Roadha Mihaaru
އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

15 މެއި 2023

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލުގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ އައްޑޫގެ ބިން ހިއްކާ ޒޯންތަކުގައި ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެ ޒޯނުތަކުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބިން ހިއްކުމަށް ގެނައި ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުން ކަމަށް ކައުންސިލުން ބުންޏެވެ.

"ޖޫން މަހު [އަންނަ މަހު]ގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމާއި ޑްރެޖްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އެ ޕޯސްޓުގައިވެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާ އެވެ. އެ ކުންފުނިން ވަނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު، މިދިޔަ އަހަރު ޑިސެމްބަރުގައި އައްޑުއަށް ގެންގޮސްފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ މި މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.

އައްޑޫގެ ބިން ހިއްކުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އައްޑޫގެ ބިން ހިއްކުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މަޝްރޫއުގެ ތަފުސީލު

• 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ

• ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ

• ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ

• މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ

• މުޅި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ

• މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ ސަބަބުން ތިމާވެއްޓާ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވާތީ ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ޖަމިއްޔާތަކުން މި މަސައްކަތް ހުއްޓާލަން ވެސް ގޮވައިލި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.