Roadha Mihaaru
ޔާމީން އަތުން 52 މިލިއަން ހޯދަން ޕީޖީން ހައި ކޯޓަށް

އާރަށް މައްސަލަ: ޔާމީން އަތުން 52 މިލިއަން ހޯދަން ޕީޖީން ހައި ކޯޓަށް

14 މެއި 2023

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޔާމީން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ހައި ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ.

ހައި ކޯޓުން އެ އަމުރު ބާތިލްކުރީ ޔާމީން ޖަލަށްލާން ހުކުމް ކުރިތާ މާ ފަހުން އެ އަމުރު ނެރެފައިވާތީ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި މިދިޔަ ހަފުތާގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރު އެ ކޯޓުން ބާތިލް ކުރުމުން ކަމަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާތައް ހުކުމްކުރާ ވަގުތު ދައުލަތަށް ނަގަން އަމުރުކުރަން ޖެހެ އެވެ. އެކަމަކު ޔާމީން ޖަލަށްލާން ހުކުމް ކުރިއިރު އެ ފައިސާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އަންގާފައެއް ނުވެ އެވެ.

އޭގެ ދެ މަހެއްހާ ދުވަސް ފަހުން ކްރިމިނަލް ކޯޓުން ޔާމީނަށް އެންގެވީ އެ ފައިސާ ހަ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ނިންމީ ހުކުމްކުރި ފަހުން އެ ފައިސާ ދައުލަތަށް ދައްކަން އަމުރުކުރީ ގޯސްކޮށް ކަމަށެވެ.