Roadha Mihaaru
ޓްރަމްޕު ޖިންސީ ގޯނާކުރި، ބަދަލަށް 5 މިލިއަން ޑޮލަރު

ޓްރަމްޕު ޖިންސީ ގޯނާކުރި، ބަދަލަށް 5 މިލިއަން ޑޮލަރު

10 މެއި 2023

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި ޓްރަމްޕު ކުށްވެރިވާ ކަމަށް އެ މައްސަލައިގެ ޖޫރީން އިއްޔެ ނިންމައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި ޓްރަމްޕު ކުށްވެރިވާ ކަމަށް އެ މައްސަލައިގެ ޖޫރީން އިއްޔެ ނިންމައިފި އެވެ.

ޓްރަމްޕްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވި ކަމަށް ތުހުމަތުކޮށް، އަދި އެ ވާހަކަ ފަޅާއަރުވައިލުމުން ޓްރަމްޕު އެކަމަށް އިންކާރުކުރައްވައި އަބުރު ނަގައިލި ކަމަށް ބުނެ، މެންހަޓަންގެ ފެޑެރަލް ކޯޓަށް މަދަނީ މައްސަލައެއް ހުށަހެޅީ، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، އެވެ. އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، 1990ގެ މެދުތެރޭ އަހަރެއްގައި، މެންހަޓަންގެ ފިހާރައެއްގެ ތެރެއިން، ޓްރަމްޕްއާ ބައްދަލުވުމުން، އެ ފިހާރައިގެ ހެދުން ހެޔޮވަރުކުރާ ކޮޓަރީގެ ތެރެއަށް ވައްދައި، ޓްރަމްޕު އޭނާ ރޭޕްކުރި ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ގޮތް ނިންމުމަށް އެކުލަވައިލި ނުވަ މީހުންގެ (ތިން އަންހެނުންނާއި ނުވަ ފިރިހެނުން) ޖޫރީންގެ ކޮމިޓީން ނިންމީ، މެންހަޓަންގެ ފިފްތު އެވެނިއު ކިޔާ މަގުގައި ހުންނަ ލަގްޒަރީ ބާގްޑޯފް ގުޑްމަން ކިޔާ ފިހާރައިގެ ހެދުން ހެޔޮވަރުކުރާ ކޮޓަރީގެ ތެރޭގައި ޓްރަމްޕު އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވާ ކަމަށެވެ. ނަމަވެސް ޓްރަމްޕު އެ އަންހެން މީހާ ރޭޕްކުރިކަން ސާބިތުކޮށްނުދެވޭ ކަމަށް ޖޫރީން ނިންމި އެވެ.

އޭގެ އިތުރުން ޖޫރީން ނިންމީ، ޓްރަމްޕުގެ ފަރާތުން ކެރޯލް އަށް ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަ އާންމުކުރުމާ ގުޅިގެން، އެކަމަށް ޓްރަމްޕު އިންކާރު ކުރައްވައި، ކެރޯލްއަކީ މަކަރުވެރި ދޮގުވެރިއެއް ކަމަށް ބުނުމަކީ، ކެރޯލްގެ އަބުރަށް އަރައިގަތުން ކަމަށެވެ. މި ކަންކަން ސާބިތުވުމާ ގުޅިގެން ޖޫރީން ހުކުމްކުރީ، ޓްރަމްޕުގެ އެ އަމަލުތަކުގެ ސަބަބުން ކެރޯލް އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، ޓްރަމްޕުގެ ފަރާތުން ކެރޯލް އަށް ފަސް މިލިއަން ޑޮލަރު ދިނުމަށެވެ.

މިއީ އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިންސީ މިފަދަ ތުހުމަތެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އަދި ޓްރަމްޕުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް އެތައް އަންހެނުންނެއް ކޮށްފައިވާ ތުހުމަތުތަކުގެ ތެރެއިން، ޓްރަމްޕުގެ މައްޗަށް ކޯޓެއްގައި ކުށެއް ސާބިތުވި ފުރަތަމަ ފަހަރުވެސްމެ އެވެ.

