Roadha Mihaaru
އޭލެވެލްގައި އަހުމަދިއްޔާ އަށް ރަން އަަހަރެއް!

އޭލެވެލްގައި އަހުމަދިއްޔާ ގަދަ އަހަރެއް، 87 ކުދިން ޓޮޕް 10ގައި

21 މެއި 2023

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިޔަ އަހަރު އޭލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިޔަ އަހަރު އޭލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އެ ސްކޫލުގެ އޭލެވެލް އިމްތިހާނުގައި 206 ދަރިވަރުން ބައިވެރިވި އެވެ.

ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ އޭލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 87 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ހާސިލް ކޮށްފަ އެވެ. އަދި 25 ދަރިވަރަކަށް ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިފަ އެވެ.

"މިއީ އޭލެވެލްގައި އަހުމަދިއްޔާގެ ތާރީހުގައި އެންމެ ރަނގަޅު ނަތީޖާއޭ އަޅުގަނޑު ދަންނަވާނީ،" ރަޝީދު ވިދާޅުވި އެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުން

1. ހަ އޭ ސްޓާ ހޯދައި ޕިޒިކްސް އިން ދުނިޔެއިން އެއްވަނަ ހޯދި، ޝިނާ އަޝްރަފް

2. ފަސް އޭ ސްޓާ ހޯދައި ޕިޒިކްސް އިން ދުނިޔެއިން އެއްވަނަ ހޯދި، މަރިޔަމް އަހުމަދު

3. ފަސް މާއްދާއިން އޭ ސްޓާ ހޯދި، މަލްސާ މުޖުތަބާ

2021 ގެ އޯލެވެލް އިމްތިހާނުގައި ޓޮޕް 10ގައި ހިމެނުނު އަހުމަދިއްޔާގެ ބައެއް ދަރިވަރުން

2021 ގެ އޯލެވެލް އިމްތިހާނުގައި ޓޮޕް 10ގައި ހިމެނުނު އަހުމަދިއްޔާގެ ބައެއް ދަރިވަރުން

ސަރުކާރުންދޭ ސްކޮލާޝިޕް އެންމެ ގިނައިން ލިބުނީ ސީއެޗްއެސްސީ އަށެވެ. އަހުމަދިއްޔާ އަކީ ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް އެވޯޑް ދެވަނަ އަށް އެންމެ ގިނައިން ލިބުނު ސްކޫލެވެ.

އެ ސްކޫލަކީ މިދިޔަ އަހަރު އޯލެވެލް ގަދަ 10ގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ސްކޫލެވެ. އެ ސްކޫލުގެ 54 ދަރިވަރަކު ވަނީ އެ އެވޯޑް ހާސިލުކޮށްފަ އެވެ.

ރަޝީދު ވިދާޅުވީ މި ނަތީޖާގެ ސިއްރަކީ އެ ސްކޫލުގައި ކިޔަވައިދޭން ތިބި ޓީޗަރުންނާއި ކުދިންގެ ހިތްވަރު ކަމަށެވެ. އޭލެވްގައި އެހާ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދުމަކީ އޭގެ އެއް މިސާލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރު ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރުން ހާސިލްކުރިއިރު 17 ކުއްޖަކު ވަނީ ރައީސްގެ ސްކޮލާޝިޕް ހާސިލްކޮށްފަ އެވެ.