ކުށުގެ ޖޫރިމަނާއެއްގެ ގޮތުން ކަނޑައަޅާފައިވާ ފަސް މިލިއަން ޑޮލަރު ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއްކަން މިއަދު ހާމަވެއްޖެ އެވެ.
06 އޯގަސްޓް 2023
ކުށުގެ ޖޫރިމަނާއެއްގެ ގޮތުން ކަނޑައަޅާފައިވާ ފަސް މިލިއަން ޑޮލަރު ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއްކަން މިއަދު ހާމަވެއްޖެ އެވެ.
މަނީ ލޯންޑްރިން ހިންގުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި އޮތެވެ. ޔާމީންގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކަމަށްވާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ މުއްދަތު ހަމަވެފަ އެވެ.
ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ހަލާސްނުކޮށް އޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ އެހެންވެ އެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައިވާ ނަމަ ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ނަމަވެސް، ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގެ އަޑުއެހުމުގައި އެ މަނިކުފާނު ވިދާޅުވީ، ޖޫރިމަނާގެ މުއްދަތު ހަމަވާ ދުވަސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އާންމުކޮށް މީރާއިން އަމަލުކުރާ ގޮތަކީ ޖޫރިމަނާގެ މުއްދަތު ހަމަވާ ތާރީހު ލިޔުމުން އެންގުން ކަމަށާއި އެކަމަކު، މިވީ ތަނަށް މީރާއިން ލިޔުމެއް ފޮނުވާފައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވުމުން ބަންޑާރަ ނައިބުގެ ވަކީލް ފާތިމަތު ހަލީމް ވަނީ މީރާއިން އެފަދަ ލިޔުމެއް ޔާމީނަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ލިޔުން ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، އެ ވަގުތު އެކަމަށް އިންކާރު ކުރެއްވި އެވެ.
މިއަދު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުވި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުމެއް އޮތްކަން ހާމަކުރައްވާފަ އެވެ. އެ ލިޔުމުގެ ނަންބަރާ އެކު ފަނޑިޔާރު ވިދާޅުވީ، ޖޫރިމަނާއަށް ހަ މަސް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން އަންގައި އެކަން ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އެ ލިޔުން ޔާމީން ބަންދުކުރެވިފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމަށް ހަވާލުކޮށްދިނުން ކަރެކްޝަންގެ އޮފިސަރުންގެ ގާތުގައި އެދިފައިވާ ކަމުގައި، އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެފައިވޭ. އަދި އެ ލިޔުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ފަނޑިޔާރު ސުއޫދު މިއަދު ހުކުމް އިއްވަވަނީ
އެހެންވެ، މުއްދަތުގައި އެ ޖޫރިމަނާ ދައްކާފައި ނެތްކަން އެނގެ އެވެ. އަދި ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް، ހުކުމް ތަންފީޒުކުރުން ހުއްޓުވި އެއްވެސް އަމުރެއް ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. ދެމިއޮތް އެ ހުކުމްގައިވާ ގޮތަށް ޖޫރިމަނާ ދެއްކުމަކީ ލާޒިމް ކަމެއް ކަމަށް ކޯޓުން ބުންޏެވެ.
"ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ނިންމުމެއް،" ހުކުމްގައި ބުންޏެވެ.
ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔުގައި ވިދާޅުވީ، ޖޫރިމަނާގެ ފައިސާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފައި ނެތުމުން، ޔާމީން އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅިއިރު، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން ސާފުކޮށް އެނގެ ކަމަށެވެ. އެ ސަބަބަށްޓަކައި ޔާމީން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށް ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހުކުމްކުރީ އެވެ.
"ޖޫރިމަނާގެ ތަފުސީލުތައް އެނގިފައިނުވާ ކަމުގައި ބުނުމާއި، ޖޫރިމަނާ ކަނޑައަޅާފައިވާ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރެވިފައި އޮތް ކަމަށް ބުނުމަކީ، އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫންކަމުގައި ބެލުމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމުގައި ނުދެކެން،" ފަނޑިޔާރު ވިދާޅުވި އެވެ.
ޖޫރިމަނާގެ މުއްދަތުގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއިރު މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ހަތް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ތެރޭގައި ކަމެއް ކޮށްފިކަން ކަށަވަރުކުރުމަށް ހަތް ދުވަހުގެ ތެރޭ ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅާ ޖަލަށް ލުމުގެ އަދަބަކީ އެ މީހާ ޖިސްމާނީ ގޮތުން ތަހައްމަލު ކުރަންޖެހޭ އަދަބެއް ކަމާއި އެއާ ހިލާފަށް ޖޫރިމަނާގެ އަދަބަކީ، އެ މީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް ކަމަށެވެ. މަދަނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމެއް ކަމަށެވެ.
"ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާ ހާލަތުގައި، ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސް ނުކުރުމުގެ ނަތީޖާއަކީ، އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލު ވެގެން ދިއުން، އެހެނީ، އެ ޖޫރިމަނާއަކީ އޭނާ އުފުލުމަށް ކޯޓުން ސާބިތު ކޮށްފައިވާ އިލްތިޒާމެއް. އެ ޖޫރިމަނާ ނުދައްކާހައި ހިނދަކު، އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް،" ހުކުމްގައިވެ އެވެ.
ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ފަނޑިޔާރުން: ޖަލުގައި ހުރެ ހޮވިއްޖެނަމަ ވާނީ ކިހިނެއް
އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުންނޫން: ޔާމީން
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"