މި ހާދިސާ ހިނގި ތާރީޚާއި، މި މައްސަލައިގައި ކެރޯލް އެންމެ ފުރަތަމަ 2019 ވަނަ އަހަރު ދައުވާ ކުރި ތާރީޚާ ދެމެދު، މިފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ގާނޫނުން ދީފައިވާ މުއްދަތު ހަމަވެފައިވާތީ، އެ މައްސަލަ ކޯޓުގައި ކުރިއަކަށް ނުގެންދެ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ކެރޯލްގެ ފަރާތުން މި މައްސަލަ މެންހަޓަންގެ ފެޑެރަލް ކޯޓަށް އަލުން ހުށަހެޅީ، "ނިއު ޔޯކް ސްޓޭޓް ސަވައިވާޒް އެކްޓް"ގެ ނަމުގައި މިދިޔަ އަހަރު ނިއު ޔޯކްގައި އަމަލުކުރަން ފެށި އާ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގައި ވަނީ، ގިނަ އަހަރުތަކެއް ވެފައިވާ ރޭޕްގެ ހާދިސާތަކުގައި ވެސް ދައުވާ ކުރުމަށް އެއް އަހަރުގެ މުއްދަތެއް ދީފަ އެވެ.

މެއި 9، 2023؛ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް، ޖިންސީ ގޯނާގެ ދައުވާ ކުރި، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، (މ) އޭނާގެ ވަކީލުންނާއެކު، މެންހަޓަންގެ ފެޑެރަލް ކޯޓުން ނުކުންނަނީ. --އޭއެފްޕީ

މެއި 9، 2023؛ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް، ޖިންސީ ގޯނާގެ ދައުވާ ކުރި، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، (މ) އޭނާގެ ވަކީލުންނާއެކު، މެންހަޓަންގެ ފެޑެރަލް ކޯޓުން ނުކުންނަނީ. --އޭއެފްޕީ

މި މައްސަލައިގެ އަޑުއެހުންތައް ދެ ހަފުތާގެ މުއްދަތަށް ކޯޓުގައި ކުރިއަށް ދިޔައިއިރު، އެހެން މަދަނީ މައްސަލަތަކުގައިވެސް ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުވާން ނުޖެހޭތީ، އެ އަޑުއެހުންތަކަށް ޓްރަމްޕުވެސް ހާޒިރެއް ނުވެ އެވެ. އޭގެ ބަދަލުގައި ޓްރަމްޕުގެ އޭނާގެ އަޑު އިއްވަމުން ގެންދެވީ ސޯޝަލް މީޑިއާގަ އެވެ.

މައްސަލައިގެ ހުކުމް އިއްވުމާ ގުޅިގެން، ކެރޯލް ބުނީ މިއީ އޭނާއަށާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކޮންމެ މީހަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"އަހަރެން މި މައްސަލަ ކޯޓަށް ހުށަހެޅީ އަހަރެންގެ ނަން ސާފުކޮށް އަހަރެންގެ ދިރިއުޅުން އަނބުރާ ހޯދުމުގެ ބޭނުމުގައި. މިއަދު މުޅި ދުނިޔެއަށް ވެސް ކަމުގެ ހަގީގަތް އެންމެ ފަހުން އެނގި ހާމަވެއްޖެ،" ޖޫރީންގެ ހުކުމަށް ފަހު ކެރޯލް ބުންޏެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން، ޓްރަމްޕުގެ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލް ގައި ބުނެފައިވަނީ، މެންހަޓަން ފެޑެރަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރި ކެރޯލް އަކީ ނުވެސް ދަންނަ އަންހެނެއް ކަމަށް ޓްރަމްޕު އިއްޔެ ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، ތުހުމަތުކުރާ ގޮތުގައި ރައީސް ޓްރަމްޕު އޭނާ ރޭޕްކުރީ 1990ގެ މެދުތެރޭ އަހަރެއްގަ އެވެ. ކެރޯލް ބުނާ ގޮތުގައި ޓްރަމްޕު އޭނާ ރޭޕްކުރީ، މެންހަޓަންގެ ފިފްތު އެވެނިއު ކިޔާ މަގުގައި ހުންނަ ޑިޕާޓްމަންޓް ސްޓޯރެއް ކަމަށްވާ ލަގްޒަރީ ބާގްޑޯފް ގުޑްމަންގައި ހުންނަ، ހެދުން ހެޔޮވަރުކުރާ ކޮޓަރީގެ ތެރޭގަ އެވެ.

