަކަށް އަންގާފައި ނޯންނާނެ ކަން. އެއީ މިއީ ދައުލަތުގައި ހުރި ލިޔުންތައް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރަނީ ގެޒެޓް ކޮށްފައިވާ ވަކި އުސޫލެއްގެ ދަށުން ކަމަށާއި އެއީ ރައީސް އޮފީހުން ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަށްތައް ދޫކުރުމުގެ ހުރިހާ ކަމެއް ކުރަނީ ޓޫރިޒަމް މިނިސްޓްރީން ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރަށްތައް ދޫކުރި މައްސަލާގައި ކުރި އެއްވެސް ތަހުގީގެއްގައި، އެއިން އެއްވެސް ރަށެއް ދޫކުރީ އެމަނިކުފާނު އަންގަވައިގެން ކަމަށް އެއްވެސް މީހަކު ބުނެފައި ނުވާނެ ކަމަށެވެ. އަދި ދެތިން ރަށެއްގެ މައްސަލާގައި އެމަނިކުފާނާ ގުޅުވަނީ ވަކި ބޭނުމެއްގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު މިވެގެން އުޅޭ ގޮތަކީ ވަކި ގޮތަކަށް ގެންދަންވެގެން ވަކި ދެ ރަށެއް ނުވަތަ ތިން ރަށެއް މިއީ ރައީސުލް ޖުމްހޫރިއްޔާ ބުނެގެން ކަމަށްވީ." ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށާއި ހެއްކާބެހޭ ގާނޫނުގެ ދަށުން، ބައެއް ހެކިތަކާ މެދު އަލުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަށް ޔާމީންގެ ފަރާތުން އެދިފައިވެ އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެއްކާބެހޭ ގާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ނުހިނގާނެ ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި ހެއްކާބެހޭ އާ ގާނޫނު މާޒީއަށް ހިނގާނެ ގޮތަށް ނިންމައިފި ނަމަ ކޯޓުތަކުގައި ހިނގާ ހުރިހާ މައްސަލައަކަށް އަސަރުކުރާނެ ކަމަށެވެ. އަލުން ހުށަހެޅުންތައް ހުށަހަޅަން އޭރުން ފުރުސަތު ދޭންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ނިމެންދެން ފުއްގިރި މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލުމުގެ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދުމުން އަންނަ ހޯމަ ދުވަހާ ހަމައަށް އެ މައްސަލަ މަޑުޖައްސާލުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ވަނީ ނެރެފަ އެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.