Roadha Mihaaru
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ

ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ

13 އެޕްރީލް 2018

ނިޔޯން، ސްވިޒަލެންޑް (އޭޕްރިލް 13) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިންގްލެންޑުގެ ލިވަޕޫލާއި އިޓަލީގެ އޭއެސް ރޯމާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިޔޯން، ސްވިޒަލެންޑް (އޭޕްރިލް 13) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިންގްލެންޑުގެ ލިވަޕޫލާއި އިޓަލީގެ އޭއެސް ރޯމާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑުގެ އާސެނަލާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސުގެ އޮލިމްޕިކް ލިޔޯނާއި އޮސްޓްރިއާގެ ސަލްޒްބާގެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 12 ފަހަރު ހޯދާފައިވާ މެޑްރިޑާއި ފަސް ފަހަރު ތަށި ހޯދާފައިވާ ބަޔާނުގެ ފުރަތަމަ ލެގު އޮންނާނީ މިއުނިކުގެ އެލިއަންޒް އެރީނާގަ އެވެ. މެޑްރިޑަށް 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޔުޕް ހެއިންކެސްގެ އިރުޝާދުގެ ދަށުން ބަޔާން ނުކުންނައިރު އެ ޓީމަށް މިވަނީ، މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން މެޑްރިޑް އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފަން ފުރުސަތު ލިބިފަ އެވެ.

ސްޕެއިން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ކަޓުވާލުމަށް ފަހު ސެމީން ޖާގަ ހޯދި ރޯމާ އާއި އިނގިރޭސި ލީގު ކާމިޔާބުކުރުމާ ދާދި ގާތުގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދުމަށް ފަހު ސެމީން ފުރުސަތު ހޯދި ލިވަޕޫލުގެ މެޗަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ވަނީ ހުއްޓިފަ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ލިވަޕޫލުގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ކުޅުންތެރިޔާ މުހައްމަދު ސަލާހް ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނަ ނުކުތުމެވެ. އޭނާ މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވީ ރޯމާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެވެ.

އަނެއްކޮޅުން މިއީ 1984 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގެ ރިޕީޓެކެވެ. ރޯމާ އިން މުބާރާތުގައި ތާރީހުގައި އަލަށް އެ ފަހަރު ފައިނަލުގައި ކުޅުނުއިރު، ފަސް ފަހަރު ތަށި ހޯދާފައިވާ ލިވަޕޫލް ވަނީ ރޯމުގައި ކުޅުނު އެ ފައިނަލުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ލިވަޕޫލާއި ރޯމާ ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގަ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ މި މަހުގެ 24 އަދި 25 ގަ އެވެ. ދެ ވަނަ ލެގު އޮންނާނީ މޭ 1 އަދި 2 ގަ އެވެ. ފައިނަލް މެޗު އޮންނާނީ ޔޫކްރޭނުގެ ކިއޭވްގައި މޭ 26 ގަ އެވެ. ފައިނަލުގެ ހޯމް ޓީމަކަށް ވާނީ މެޑްރިޑާއި ބަޔާނުގެ ތެރެއިން މޮޅުވާ ޓީމެކެވެ.

ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި މާސޭ އާއި ސަލްޒްބާގް ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެރޭ މާސޭގެ ދަނޑުގަ އެވެ. ސަލްޒްބާގުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ މޭ 3 ވަނަ ދުވަހުގެރޭ އެވެ. އަނެއްކޮޅުން މި މަހުގެ 26 ވަނަ ދުވަހުގެރޭ ފުރަތަމަ ލެގުގައި އެތުލެޓިކޯއާ ދެކޮޅަށް އާސެނަލް ނުކުންނާނީ އަމިއްލަ ދަނޑުގަ އެވެ. މޭ 3 ގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ މެޑްރިޑުގަ އެވެ. ފައިނަލް މެޗު އޮންނާނީ މޭ 16 ގައި ފްރާންސްގެ ލިޔޯންގަ އެވެ. ހޯމް ޓީމަކަށް ވާނީ މާސޭ އާއި ސަލްޒްބާގް ކުޅެ މޮޅުވާ ޓީމެކެވެ.