Roadha Mihaaru
ޔާމީންގެ އިސްތިއުނާފް ބުރާސްފަތި ދުވަހު ބާއްވަނީ

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ބުރާސްފަތި ދުވަހު ބާއްވަނީ

08 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނިމެންދެން އެ މަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ވަކީލުން މިހާރު ވަނީ އެދިފަ އެވެ.

އިސްތިއުނާފް ޝަރީއަތް ލަސްވާތީ އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ހައި ކޯޓަށް މިއަދު ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ހައި ކޯޓުން މިހާރު ބުނެފައިވާ ކަމަށެވެ. އަދި މިހާރު މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު އެ މައްސަލަ ލަސްތަކެއް ނުވެ އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ ދެން މައްސަލަ ހިނގައިގަތް ކަމަށް އަޅުގަނޑުމެން މި ބަލަނީ. އެއާ އެކީގައި އަޅުގަނޑުމެން މި އުއްމީދު ކުރަނީ މާ ގިނަ ދުވަސްތަކެއް ނުވެ ހުކުމަކާ ހަމައަށް ވާސިލްވެވޭނެ ކަމަށް." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އިސްތިއުނާފް ނުނިމި އޮތުމުގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޔާމީނަށް ބައިވެރިނުވެވޭ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީން ޖަލު ހުކުމް ދެމި އޮތުމުގެ ސަބަބުންނާއި އެ މައްސަލާގައި އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ ގެއްލިފަ އެވެ.

އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، އެ ކޯޓުން ވެސް ނިންމީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ.