Roadha Mihaaru
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް

މޮރީނިއޯ މިފަހަރު ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް

19 މެއި 2023

ލެވެކޫސަން (މެއި 19) - ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ބެޔާ ލެވެކޫސަންއާ 0-0 އިން އެއްވަރުކޮށް ހޯޒޭ މޮރީނިއޯ، އިޓަލީގެ ރޯމާ ގޮވައިގެން ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލެވެކޫސަން (މެއި 19) - ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ބެޔާ ލެވެކޫސަންއާ 0-0 އިން އެއްވަރުކޮށް ހޯޒޭ މޮރީނިއޯ، އިޓަލީގެ ރޯމާ ގޮވައިގެން ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޯމާގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ މެޗުން އެޓީމު ވަނީ 0-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ރޯމާ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ އެޑޮއާޑޯ ބޯވް އެވެ. އެގްރިގޭޓުން ރޯމާ ކުރި ހޯދީ 0-1 އިންނެވެ.

ރޭގެ މެޗުގައި ލެވެކޫސަން ހުއްޓުވަން ރޯމާ އިން ވަރުގަދަ އަށް ޑިފެންސްކުރި އެވެ. މެޗުގައި ލެވެކޫސަންގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މޫސާ ޑިއާބީ އެވެ. ފުރަތަމަ ހާފުގައި ޑިއާބީ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން އޭނާ ކޯޗުކޮށްދިން ޓީމުތައް ގޮވައިގެން ޔޫރަޕްގެ ފަސްް ފައިނަލުގައި ވާދަކޮށް ކާމިޔާބީ ހޯދައިފަ އެވެ. ޕޯޓޯއާ އެކު ޔޫއެފާ ކަޕާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. އިންޓައާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި އެވެ. ރޯމާއާ އެކު މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރޯމާއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ސެމީގައި 2-3 ގެ އެގްރިގޭޓުން ޔުވެންޓަސް ބަލިކުރި ސެވިއްޔާއާ އެވެ. ޔުވެންޓަސް ދަނޑުގައި ފުރަތަމަ ލެގް 1-1 އިން އެއްވަރުވިއިރު ދެ ވަނަ ލެގްގެ މެޗު ސެވިއްޔާ އިން ރޭ ކާމިޔާބުކުރީ 1-2 އިންނެވެ.

މެޗުގައި ޔުވެންޓަސްގެ ގޯލު ކާމިޔާބުކޮށްދިނީ ޑޫސަން ވްލަހޮވިޗް އެވެ. ސެވިއްޔާ އިން އެއްވަރުކުރި ގޯލު ޖެހީ ސޫސޯ އެވެ. މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސެވިއްޔާ މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާ އެވެ. އިތުރު ވަގުތުގައި ސެވިއްޔާގެ މާކޯސް އަކޫނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ސެވިއްޔާ ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ހަތް ފަހަރު ވާދަކޮށް ހަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް ޖޫން 1 ވަނަ ދުވަހު ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓުގައި އޮންނަ ޕުސްކަސް އެރީނާގަ އެވެ.