Roadha Mihaaru
ރިފްއަތު ޖަވާބުދާރީވާން ބައިގަޑިއިރު ދޭން ފާސްކޮށްފި

އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވާން ރިފްއަތަށް ބައިގަޑިއިރު!

18 މެއި 2023

އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތަށް 30 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތަށް 30 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވީ އިތުބާރު ނެތް މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލު ކުރާ ގޮތަށް މިނިސްޓަރަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތެއް ދިނުމަށެވެ.

އެއީ ދެ ގަޑިއިރުގެ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓާއި މެދު ތެރެއިން 10 މިނިޓާއި ބަހުސް ނިންމާލުމުގެ ގޮތުން 30 މިނިޓެވެ.

ބާކީ އޮތް ދޮޅު ގަޑިއިރު އެ މައްސަލާގައި ބަހުސް ކުރައްވާނީ މެންބަރުންނެވެ.

ޣަނީގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ. އަދި ކޮމިޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވި އެވެ.

މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތު އަށް ނޯޓިސް ފޮނުވައިފަ އެވެ. ގަވާއިދު ބުނާ ގޮތުން އެ މައްސަލާގައި ބަހުސް ފެށުމުގެ ކުރިން މިނިސްޓަރަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.

އޭޖީ ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ސަރުކާރާ އިދިކޮޅު 13 މެމްބަރެއްގެ ސޮޔާ އެކު މަޖިލިހުގެ އިދާރާ އަށް މިއަދު ހުށަހެޅި އެވެ. އެއީ ވެސް ޗާގޯސްގެ މައްސަލައިގަ އެެވެ.