Roadha Mihaaru
ފޭވަރިޓުންނަކީ ސެވިއްޔާ: މޮރީނިއޯ

ތާރީހު ބުނެދެނީ ފޭވަރިޓުންނަކީ ސެވިއްޔާ ކަމަށް: މޮރީނިއޯ

31 މެއި 2023

ހަންގޭރީ (މެއި 31) - ސެވިއްޔާ ޔޫއެފާ ޔޫރޮޕާ ލީގް ފައިނަލްގައި ކުޅުމަކީ އާދައިގެ ކަމެއް ކަމަށާއި އެ ޓީމަށް އޮތް އިހުތިރާމާ އެކު، ފައިނަލުގެ ފޭވަރިޓުންނަކީ ސެވިއްޔާ ކަމަށް އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ހަންގޭރީ (މެއި 31) - ސެވިއްޔާ ޔޫއެފާ ޔޫރޮޕާ ލީގް ފައިނަލްގައި ކުޅުމަކީ އާދައިގެ ކަމެއް ކަމަށާއި އެ ޓީމަށް އޮތް އިހުތިރާމާ އެކު، ފައިނަލުގެ ފޭވަރިޓުންނަކީ ސެވިއްޔާ ކަމަށް އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ޔޫރަޕް ކްލަބް ފުޓްބޯޅައިގެ ދެ ވަނަ ފަންތީގެ ފައިނަލުގައި މިރޭ ރޯމާއާ ދެކޮޅަށް ނުކުންނަ ސެވިއްޔާ އަކީ ޔޫރޮޮޕާ ލީގުގެ ފައިނަލުގައި ހަ ފަހަރު ކުޅެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިރޭ ރޯމާއާ ދެކޮޅަށް ނުކުންނައިރު، ރޯމާގެ ކޯޗު މޮރީނިއޯ ވަނީ އޭނާގެ ޓީމުތައް ދަތުރުކުރި ޔޫރަޕްގެ ފަސް ފައިނަލް ވެސް ކާމިޔާބު ކޮށްފަ އެވެ.

"ސެވިއްޔާ ކޯޗުގެ ނަޒަރުގައި ފޭވަރިޓުންނަށް ވާނީ ރޯމާ. އެކަމަކު ތާރީހު ބުނެދެނީ ފޭވަރިޓުންނަކީ ސެވިއްޔާ ކަމަށް. އަހަރެންގެ ފުރިހަމަ އިހުތިރާމް ސެވިއްޔާގެ ކޯޗަށް އެބައޮތް،" ފައިނަލް މެޗާއި ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނިގޮތުގައި، ސެވިއްޔާގެ ތާރީހާއި ރޯމާގެ ތާރީހު ނުބައްދަލެވެ. ސެވިއްޔާ އަށް ފައިނަލްގައި ކުޅުމަކީ އާދައިގެ ކަމަކަށް ވާއިރު ރޯމާ އަށް އެއީ އާދަޔާހިލާފު ކަމެއް ކަމަށް ބުންޏެވެ.

ސެވިއްޔާ އާއި ރޯމާ އަށް ވެސް އެ ދެޓީމު ވާދަކުރާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިފައެއް ނުވެ އެވެ. އެހެންވެ ޔޫރޮޕާ ލީގުގެ ތަށި ހޯދައިގެން އަންނަ ސީޒަނުގެ ޔޫއެފޭ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަކީ މި މެޗުގެ މުހިއްމުކަން ބޮޑުވާ ސަބަބެކެވެ.

ސެވިއްޔާ އިން ވަނީ 2006، 2007، 2014، 2015، 2016 އަދި 2020 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. ރޯމާ އިން ވަނީ މިދިޔަ ސީޒަނުގައި ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ސީޒަނުގެ ކުރީކޮޅު ސެވިއްޔާ ސްޕެއިން ލީގުގެ ރެލިގޭޝަނުގައި އޮތް ނަމަވެސް މާޗް މަހު ލުއިސް މެންޑިލިބާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ނަތީޖާތައް ވަނީ ރަނގަޅު ކޮށްފަ އެވެ. އެކަމަކު ޔޫރޮޕާ ލީގުގެ ފައިނަލަށް ނުކުންނައިރު، މެންޑިލިބާ އަށް މިހާތަނަށް ޓީމަކާ އެކު ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މޮރީނިއޯ ވަނީ ޗެމްޕިއަންސް ލީގުގެ ތައްޓާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތަފާތު ހަތަރު ޓީމާ އެކު ހޯދައިފަ އެވެ.

"އަހަރެންނަށް ގިނަ ފުރުސަތުތައް ލިބިއްޖެ ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި އިރުޝާދު ދޭން. އަހަރެމެން ދެ ކޯޗުންނަކީ ވެސް އެއްގޮތް ކަންތައްތަކެއް ހުންނަ ކޯޗުން. ތަފާތަކީ މި މުބާރާތުގައި ސެވިއްޔާގެ ތަޖުރިބާ. އެކަމަކު ރޯމާގެ މި ޓީމުގައި ތިބީ ވެސް ދެ އަހަރު އެއްކޮށް ކުޅުނު ކުޅުންތެރިން،" މޮރީނިއޯ ބުންޏެވެ.

ސެވިއްޔާގެ ކޯޗު ބުނީ، ފައިނަލްގެ ފޭވަރިޓުންނަކީ އެ ޓީމު ކަމަށް ދެކުނަސް ހަގީގަތުގައި މެޗުގައި ތަށި ހޯދަން ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގަ އެވެ.