Roadha Mihaaru
ނަޝީދުގެ މެންބަރުން ވަކިވިޔަސް ރައީސަށް ޗެލެންޖެއް ނެތް

ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީން ވަކިވިޔަސް ރައީސަށް ޗެލެންޖެއް ނެތް: މިއުވާން

18 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީން ވަކިވިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޗެލެންޖެއް ނެތް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީން ވަކިވިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ޗެލެންޖެއް ނެތް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ތާއީދު ކުރާ "ފިކުރެއްގެ ދިރުމުގެ" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް އިސްފަރާތްތައް ހިމެނޭ ގޮތަށް، އާ ޕާޓީއެއް އުފައްދާނެ ކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ، އަލަށް އުފައްދާ ޕާޓީ އާ ގުޅުމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެމްޑީޕާ އާ ދުރަށް ދާން ނިންމާފައިވާ ކަމަށް ވެ އެވެ.

އަލަށް އުފައްދާ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވެސް ފިކުރެއްގެ ދިރުމުގެ މެންބަރުން އިއުލާން ކުރި އެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ނަޝީދެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިއުވާން ވިދާޅުވީ އެމްޑީޕީގެ އޮންނަ އުސޫލާ ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީ ދުރަށް ބައެއް މެންބަރުން ދިޔަޔަސް ރައީސް ހުންނެވީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.

"ވަކި ބޭފުޅެއްގެ ސަބަބުންނެއް އަދި ޕާޓީ އެތެރޭގެ އިންތިހާބެއްގެ ނޫނީ ޕާޓީ އެތެރޭގެ މެކޭނިޒަމްތަކެއް ގަބޫލުނުކުރެވިގެން ބައެއް ބޭފުޅުން އަދި ފެއަށް ވަޑައިގެންނެވިއެއް ކަމަކު ރައީސް ހުންނެވީ ވަރަށް ސްޓްރޯންގްކޮށް. ޕާޓީގެ ތާއީދު ރައީސަށް އެބައޮތް. ރައީސާ އެކު މަސައްކަތް ކުރާ ޓީމު ރައީސާ އެކު އެބަ އޮތް. އެހެންވީމަ އޭގެ ސަބަބަކުންނެތް ރައީސަށް ޗެލެންޖެއް އޮތްކަމަކަށް ނުފެނޭ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި އެއަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ މަނިކުފާނުގެ ކެމްޕޭން މަސައްކަތް ވެސް ވަރުގަދަ އަށް ހިނގާ ކަމަށް މިއުވާން ވިދާޅުވި އެވެ.