Roadha Mihaaru
ކުނީގެ ފީ ހިމަނާނީ ދެން ފޮނުވާ ކަރަންޓު ބިލުގައި

ކުނީގެ ފީ ހިމަނާނީ ދެން ފޮނުވާ ކަރަންޓު ބިލުގައި: ވެމްކޯ

11 މެއި 2023

ކުނީގެ ފީ ހިމަނާނީ މި މަސް ނިމުމުން ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލުގައި ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުނީގެ ފީ ހިމަނާނީ މި މަސް ނިމުމުން ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލުގައި ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

މި މަހު ފޮނުވި ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނާފައި ނެތުމުން އާންމުން ދަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރަމުންނެވެ.

ވެމްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި، މި މަހު ފޮނުވީ މާޗު/އެޕްރީލް މަހުގެ ކަރަންޓު ބިލް ކަމަށެވެ. ކަރަންޓު ބިލްގައި ކުނީގެ ފީ ހިމަނަން ފެށީ މިދިޔަ އޭޕްރީލް 1 އިން ފެށިގެން ކަމަށް ވާތީ، އެ ފީ ދެން ހިމަނާނީ މި މަސް ނިމުމުން ފޮނުވާ ބިލްގަ އެވެ.

އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ވެމްކޯ އިން ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލް އަންނައިރު، ބިލްގެ މުއްދަތަށްވާ ފައިސާ ހިމަނާނެ އެވެ.

ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނަން ސަރުކާރުން ނިންމީ، ވެމްކޯ އަށް ބިލް ނުދައްކާ މައްސަލަ ބޮޑުވެ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލް އެއްކޮށްލުމުން އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އިލްތިމާސްކޮށްފަ އެވެ. އާއްމު ގޭބިސީ ކަރަންޓު މީޓަރުތަކުގެ ތެރޭގައި ލިފްޓު ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެ ފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފަ އެވެ.

ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށައެޅުމަށް ވެސް ވެމްކޯއިން އެދިފައިވެ އެވެ.