Roadha Mihaaru
ވިލާ އިންޓަނޭޝަނަލްގެ ދަރިވަރުން މެލޭޝިއާއަށް

ވިލާ އިންޓަނޭޝަނަލްގެ ދަރިވަރުން މެލޭޝިއާއަށް

11 މެއި 2023

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ބިޒްނަސް ދަރިވަރުންނަށް ސްކޫލުން ބޭރު ތަޖުރިބާ ހޯދުމަށް މެލޭޝިއާ އަށް ފުރައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ބިޒްނަސް ދަރިވަރުންނަށް ސްކޫލުން ބޭރު ތަޖުރިބާ ހޯދުމަށް މެލޭޝިއާ އަށް ފުރައިފި އެވެ.

މެލޭޝިއާ އަށް ރޭ ފުރީ އެ ސްކޫލުގެ ބިޒްނަސް ސްޓްރީމްގައި ކިޔަވާ 40 ދަރިވަރުންނެވެ. އެ ތަނުން ބުނި ގޮތުގައި އެ ދަރިވަރުންގެ ދަތުރުގައި މެލޭޝިއާގެ ބައެއް ފެކްޓްރީތަކާއި ބޭންކުތަކާއި ޔުނިވާސިޓީތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ތަންތަނަށް ކުރާ ޒިޔާރަތުގައި އެ ތަންތަނާއި ގުޅޭ މައުލޫމާތާއި، އޮޕަރޭޝަންތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވި ގޮތުގައި ކްލާސްރޫމުގައި ދޭ ތައުލީމުގެ ބޭރުން ދަރިވަރުންނަށް ތަޖުރިބާތައް ހޯދައިދޭން ޖެހެ އެވެ.

"އަޅުގަނޑުމެން މީގެ 10 އަހަރު ކުރިން ފެށިގެން "ހަރިންމައިން ބޭރުން އުގެނުމުގެ" ނަމުގައި މި ފަދަ އެކި ފުރުސަތުތައް މި ދަނީ ދަރިވަރުންނަށް ދެމުން. މި ފަދަ ފުރުސަތުތަކުގެ މަގުސަދަކީ ކްލާހުގައި ކިޔަވައިދޭ ފިލާވަޅުތަކާ ގުޅޭ ތަޖުރިބާތައް ދަރިވަރުންނަށް ހޯދައިދިނުން. ވިސްނަން ދަންނަ، ކިޔަވާ އެއްޗެއް ބޭނުން ކުރެވޭނެ ދަރިވަރުން އުފެއްދޭނީ މި ފަދަ ފުރުސަތުތައް ހޯދައި ދީގެން." އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ސްކޫލަކީ ހުއްޓުމެއް ނެތި ދަރިވަރުންނަށް އެ ފަދަ އިލްމީ ތަޖުރިބާތައް ސްކޫލުން ބޭރުން ހޯދައިދެމުންދާ ތަނެކެވެ.

"ހުއްޓުމެއް ނެތި މި ފަދަ ފުރުސަތުތައް ހަމައެކަނި ފަހި ކޮށްދެމުންދާ ސްކޫލަކީ އަޅުގަނޑުމެން. މި ފަދަ ތަޖުރިބާތަކާއި ފުރުސަތުތައް ދަރިވަރުންނަށް އަޅުގަނޑުމެން އަބަދުވެސް ފަހިކޮށްދެމުން ދާނަން." ނަޝީދު ވިދާޅުވި އެވެ.

ބިޒްނަސް ސްޓްރީމުގެ ދަރިވަރުން ދަތުރު ނިންމާ އެނބުރި އަންނާނީ މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ސްކޫލުގައި ސައިންސް ސްޓްރީމަށް ކިޔަވާ 37 ދަރިވަރަކު ވެސް މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާ ދަތުރަކަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޫލުން ބޭރު ތައުލީމު ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ވެސް އެ ސްކޫލުގެ ދަރިވަރުންނަށް ދަތުރުކުރުމުގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. އޭގެތެރޭގައި މި އަހަރުގެ މާޗު މަހުގައި ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރި ދަތުރާއި ފ.ނިލަންދޫ ދަތުރު ވެސް ހިމެނެ އެވެ.