Roadha Mihaaru
ކްރޮއޭޝިއާ މުބާރާތުން ދީމާ އެއްވަނަ، ރަފާ ދެވަނައަށް

ކްރޮއޭޝިއާގެ މުބާރާތަކުން ދީމާ އަށް ޖޫނިއާ ޗެމްޕިއަންކަން، ސީނިއާ ބައިން ރަފާ ދެވަނަ އަށް

08 މެއި 2023

ކްރޮއޭޝިއާގެ ވެރިރަށް ޒާގްރެބްގައި ރޭ ނިމިގެން ދިޔަ، އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޗެމްޕިއަންކަން ހޯދި އިރު، ސީނިއާ ބައިން އައިޝަތު ރަފާ ނާޒިމް ދެވަނަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްރޮއޭޝިއާގެ ވެރިރަށް ޒާގްރެބްގައި ރޭ ނިމިގެން ދިޔަ، އޮޕްޓިޖާ އޯޕަން ޖޫނިއާ ޓީޓީ މުބާރާތުގެ ޖޫނިއާ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޗެމްޕިއަންކަން ހޯދި އިރު، ސީނިއާ ބައިން އައިޝަތު ރަފާ ނާޒިމް ދެވަނަ ހޯދައިފި އެވެ.

އޯގަސްޓް މަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގެ ގިނަ ކުޅުންތެރިންގެ ތަމްރީންތައް ކުރިއަށް ގެންދަނީ ކްރޮއޭޝިއާގަ އެވެ.

ޒާގްރެބް އޮޕްޓިޖާ އޯޕަން މުބާރާތުގައި ދިވެހި އެހެން ކުޅުންތެރިން ވެސް ވާދަ ކުރި އެވެ. ރާއްޖޭގެ ދިނަ ފިރިހެން ކުޅުންތެރިން ވެސް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް އަހުމަދާއި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލް އާއި އަޚްޔާރު އަހުމަދު ހާލިދު ވަނީ ވާދަ ކުރި ކެޓަގަރީތަކުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކްރޮއޭޝިއާ މުބާރަތުން ހޯދި ތައްޓާ އެކު

ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކްރޮއޭޝިއާ މުބާރަތުން ހޯދި ތައްޓާ އެކު

ޖޫނިއާ ފިރިހެން ކެޓަގަރީގައި ވާދަ ކުރި ޒީކް ހަސަން ލަތީފް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ކްރޮއޭޝިއާގައި ރާއްޖޭގެ ކުޅުންތެރިން ތަމްރީން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗެވެ.

އޮޕްޓިޖާ އޯޕަންގައި ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބާ ބެހޭ ގޮތުން ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ކްރޮއޭޝިއާ ޓްރޭނިން ކޭމްޕްގައި ކުޅުންތެރިންނަށް އަންނަމުންދާ ކުރި އެރުން އެ މުބާރާތުގައި ފާހަގަ ވެގެން ދިޔަ ކަމަށެވެ.

ކްރޮއޭޝިއާގެ ކޭމްޕްގައި ހިމެނޭ ޒުވާން ކުޅުންތެރިން އަންނަ ހަފުތާގައި ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގައި ވާދަކުރަން އިންޑިއާ އަށް ދާނެ އެވެ.

ކްރޮއޭޝިއާގެ  އޮޕްޓިޖާ އޯޕަން ޖޫނިއާ މުބާރާތުގެ ސީނިއާ ބައިން ފައިނަލަށް ދަތުރު ކުރި ރަފާ، ރަނަރަފް ކުޅުންތެރިޔާ އަށް ދޭ ތައްޓާ އެކު

ކްރޮއޭޝިއާގެ އޮޕްޓިޖާ އޯޕަން ޖޫނިއާ މުބާރާތުގެ ސީނިއާ ބައިން ފައިނަލަށް ދަތުރު ކުރި ރަފާ، ރަނަރަފް ކުޅުންތެރިޔާ އަށް ދޭ ތައްޓާ އެކު

އިންޑިއާގެ އަރްނާޗަލް ޕްރަދޭޝްގެ ވެރިރަށް އިޓާނަގަރްގައި ބާއްވާ މުބާރާތުގައި ދީމާ އާއި އަހްޔާރު އަދި ޒީކް އާއި ތާބިން ޝުޖާއުގެ އިތުރުން އިންޑިއާގައި ޓްރޭނިން ހަދަމުން އަންނަ މިޝްކާ މުހައްމަދު އާމިރު އާއި މަލާކް މުއިއްޒު ވެސް ވާދަ ކުރާނެ އެވެ. މަލާކް މި ވަގުތު ހުރީ ރާއްޖޭގަ އެވެ.

މިޝްކާ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް ތަމްރީން ހަދަމުން އަންނަނީ އިންޑިއާގަ އެވެ.

"ކްރޮއޭޝިއާގއި ތިބި ޖޫނިއާ ކުޅުންތެރިން ސީދާ ދާނީ އިންޑިއާ އަށް." މިކޮޅުން [ރާއްޖެ] އިން ދާނީ އަޅުގަނޑުގެމެންގެ ކޯޗާއި މަލާކް،" އަލީ ވިދާޅުވި އެވެ.

އެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކޯޗުކޮށް ދޭނީ ލަންކާގެ ކޯޗު އިޝާން އެވެ.