Roadha Mihaaru
ޓްރަމްޕްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށަން ކައިރިވަނީ

ޓްރަމްޕްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށަން ކައިރިވަނީ

26 އެޕްރީލް 2023

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ރޭޕްކުރި ކަމަށް ބުނެ، އޭނާގެ ފަރާޓުން ޓްރަމްޕާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ތައްޔާރީތައް ކޯޓުން ހަމަޖައްސަން ފަށައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ރޭޕްކުރި ކަމަށް ބުނެ، އޭނާގެ ފަރާޓުން ޓްރަމްޕާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ތައްޔާރީތައް ކޯޓުން ހަމަޖައްސަން ފަށައިފި އެވެ.

އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، ތުހުމަތުކުރާ ގޮތުގައި ރައީސް ޓްރަމްޕު އޭނާ ރޭޕްކުރީ 1990ގެ މެދުތެރޭ އަހަރެއްގަ އެވެ. ކެރޯލް ބުނާ ގޮތުގައި ޓްރަމްޕު އޭނާ ރޭޕްކުރީ، މެންހަޓަންގެ ފިފްތު އެވެނިއު ކިޔާ މަގުގައި ހުންނަ ޑިޕާޓްމަންޓް ސްޓޯރެއް ކަމަށްވާ ލަގްޒަރީ ބާގްޑޯފް ގުޑްމަންގައި ހުންނަ، ހެދުން ހެޔޮވަރުކުރާ ކޮޓަރީގެ ތެރޭގަ އެވެ.

އޭނާ ބުނި ގޮތުގައި ޓްރަމްޕުގެ ޖިންސީ ހަމަލާތައް އޭނާއާ ކުރިމަތިވީ، ޓްރަމްޕު އެ ފިހާރައިން ގަންނަން އުޅުނު އެއްޗަކާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރުމުގެ ބަހަނާގައި، އޭނާއާ ގާތްވުމަށް ފަހު އެވެ. މިހާރު އުމުރުން 79 އަހަރުގެ ކެރޯލް ބުނާ ގޮތުގައި ޓްރަމްޕު އޭނާ ރޭޕްކުރުމުން، އޭގެ އަހަރުތަކެއް ފަހުން އޭނާ އެ ހާދިސާގެ ވާހަކަ އާންމު ކުރުމާއެކު، ޓްރަމްޕު ވަނީ އޭނާގެ އަބުރު ނަގާލައިފަ އެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން، ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ގޮތް ނިންމާނެ ޖޫރީން ކަނޑައެޅުމުގެ މަސައްކަތް ފަށައިފަ އެވެ. ޖޫރީން ކަނޑައަޅައި ނިމުނުހާ އަވަހަކަށް، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާނެ އެވެ.

މާޗް 4، 2023: އެމެރިކާގެ ކުރީގެ ކޮލަމިސްޓް އީ ޖޭނަ ކެރޯލް އޭނާގެ ގާނޫނީ ވަކީލުންނާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި، ޓްރަމްޕުގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަތައް ކިޔައިދެނީ.

މާޗް 4، 2023: އެމެރިކާގެ ކުރީގެ ކޮލަމިސްޓް އީ ޖޭނަ ކެރޯލް އޭނާގެ ގާނޫނީ ވަކީލުންނާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި، ޓްރަމްޕުގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ ވާހަކަތައް ކިޔައިދެނީ.

އާންމު ގޮތެއްގައި ޖޫރީން ކަނޑައަޅަނީ، އެ މުޖްތަމައެއްގައި ދިރިއުޅޭ އާންމުންގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓުން ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހުންގެ ލިސްޓުން ނުވަތަ އައިޑީ ކާޑު އާކުރަން ހުށަހަޅާ މީހުންގެ ލިސްޓުންނެވެ. ޖޫރީންގެ ގޮތުގައި އިޚްތިޔާރު ކުރާ މީހުންނަކީ، އެ މައްސަލައިގެ ދެ ޚަސްމުން ކުރެ އެއްވެސް މީހަކާ ގާތްކަމެއް އަދި ޒާތީ ދެކޮޅުވެރިކަމެއް ނެތް، ހަމަ ބުއްދި ލިބިފައިވާ ބަޔަކަށް ވާންޖެހެ އެވެ.

މިހާރު ވެސް ޖިނާއީ ތުހުމަތެއްގެ ޝަރީއަތާ ކުރިމަތިލާން ޖެހިފައިވާ ޓްރަމްޕު ވަނީ، ކެރޯލްގެ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. މި މައްސަލައިގެ ޝަރީއަތް ފެށުމަށް ކޯޓުން ތައްޔާރުވަމުން އަންނަ އިރު، ޓްރަމްޕު މިހާރުވެސް ހުންނެވީ، ޖިނާއީ ޝަރީއަތެއްގެ މެދުތެރޭގަ އެވެ.

އެއީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޓްރަމްޕު ބޭއްވި ޖިންސީ ގުޅުމާ ބެހޭ ގޮތުން ހަނުހުރުމަށް ޝަރުތުކޮށް، 2016 ވަނަ އަހަރުގެ ރިއާސީ ކެމްޕޭންގެ ތެރޭގައި އޭނާ އަށް، ޓްރަމްޕު ފައިސާތަކެއް ދެއްވި މައްސަލައިގަ އެވެ.

ރައީސް ޓްރަމްޕު، ކޮލަމިސްޓް ކެރޯލް ރޭޕްކުރި މައްސަލަ އެންމެ ފުރަތަމަ އާންމުންނާ ހަމައަށް ތިލަވީ، އޭނާ ލިޔުނު ފޮތަކާ ބެހޭ ގޮތުން ނިއު ޔޯކް މެގެޒިންގައި 2019 ވަނަ އަހަރު ލިޔެފައިވާ ކުރު ރިޕޯޓަކުންނެވެ. އޭރު ޓްރަޕު ވިދާޅުވެފައިވަނީ އޭނާއާ ދުވަހަކުވެސް ކެރޯލް ބައްދަލުނުވާ ކަމަށާއި، ކެރޯލްއަކީ "އަހަރެން ގަޔާވާ ޒާތުގެ އަންހެނެއް ނޫން" ކަމަށެވެ.

ޓްރަމްޕުގެ މައްޗަށް އަބުރުގެ ދައުވާ، ކެރޯލް އެންމެ ފުރަތަމަ އުފުލީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ދައުވާ އުފުލި އިރު، ރޭޕްގެ ހާދިސާއެއްގައި ދައުވާ ކުރުމަށް ގާނޫނީ ގޮތުން ދީފައިވާ މުއްދަތު ހަމަވެފައިވާތީ، އެ ދައުވާގައި ރޭޕްގެ މައްސަލަ ނުހިމަނަ އެވެ.

އެހެން ނަމަވެސް، ނިއު ޔޯކްގައި މިދިޔަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނެއްގައި، ގިނަ އަހަރުތަކެއް ވެފައިވާ ރޭޕްގެ ހާދިސާތަކުގައި ވެސް ދައުވާ ކުރުމަށް އެއް އަހަރުގެ މުއްދަތެއް ދީފައިވާތީ، ޓްރަމްޕުގެ މައްޗަށް ކެރޯލް ރޭޕްގެ ދައުވާ އުފުލީ އެވެ.

އެ ދައުވާގައި ކެރޯލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ، ޓްރަމްޕުގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބުނު މައްސަލަ އާއި ގަދަކަމުން ޖިންސީ ގުޅުން ހިންގައި ޖިންސީ ގޯނާ ކުރި މައްސަލަ އެވެ. އޭގެ އިތުރުން، ޓްރަމްޕު އަމިއްލަ އަށް ހިންގަވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓްރުތު ސޯޝަލްގައި، ކެރޯލް ރޭޕްކުރި ކަމަށް އިންކާރުކޮށް، ކެރޯލްއަކީ، މީހުންނަށް ހަގީގަތެކޭ ހީވާ ވަރަށް ދޮގު ހެދުމަށް ކުޅަދާނަ އަންހެނެއް ކަމަށް ޓްރަމްޕު ވިދާޅުވެފައިވާތީ، އަބުރުގެ ދައުވާވެސް މިހާރު ވަނީ އެ ދައުވާގައި ހިމަނައިފަ އެވެ.

މި ދައުވާގައި ކެރޯލް އެދިފައިވަނީ، ޓްރަމްޕުގެ ފަރާތުން ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ލިބި، އޭނާގެ ކަރާމާތް ގެއްލި އޭނާގެ އަބުރު ގެއްލިފައިވާތީ، ވަކި މިންވަރެއް ނެތި، ޓްރަމްޕުގެ ފަރާތުން ބަދަލު ނަގައިދިނުމަށެވެ.

މިއީ މަދަނީ މައްސަލައަކަށް ވާތީ، ދައުވާ ލިބޭ މީހާ ހާޒިރު ނުވިޔަސް އޭނާގެ ވަކީލުންގެ ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދެވޭނެ އެވެ. ދެތިން ހަފުތާގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް ބެލެވޭ މި މައްސަލައިގެ ޝަރީއަތަށް ޓްރަމްޕުގެ ހާޒިރުވާނެ ކަމަށް ނުބެލެވޭ އިރު، ކެރޯލްގެ ވަކީލުން ވެސް ބުނެފައިވަނީ، މައްސަލައިގައި ހެކިބަސް ދިނުމަށް ޓްރަމްޕު ހާޒިރުކުރަން ބޭނުންނުވާ ކަމަށެވެ.