Roadha Mihaaru
އިޓަލީގެ ކްލަބްތައް ޔޫރަޕްގައި ވިދުން ގަދަ ސީޒަނެއް

އިޓަލީގެ ކްލަބްތައް ޔޫރަޕްގައި ވިދުން ގަދަ ސީޒަނެއް

20 މެއި 2023

މިލާޏް (މެއި 20) - ޔޫރަޕްގެ ތިން މުބާރާތުގެ ފައިނަލުގައި މީގެ ކުރިން އިޓަލީގެ ތިން ކްލަބް ވާދަކުރީ 1989/1990 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު އޭސީ މިލާން އާއި ޔުވެންޓަސް އަދި ސަމްޕްޑޯރިއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މިލާޏް (މެއި 20) - ޔޫރަޕްގެ ތިން މުބާރާތުގެ ފައިނަލުގައި މީގެ ކުރިން އިޓަލީގެ ތިން ކްލަބް ވާދަކުރީ 1989/1990 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު އޭސީ މިލާން އާއި ޔުވެންޓަސް އަދި ސަމްޕްޑޯރިއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އޭސީ މިލާން އެފަހަރު ޗެމްޕިއަންސް ލީގު ކަމުގައިވާ ޔޫރަޕިއަން ކަޕް ކާމިޔާބުކުރީ ފައިނަލުގައި ބެންފީކާ ބަލިކޮށްގެންނެވެ. އޭރު ޔޫރޮޕާ ލީގު ކަމަށްވާ ޔޫއެފާ ކަޕްގެ ޗެމްޕިއަންކަން އެގްރިގޭޓުން ޔުވެންޓަސް ކަށަވަރުކުރީ ފިއޮރެންޓީނާއާ ވާދަކޮށެވެ. ސަމްޕްޑޯރިއާ އިން އެފަހަރު ވަނީ ބެލްޖިއަމްގެ އެންޑަލެކްޓް ބަލިކޮށް ޔޫރަޕިއަން ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އޭގެ ދުވަސްތަކެއް ފަހުން މި ސީޒަން ވެފައި ވަނީ އިޓަލީގެ ކްލަބް ފުޓުބޯޅައަށް ކާމިޔާބު ސީޒަނަކަށެވެ. ޔޫރަޕްގެ ތިން މުބާރާތުގެ ފައިނަލުން އިޓަލީގެ ތިން ޓީމު މިވަނީ ޖާގަ ހޯދައިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީ ތަމްސީލް ކުރާނީ އިންޓަ މިލާނެވެ. ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން އޭއެސް ރޯމާ ވަނީ ޖާގަ ހޯދައިފަ އެވެ. އަދި ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގެ ޖާގަ އިޓަލީގެ ފިއޮރެންޓީނާ ވަނީ ހޯދައިފަ އެވެ.

އިންޓަ މިލާން ޗެމްޕިއަންސް ލީގު ފައިނަލްގެ ޖާގަ ހޯދީ އިޓަލީގެ އޭސީ މިލާންއާ ވާދަކޮށް 0-3 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ. ފައިނަލްގައި އަންނަ މަހުގެ 10 ވަނަ ދުވަހު އިންޓަ ނުކުންނާނީ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ބަލިކުރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

ރޯމާ ޔޫރޮޕާ ލީގު ފައިނަލުން ޖާގަ ހޯދީ ޖަރުމަންގެ ބެޔާ ލެވެކޫސަންއާ ވާދަކޮށް، އެގްރިގޭޓް 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި ރޯމާ ވަނީ މިިދިޔަ ސީޒަނުގައި އަލަށް ފެށި ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ރޯމާ މޮޅުވީ ފެއިނޫޑާ ވާދަކޮށް 0-1 އިންނެވެ. ޔޫރޮޕާ ލީގު ފައިނަލުގައި ރޯމާ ވާދަކުރާނީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ސެވިއްޔާއާ އެވެ. ސެވިއްޔާ ސެމީ ފައިނަލުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށްފަ އެވެ.

ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުން ފިއޮރެންޓީނާ ކުރި ހޯދީ ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ބަސެލް 3-1 އިން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-1 އިން ފިއޮރެންޓީނާ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލެގްގެ މެޗު ބަސެލް އިން 1-2 އިން ކާމިޔާބު ކުރުމުން އެގްރިގޭޓް އެއްވަރުވެ، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. އިތުރު ވަގުތުގެ ފަހު މިނިޓުގައި ފިއޮރެންޓީނާ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ އެންޓޮނިން ބަރަކް އެވެ.

ކޮންފަރެންސް ލީގު ފައިނަލުގައި ފިއޮރެންޓީނާ ނުކުންނާނީ އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ވެސްޓް ހޭމް ފައިނަލުން ޖާގަ ހޯދީ ނެދަލެންޑްސްގެ އޭޒެޑް އަލްކްމާ 1-3 ގެ އެގްރިގޭޓުން ބަލިކޮށްގެންނެވެ. ސެމީގެ ދެ ވަނަ ލެގްގައި ވެސްޓް ހޭމް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ޔޫރަޕްގެ ތިން ސެމީ ފައިނަލުގައި އިޓަލީގެ ފަސް ކްލަބް ވާދަކުރި އެވެ. ފައިނަލުގެ ޖާގައެއް ނުލިބުނީ ހަމައެކަނި ޔުވެންޓަސް އާއި މިލާން އަށެވެ. މިއީ ޔޫރަޕިއަން ކްލަބް ފުޓްބޯޅައިގެ ތާރީހުގައި އިޓަލީގެ ފަސް ކްލަބް ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ސީޒަނެވެ.