Roadha Mihaaru
ނަކްބާއަށް 75، ފަލަސްތީނު މީހުންނަށް ހައްގެއް ނުލިބޭ

ނަކްބާ އަށް 75، ފަލަސްތީނު މީހުންނަށް ލިބުނު ހައްގެއް ނެތް

16 މެއި 2023

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަސް، ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަނީ، އެމީހުންގެ މާދަރީ ވަޒަނުގައި، އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި ހިތާމަތަކާއި ވޭންތަކުގެ ހަނދާން އައުކުރާ ދުވަހެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ބާރާއި ނުފޫޒުގައި، ނޮވެމްބަރު 29، 1947 ގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިން ދެ ބައިކޮށްލުމަށް ފަހު، އެއް ބައިގައި، އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަސް، ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަނީ، އެމީހުންގެ މާދަރީ ވަޒަނުގައި، އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި ހިތާމަތަކާއި ވޭންތަކުގެ ހަނދާން އައުކުރާ ދުވަހެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ބާރާއި ނުފޫޒުގައި، ނޮވެމްބަރު 29، 1947 ގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިން ދެ ބައިކޮށްލުމަށް ފަހު، އެއް ބައިގައި، އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި އުސްމާނީ ޚިލާފަތުގެ މައްޗަށް އިނގިރޭސި އިސްތިއުމާރީ ލަޝްކަރު ކުރި ހޯދައި، ފަލަސްތީނުގެ ބިން ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އޭރު ފަލަސްތީނުގައި ދިރިއުޅެމުން އައީ އަރަބިންނާއި ވަރަށް މަދު ޔަހޫދީންކޮޅެކެވެ.

އެ ދުވަސްވަރު ޔަހޫދީން އާންމު ގޮތެއްގައި ދިރިއުޅެމުން ދިޔައީ ޔޫރަޕްގެ ގައުމުތަކާއި އަރަބި ބައެއް ގައުމުތަކުގަ އެވެ. އޭރު އެކި ގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި އުޅުނު ޔަހޫދީންގެ މެދުގައި ޒަޔަނިސްޓް ޖަމާއަތެއް އުފައްދައިގެން އަޑުއުފުލައި ވަކާލާތު ކުރަމުން ދިޔައީ، ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރުމަށެވެ.

ޔަހޫދީންގެ އެ ގޮވައިލުމަށް ތާއީދުކޮށް އިނގިރޭސި ސަރުކާރުން 1917 ވަނަ އަހަރު ގަރާރެއް ފާސްކޮށް، އިނގިރޭސި ޔަހޫދީ މުޖްތަމައުގެ ވެރިޔާ ލޯޑް ރޮތުޝިލްޑް އަށް ފޮނުއްވި އެވެ. އެ ގަރާރާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގައި އޮތް އިނގިރޭސި އިސްތިއުމާރު ނިމުމަކަށް ގެނެސް، އެ ބިން ޔަހޫދީންނާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ނިންމީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން 1940ގެ ފަހުކޮޅުގެ އަހަރުތަކުގަ އެވެ.

އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން، އެ މައްސަލަ އދ.ގެ އާންމު މަޖިލީހަށް ހުށަހަޅައި، ފަލަސްތީނުގެ ބިން ދެ ބަޔަށް ބައިކޮށް އެއް ބައިގައި، އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް ގޮވާލައި، ނޮވެމްބަރު 29، 1947 ގައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކުރި އެވެ. އެ ގަރާރާ އެކު، އިނގިރޭސި ސިފައިން ފަލަސްތީނުގެ ބިން ދޫކޮށްލައި، ފަލަސްތީނުގެ ބިމަށް ޔޫރަޕްގެ އެކި ގައުމުތަކުން (ގިނައީ އިނގިރޭސި ވިލާތުން) ހިޖްރަކުރި މީހުންގެ މައްޗަށް އެކުލަވައިލާފައި އޮތް ޒަޔަނިސްޓު ލަޝްކަރާ، މެއި 14، 1948 ގައި އެ ބިން ހަވާލުކުރި އެވެ.