ކެރޯލް ބުނި ގޮތުގައި އެ ފިހާރައިގެ ތެރެއިން ޓްރަމްޕާ ދިމާވި އިރު، ޓްރަމްޕު އުޅުނީ ކޮންމެވެސް އެހެން އަންހެނަކަށް ލާންޖްރީއެއް (އަޑިން ލާ އަންނައުނު ޖޯޑެއް) ގަތުމަށް، އޭގެ ޖޯޑެއް ނަގައިގެންނެވެ. އަދި އެއީ އަންހެނަކަށް ދޭން ކަމުދާ ހަދިޔާއެއްތޯ ޓްރަމްޕު އަހައި، އޭނާގެ ލަފާ ހޯދި ކަމަށް ކެރޯލް ބުންޏެވެ.

އެއަށް ފަހު އެ ލާންޖްރީ ހެޔޮވަރުތޯ ބަލައިދިނުމަށް އެދެމުން، ޓްރަމްޕު އޭނާ ގޮވައިގެން ފިހާރައިގެ ހެދުން ހެޔޮވަރުކުރާ ކޮޓަރި ކައިރިއަށް ގެންގޮސް އެ ކޮޓަރި ތެރެއަށް ވަނީ އެވެ. ދެން އެ ކޮޓަރީގެ ދޮރު ލައްޕައި ތަޅުލުމަށް ފަހު، ފާރުގައި ޖައްސައި ފިއްތައިލުމަށް ފަހު، ގަދަ ހަދަހަދާ ހުއްޓައި އޭނާ ރޭޕްކުރީ ކަމަށާއި، ޓްރަމްޕުގެ ކިބައިން ސަލާމަތް ވެގެން އެ ކޮޓަރިން ނުކުމެވުނީ ދެތިން މިނެޓް ފަހުން ކަމަށް ވެސް ކެރޯލް ބުންޏެވެ.

ރައީސް ޓްރަމްޕު، ކެރޯލް ރޭޕްކުރި މައްސަލަ އެންމެ ފުރަތަމަ އާންމުންނާ ހަމައަށް ތިލަވީ، ކެރޯލް ލިޔުނު ފޮތަކާ ބެހޭ ގޮތުން ނިއު ޔޯކް މެގެޒިންގައި 2019 ވަނަ އަހަރު ލިޔުނު ކުރު ރިޕޯޓަކުންނެވެ. އެ ވާހަކަތައް އާންމުވުމާ ގުޅިގެން ޓްރަޕު ވިދާޅުވެފައިވަނީ ދުވަހަކުވެސް ކެރޯލްއާ ބައްދަލުނުވާ ކަމަށާއި، ކެރޯލްއަކީ "އަހަރެން ގަޔާވާ ޒާތުގެ އަންހެނެއް ނޫން" ކަމަށާއި "އެއީ މަކަރުވެރި ދޮގުވެރިއެއް" ކަމަށެވެ.

ކެރޯލް ބުނި ގޮތުގައި އޭނާއަކީ ދޮގުވެރިއެއް ކަމަށް ޓްރަމްޕު ބުނުމާ ގުޅިގެން، އޭނާ އޭރު މަސައްކަތް ކުރަމުން އައި އެލް މަޖައްލާގެ ވަޒީފާ އިން ވަކިކުރި އެވެ. އޭގެ ސަބަބުން އަށް މިލިއަން ކިޔުންތެރިން އޭނާ އަށް ގެއްލުނު ކަމަށާއި، އަދި އޭނާއަކީ ހަގީގަތުގައި ވެސް ދޮގުވެރިއެއް ކަމަށް އެހެން މީހުން ވެސް ގަބޫލުކުރަން ފެށި ކަމަށް ކެރޯލް ބުންޏެވެ.