Roadha Mihaaru
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި

އައްޑޫން ދޫކުރާ 1،000 ގޯއްޗަށް 4،000 ފޯމު ހުށަހެޅި

23 ޖުލައި 2023

އައްޑޫގެ އެކި ރަށްތަކުން ދޫކުރާ 1،000 ގޯއްޗަށް 4،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ އެކި ރަށްތަކުން ދޫކުރާ 1،000 ގޯއްޗަށް 4،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.

އެ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި އަހަރު ކުރީކޮޅު ދޫކުރަން ހުޅުވާލި ގޯތިތައް ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވެފައި ވަނީ އެހާ ގިނަ ފޯމުތައް ހުށަހަޅާފައި ވާތީ ކަމަށެވެ. މިހާރުގެ އަމާޒަކީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އާންމުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފޯމުތައް އިވެލުއޭޓްކޮށް ނިމި، ގާތްގަނޑަކަށް ނިމުމަކަށް ގޮސްފައި ވަނީ. އެގޮތުން ހުޅުދޫމީދޫ އާއި ފޭދޫ ނިމިފައި. އާދެ، ހިތަދޫގެ 2،000 އަށް ވުރެ ގިނަ ފޯމު ލިބިފައި ވާތީ، ހިތަދޫގެ ފޯމުތަކުގެ 50 ޕަސެންޓް ވަނީ ނިމިފައި،" މޭޔަރު ވިދާޅުވި އެވެ.

"އެންމެ އިންސާފުވެރިކޮށް އެކަން ކުރަން ވެގެން ވަގުތު ނަގަނީ."

އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.

ގޯތި ދޫކުރުމަށް އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.