މެއި 14، 1948 ގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުންކޮށް ގެދޮރުން ނެރެލި ފަލަސްތީނުގެ ރައްޔިތުންތަކެއް، އެމީހުންގެ ރަށުން ފައިބައިގެން ދާއިރު، އިޒްރޭލު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ.

މެއި 14، 1948 ގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމާ ގުޅިގެން، އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުންކޮށް ގެދޮރުން ނެރެލި ފަލަސްތީނުގެ ރައްޔިތުންތަކެއް، އެމީހުންގެ ރަށުން ފައިބައިގެން ދާއިރު، އިޒްރޭލު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ.

ހަމަ އެ ދުވަހު ޒަޔަނިސްޓު ލަޝްކަރުގެ ފަރާތުން، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ދައުލަތެއް އިއުލާންކުރި އެވެ. އަދި ފަލަސްތީނުގެ ސަހަރުތަކާއި ރަށްތަކާއި އަވަށްތަކަށް، ޒަޔަނިސްޓު ލަޝްކަރުގެ ސިފައިން އަރައިގަނެ، އެ ތަންތަނުގައި ދިރިއުޅުނު ފަލަސްތީނު މީހުންގެ ގެދޮރުގައި ހުޅުޖަހައި މުދާތައް ލޫޓުވުމުގެ މަސައްކަތް ފެށި އެވެ.

އެއާ އެކު އެ ރަށްތަކާއި އަވަށްތަކުން ނުކުމެގެން ދިއުމަށް ޒަޔަނިސްޓު ލަޝްކަރުގެ ސިފައިން، ފަލަސްތީނު ރައްޔިތުންނަށް މަޖުބޫރު ކުރަން ފެށި އެވެ. އެ ގޮތުން ފަލަސްތީނުގެ 750000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން ނެރެލައި އެކި ތަންތަނަށް ވިއްސިވިހާލިކޮށްލި އެވެ.

އަދި ފަލަސްތީނު ބިމުގެ 78 ޕަސެންޓް، ޒަޔަނިސްޓު ލަޝްކަރުގެ ބާރުގެ ދަށަށް ގެންގޮސް، ބާކީ އޮތް 22 ޕަސެންޓް ބިން، އިޒްރޭލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ދެ ސަރަހައްދު ކަމުގައި ހެދި އެވެ. އެ 22 ޕަސެންޓަކީ މިހާރު ހުޅަނގު އައްސޭރި އާއި ޣައްޒާގެ ގޮތުގައި މަޝްހޫރުވެފައިވާ ދެ ސަރަހައްދެވެ.

މެއި 15، 1960: ފަލަސްތީނު ރައްޔިތުންގެ ނަކްބާ ދުވަސް ފާހަގަކުރުމަށް ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ބޭއްވި ހިނގާލުމެއްގައި އެ ގައުމުގެ އާންމު ރައްޔިތުންތަކެއް ބައިވެރިވަނީ.

މެއި 15، 1960: ފަލަސްތީނު ރައްޔިތުންގެ ނަކްބާ ދުވަސް ފާހަގަކުރުމަށް ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ބޭއްވި ހިނގާލުމެއްގައި އެ ގައުމުގެ އާންމު ރައްޔިތުންތަކެއް ބައިވެރިވަނީ.

ގެދޮރުން ނެރެ ފައްސައިލި ފަލަސްތީނުގެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިޔައީ ޣައްޒާ އަށާއި ހުޅަނގު އައްސޭރިއަށެވެ. އަނެއް ބަޔަކު ދިޔައީ، އަވައްޓެރި ލުބްނާނާއި ޖޯޑްން އަދި ސީރިޔާ އަށެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ރަށްތަކަށް އަރައި ގެދޮރު ސުންނާފަތި ކުރުމުގެ މަސައްކަތް ފެށީ، އެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް 1947 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން ފާސްކުރުމާ އެކުގަ އެވެ. އެ އަހަރުން ފެށިގެން 1949 ވަނަ އަހަރުގެ ނިޔަލަށް، ފަލަސްތީނުގެ 530 އަވަށެއް، ޒަޔަނިސްޓު ހަނގުރާމަވެރިން ސުންނާފަތި ކުރި އެވެ.

