ތައިލޭންޑްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ މިހާތަނަށް ސާފުކުރި ނަތީޖާ އަށް ބަލާއިރު، ސިޔާސީ އިސްލާހަށް މަސައްކަތް ކުރާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް ބެލެވެން ފަށައިފި އެވެ.
ތައިލޭންޑްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ މިހާތަނަށް ސާފުކުރި ނަތީޖާ އަށް ބަލާއިރު، ސިޔާސީ އިސްލާހަށް މަސައްކަތް ކުރާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް ބެލެވެން ފަށައިފި އެވެ.
އަސްކަރީ ވެރިކަމަށް ތާއީދުކުރާ ޕާޓީތަކާ ވާދައަށް ނުކުތް، އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އަދި އިންތިޚާބުގައި ވޯޓުލީ ޖުމްލަ މީހުންގެ ތެރެއިން ގިނަ މީހުންގެ ވޯޓު ލިބިފައިވަނީ ވެސް އިދިކޮޅު ކޯލިޝަނަށެވެ.
މިހާތަނަށް ސާފުކުރި ނަތީޖާ ދައްކާ ގޮތުން، ތައިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖުމްލަ 500 ގޮނޑީގެ ތެރެއިން، އިދިކޮޅު ކޯލިޝަނުން ވަނީ 286 ގޮނޑި ގާތްގަނޑަކަށް ކަށަވަރު ކޮށްފަ އެވެ. މި ކޯލިޝަންގައި ހިމެނޭ މައިގަނޑު ދެ ޕާޓީއަކީ މޫވް ފޯވާޑް ޕާޓީ އާއި ފިއޫ ތައި ޕާޓީ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުނަސް، އާ ސަރުކާރެއް އުފައްދައި އާ ބޮޑުވަޒީރެއް ކަނޑައެޅުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަނަށް ލިބޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ، ތައިލޭންޑްގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން، ބޮޑުވަޒީރަކު ކަނޑައަޅަނީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 500 މެމްބަރުންނާއި މަތިގޭ (ސެނެޓް)ގެ 250 މެމްބަރުންގެ ބައްދަލުވުމެއްގައި ނަގާ ވޯޓަކުން ކަމަށްވާތީ އެވެ.
ތައިލޭންޑްގެ ގާނޫނުއަސާސީ އަށް 2017 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެން، އެ ގައުމުގެ ސެނެޓަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮންނަނީ އެ ވަގުތަކު އޮންނަ ސަރުކާރަކަށެވެ. އެހެންކަމުން، ސެނެޓްގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން ކަނޑައަޅާނީ މި ވަގުތު ވެރިކަމުގައި ހުންނެވީ ކުރީގެ އަސްކަރީ ޖެނެރަލް ޕްރަޔުތު ޗަން އޮ ޗާ އެވެ.
މިހާރު ސެނެޓްގައި ހިމެނޭ ގިނަ މެމްބަރުންނަކީ ވެސް އޭނާ ކަނޑައަޅުއްވާފައި ތިއްބެވި، ކުރީގެ ސިފައިންނާއި މިހާރުގެ އަސްކަރީ ބައެއް އޮފިސަރުންނެވެ. އެހެންކަމުން، އިއްޔެގެ އިންތިޚާބުގައި، ތިރިގޭގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުނަސް، ސެނެޓްގެ 250 މެމްބަރުންނާއި، ތިރިގެއަށް މިފަހަރު އިންތިޚާބުވި، އަސްކަރީ ވެރިކަމަށް ތާއީދުކުރާ ޕާޓީތަކުގެ މެމްބަރުންނާ އެކު، މުޅި މަޖިލީހުގެ އަޣުލަބިއްޔަތު މިހާރުގެ ސަރުކާރަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
މިހާރު އެ ގައުމުގައި އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެންނަން ބޭނުން ނަމަ، މިފަހަރުގެ އިންތިޚާބުގައި ތިރިގޭގެ ގޮނޑިތައް ލިބުނު ކުދި ޕާޓީތަކުގެ ތާއީދު އިދިކޮޅު ކޯލިޝަނަށް ލިބެންޖެހޭނެ އެވެ.
އިއްޔެގެ އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ، ޝާހީ ރަސްކަމާއި އަސްކަރީ ވެރިކަމާ ދެކޮޅަށް އަޑު އުފުލާ ޒުވާނުންގެ ތާއީދު އޮންނަ މޫވް ފޯވާޑް ޕާޓީންނެވެ. މަޖިލީހުގެ ޖުމްލަ ގޮނޑީގެ ތެރެއިން މިހާތަނަށް 147 ގޮނޑި އެ ޕާޓީއަށް ކަށަވަރުވެއްޖެ އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ފިއޫ ތައި ޕާޓީ އަށް ވަނީ 138 ގޮނޑި ލިބިފަ އެވެ.
މި އިންތިޚާބުގައި ގިނަ ގޮނޑި ލިބުނު ޕާޓީގެ ހައިސިއްޔަތުން، އާ ބޮޑުވަޒީރަކަށް އައްޔަންކުރާނެ ކަމަށް ބެލެވެނީ މޫވް ފޯވާޑް ޕާޓީ ލީޑަރު ޕިޓާ ލިމްޖަރޯއެންރަޓް އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ފިއޫ ތައި ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ ހަގު ދަރިކަނބަލުން ޕައެތޮންގްޓާން ޝިނަވަޓްރާ އަށް ވެސް ބޮޑުވަޒީރުކަން ދިނުމުގެ ފުރުސަތު އެބަ އޮތެވެ.
ތައިލޭންޑްގެ ސިފައިން 2014 ވަނަ އަހަރު ގެނައި ބަޣާވާތުގައި ވެރިކަމަށް އެރި އޭރުގެ ޖެނެރަލް އަދި މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮ ޗާގެ ޔުނައިޓެޑް ތައި ނޭޝަން ޕާޓީ އަށް މިހާތަނަށް ކަށަވަރު ވެފައިވަނީ އެންމެ 36 ގޮނޑި އެވެ. އަދި އޭނާގެ ވެރިކަމަށް ތާއީދުކުރާ ޝަހީ-އަސްކަރީ ޕާޓީތަކަށް ކާމިޔާބު ކުރެވުނީ ވަރަށް މަދު ގޮނޑިއެކެވެ.
ޕާކިސްތާނުގެ މަޖިލިސް އުވާލައި އިންތިހާބު ފަސްކޮށްފި
އިންޑިއާ ޕާލެމެންޓްގެ އާ އިމާރާތް ހުޅުވައިފި
ބައިޑެން ޗައިނާ އަށް: ނަމަނަމަ ގޯހެއް ނުހަދާތި
މެލޭޝިޔާގައި ސަރުކާރެއް އުފެއްދޭ ވަރެއް ނުވި
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނޭނގޭ
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
ރިޝީގެ ސަރުކާރަށް ނަޒާހަތްތެރިކަމުގެ ތުހުމަތު
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް މެލޯނީ
މިއީ ހަނގުރާމަވެރިއެއް، ފިލަން ދުވާ ފިނޑިއެއް ނޫން