އޭގެ އިތުރުން އެތައް ގަތުލުއާންމެއް ހިންގައި، ފަލަސްތީނުގެ 15000 އަށް ވުރެ ގިނަ މީހުން މަރައިލި އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވެފައިވަނީ، ޒަޔަނިސްޓުންގެ ގޭންގެއްގެ ހަނގުރާމަވެރިންތަކެއް، ގުދުސްގެ ހުޅަނގުން އޮންނަ އަވަށެއް ކަމަށްވާ ދޭރް ޔާސީން އަށް އަރައި، އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން ވެސް ހިމެނޭ ގޮތަށް، 110 އަށް ވުރެ ގިނަ މީހުން މަރައިލި ގަތުލުއާންމެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ރަށްތަކަށް އަރައިގަނެ، އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރަން ފެށީ، މެއި 15، 1948 ގަ އެވެ. އެއީ ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި އެންމެ ވޭނީ މުސީބާތުގެ ގޮތުގައި ފާހަގަކޮށް، އެ ދުވަހަށް "ނަކްބާ" ދުވަހުގެ ނަމުން ނަންދީ، ކޮންމެ އަހަރަކު ވެސް ފަލަސްތީނު ރައްޔިތުން އަންނަނީ އެ ދުވަސް ފާހަގަ ކުރަމުންނެވެ.

އޭގެ ފަހުން ހަމައަށް ވެސް، ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރުމުގެ ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެ އެވެ. ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުންނާއި އިރުމަތީ ގުދުސްގެ އަވަށްތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރު ފޭރެމުން އެދަނީ އެ ހަރަކާތުގެ ތެރެއިންނެވެ.

މީގެ 75 އަހަރު ކުރިން ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކޮށް، ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރި، އެމީހުންގެ ހައްގުތައް ނިގުޅައިގަންނަމުން ދާ އިރު، އދ. މަޖިލީހުން ވެސް އަދި ދުނިޔޭގެ އެހެން އިދާރާއަކުން ވެސް ފަލަސްތީނު މީހުންގެ ހައްގުތައް ހޯދައެއް ނުދެ އެވެ. އެކަމަށް އިޝާރާތްކޮށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވިދާޅުވީ، އެ ހުރިހާ ކަމެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެމެރިކާ އާއި އިޒްރޭލުން ކަމަށެވެ.

"އާންމު މަޖިލީހުން ނުވަތަ ސަލާމަތީ މަޖިލީހުން އަހަރެމެން ހިމާޔަތް ނުކޮށްދެނީ ކީއްވެކަން އެނގިދާނެތަ؟ އަހަރެމެންނަކީ ވެސް، ކޮންމެ ދުވަހަކު ކައިބޮއެ އުޅޭ ބައެއް. އަހަރެމެން ވެސް ކޮންމެ ދުވަހަކު ނިދައި ކޮންމެ ދުވަހަކު ހޭލައި އުޅޭ ބައެއް. އޭ ދުނިޔޭގެ މީސްތަކުންނޭ. އަހަރެމެން ހިމާޔަތްކޮށްދީބަލަ. ކަލޭމެން ކީއްވެ އަހަރެމެން ހިމާޔަތް ނުކޮށްދެނީ. އަހަރެމެންނަކީ އާދަމު ދަރިންނަށް ނުވަނީތޯ؟ އަހަރެމެންނަކީ އިންސާނުންނަށް ނުވަނީތޯ؟ ވަލު ޖަނަވާރުންނަށް ވެސް ހިމާޔަތް އެބަ ލިބޭ،" އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވިދާޅުވި އެވެ.